ދިގުވާހަކަ: ހިތާމައިގެ ރާނީ (1)
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ

ދިގުވާހަކަ: ހިތާމައިގެ ރާނީ (1)
އިރު އޮއްސެމުން ދިޔައިރު ހުޅަނގު ފަރާތު އުދަރެހުގައި އަނދުންކޫރެއްހެން ދަމާލި ވިލާރޮއްޖެއް ބޯވަމުން އައިސް މުޅި އުދަރެސް ބައްދަނީއެވެ. ވިލާގަނޑުގެ ބޯކަމުން އިރު އޮއްސުމުގެ ކުރިން އަނދިރިކަން ވެރިވާން ފަށައިފިއެވެ. ކެތީގެފެނާއި ޖެހެނީއެވެ.
ބާރުވަމުން އައި ވައިރޯޅިއާއެކު ގަސްތަކާއި ރުއްތަކުގެ ފަންތަކުގައި ވައިއަޅައި އިވެމުން އަންނަ ބޫންއަޑަށްވުރެ ރާރުއްތަކުގެ ފަންތަކުގައި އެކުލުވާފައިވާ، ބިއްލޫރި ފުޅިތައް އެކަތި އަނެކައްޗާ ޖެހޭއަޑުން އިވޭ އަޑު މާބާރެވެ. ވައިރޯޅީގެ ހަމަޔަށް ފަންތައް ލެނބެމުން ވިހުރުވެމުންދާއިރު މާހައުލުގައި ފުޅިތަކުގެ އަޑާއިއެކު ގުގުމަމުންދިޔައީ ހަމައެޅިފައިވާ މިޔުޒިކެއްގެއަޑެވެ. އެހެން ނަމަވެސް މޫސާ ސިއްސައިގެން ދިޔައީ އެއަޑުތަކާއި އެކުލަވައި އިވުނު ބާރުއަޑުފަށްގަނޑުގެ ސަބަބުންނެވެ. އަތުގައި އޮތް ކަންފަތި ދޫވެގެން ރުށްދޮށަށް ނުވެއްޓުނީ ކިރިޔާއެވެ. ރުކުގެ ފަނެއްގައި އެލުވާފައި ހުރި ބިއްލޫރިފުޅިތަކުގެ ތެރެއިން ފުޅިއެއް ތަޅައިގެން ދިޔައީއެވެ.
އެތްލަނބައި އިހާގޮޑީބުޑަށް ބައިންޖަހައި ނިންމާފައި، މޫސަ އަވަސްވެގަތީ އެތްއޮޅާށެވެ. އަތުގައި ހުރި ކަށިކެޔޮފަތްތައް އެތުގައި އޮޅައި ބާރުކޮށް، ދިއްގާ ވަކައިން ބަނދެލީ ނަގާ ބޯމަތި ކުރަމުން އައި ވިލާ ގަނޑާއި ބާރުވަމުން އަންނަ ވައިރޯޅީގެ ސަބަބުން ހިތަށް ވެރިވަމުން އައި ނުތަނަވަސްކަމާއި އެކުގައެވެ. ރާބަދިތައް ނަގައިގެން އަވަހަށް ރުކުން ފޭބޭތޯ އޭނާ އަވަސްވެގަތެވެ.
ބޯމަތީ އުދުހެމުން ދިޔަ ކާޅުތައް ފިޔަމަޅާލައި ވައިދަށަށް ފައްސިޔަކޮއްލިތަން މޫސަ ދުށްޓެވެ. ދުރުން އުދުހެމުން ދިޔަ ވާލުގެ ބައިގަނޑެއްގެ މިސްރާބުވެސް ހުރީ އިރުމަތި ފަރާތުގައި ހުރި ބޮޑު ނިކަގަހާއި ދިމާއަށެވެ. މޫސުމް ގޯސްވަމުން އަންނަކަން އެސޮރުމެންނަށްވެސް އެނގުނީއެވެ.
"މޫސަ ބޭ!" ރާރުއްދޮށަށް ހުއްޓިފައި ކުއްޖަކު ގޮވާލިއަޑު އިވުނެވެ. އެސޮރުވެސް ހުރީ ވައިރޯޅިއާއެކު ބުރުވަން ފެށި ހިމުން ވެލީން ލޯދިލުވާލަން ނުކެރިފައެވެ.
"ކޮޔާ ކިހިނެއްވީ!" ވައި ބާރުކަމުން މޫސާވެސް އެސޮރަށް ޖަވާބުދިނީ ފާޑަކަށް ހަޅޭލާ ކަހަލަ ގޮތަކަށެވެ.
"ދޮންދައިތަ އެބަ ހޯދާ. އަވަހަށް ގޭދޮށަށް އަންނާށޯ؟" ރުކާއި ދިމާއަށް މައްޗަށް ބަލަން ހުރެ ގޮވާލާފައި އެސޮރު އެއްގަމާއި ވީފަރާތަށް އަޅައި އިތިކޮށް ދުއްވައިގެންފިއެވެ.
އަތްމަތި އަވަސްކޮށްލާފައި، ބަދިތައް ނަގައި އައު ބަދި އެތްތަކުގައި އަޅުވާފައި މޫސަ ރުކުން ފޭބީ، އެތްތައްވެސް ނުކޮށައެވެ. ސާދަރުކުން ހަވީރު އޭނާއަށް ރާ ބޭލުނު އިރު އެންމެ ފަހު ރުކުގައި އެތް ނުކޮށުނަސް އެއީ ގެއްލުމެއް ނޫންކަމަށް އޭނާ ދުއްޓެވެ.
އެއް އަތުން ބަދިތައް ހިފައިގެން އަނެއް އަތުން ރުކުގައި ހިފައި މޫސައަށް ފަސޭހައިން ފޭބުނީ އެރުކަކީ ހަރުބަނދެފައި ހުރި ރުކަކަށް ވާތީއެވެ.
ބިންމަތީގައި ފައިޖެހުމާއި އެކު މުންޑުން ފޫގަޅި ނިއުޅުވާލައި ހަރުކޮށް ހިނގައިގަތީ އެއްގަމަށެވެ. އޭރު ކޮޅިގަނޑުގެ ހަމަވައިޖެހެން ފަށައި ހަތަރު އުދަރެސް އެކީ އެކައްޗަކަށް ބައްދައިފިއެވެ. ކުޑަ މިސްކިތް މަގުން ގޭދޮށުމަގަށް މޫސައަށް ނުކުމެވުނުތަނާ ބޯވާރޭގެ ކެރިގަނޑު އޮއްސާލައިފިއެވެ. އެހެންވެ ވާރެޔާ ހިޔާވާން އޭނާ ވަންނަން ޖެހުނީ، ދޮންއައިސަ ގޭގެ ފިޔަފާޅިގަނޑު ދަށަށެވެ.
އެއީ ގައުފޮޅުރާނައި، މެއްލަޖަހައި ދުނބުރި ދަނޑިން ބިއްގަތައި ފަންލާފައި ހުރި، އާދައިގެ ގެއެކެވެ. ގޭގެ އަސްކަނިދޮށަށް ވާގޮތަށް ހަދާފައިވާ ފިޔަފާޅިގަނޑަކީ، ދޮންއައިސަ ރޯނުވަށަށް އިންނަތަނެވެ. މިހާރުވެސް އެތަނުގައި ހައެއްކަބޮނޑީ ފަނާއި، ރޯނުބޮނޑިތަކަކާއި، އަޅާފައި ހުރި ލީލިތައް އެބަހުއްޓެވެ. ވަށަށް ފަށާފައި އޮތް ރޯނު ފޯލީގެ އެއްކޮޅު އޮތީ ރޯނު ކަށަ ތެރޭގައެވެ.
"ކެރިގަނޑުގައި ލައްވާލީދޯ" ގޭގެ ދޮރުމައްޗަށް ނުކުމެފައި ދޮންއައިސަ ބުންޏެވެ. އޭނާ ނުކުތީ ފުޅިބައްތިތައް ތަކާއި، މަށިތެޔޮފުޅިއެއް ހިފައިގެންނެވެ.
"ތިޔަހަރަ ކަށައިގައި ބަދިތައް އަޅުވާފައި ތިޔަ ގޮނޑީގައި އިށީނދެ ބަލަ. ހިޔެއް ނުވޭ އަނދިރި ނުވަނީސް ކެރިގަނޑު ތުނިކޮށްލާނެ ހެނެއް." ފިޔަފާޅި ގަނޑު ދަށުގައި ދޮންވެލިގަނޑުމަތީގައި ހުރި ކޮޅުފިލާ ގޮނޑީގައި އިށީންނަމުން ދޮންއައިސަ އިޝާރަތްކުރީ އެތަނުގައި ހުރި ދިގު ގޮނޑިއަށެވެ.
މޫސަވެސް ދޮން އައިސަބުނި ބަހަށް ބަދިތައް އަޅުވާފައި އެގޮނޑީގައި އިށީނެވެ.
ދޮންއައިސަ ބައްތިތަކުން ފީތާނަގައި ފުޅިތަކަށް ހިމުން ވެލިއަޅައިގެން ފޮހެން ފަށައިފިއެވެ. ރެއަށް ބައްތި ދިއްލަން އޭނާ ތައްޔާރުކުރަނީއެވެ.
"އާދަނު ކޮބައިތަ؟" ހިނދުކޮޅެއްގެ ހިމޭންކަން ފޫދުއްވާލީ މޫސަގެ އަޑުންނެވެ.
"މަހަށް ގޮސްވީ. މިރޭ އެމީހުން ތިބޭނީ ކަނޑޫދޫގައިހެން ހީވަނީ. އެކަހަލައެއް އެއްޗެއް ބުނި. ވައި ފައްސިޔައަށް ނުދުއްވެންޏާ ރަށަށް އަންނަ ފަސޭހައެއް ނުވާނެތާ!" ދޮން އައިސަ ރަކިފާޑަކަށް ހީނގެންފައި ބުންޏެވެ.
އަނެއްކާވެސް ދެމީހުންގެ މެދުގައި ދިޔައީ ހިމޭން ކަމުގެ ވަގުތުކޮޅެކެވެ. މޫސަ އެއްޗެއް ނުބުންޏެވެ. މާޒީގެ ފޮނި ހަނދާންތައް އޭނާ ދަމައިގެންދަންފެށީ އެތައް އަހަރެއްގެ ކުރިއަށެވެ. ދޮން އައިސައާ އާއި އޭނާގެ ޅަފުރާގެ ދުވަސްތަކަށެވެ.
******
އުމުރުން އަށެއްކަ އަހަރުގެ އެއް ފުރާގެ ކުދިންތަކާއި އެކު މޫސަވެސް އުޅުނީ ބުރުނީ ގޮނޑުދޮށުގައި ބޫރިޔާ ހިފާށެވެ. ދިވެހި ރުކެއްގެ ދިގު ބޮންތި ފަންވަތެއް ހިފައިގެންނެވެ. ކުއްލިއަކަށް ދުވެފައިގޮސް ރާޅުޖަހާފަށުގައި ފަންވަތް އަޅުވާ ދަމާލާފައި ބޫރިޔާތައް އެއްގަން ކުރަނީއެވެ. ލޮނުގަނޑު ފަސްގަނޑުމައްޗަށް ހިކޭ ބޫރިޔާތައް ހޮވައި ބިއްލޫރި ފުޅިފުޅިއަށް އަޅައި އުޅެނީ މޫސަ އާއެކުގައި އައި އެހެން ކުދިންނެވެ. ކޮންމެ ފަހަރަކު ބޫރިޔާތައް އެއްގަމަށް އެރުވުމާއި އެކު ކުދިންތައް ހަޅޭލަވައިގެންފައި، ބޫރިޔާތައް ހޮވުމަށް އަވަސްވެ ގަނެއެވެ. އެމަންޒަރުން ދެކެން ހުންނަ މީހާއަށް ސިފަވާނީ ރަށްފުށުގެ ކުދިންގެ މިނިވަންކަމާއި އުފަލެވެ. އެއީ ހިތަށް ހަމަޖެހުން ލިބޭ އުފާވެރި މަންޒަރެކެވެ.
މޫސަ އެއްފުރާގެ އެހެން ކުދިންނަށް ދައްކާލަމުން ދިޔައީ ބޫރިޔާ ހިފުމުގައި އޭނާގެ ހުރި ކުޅަދާނަކަމެވެ.
ރާޅުޖަހާފަށުގެ ލޮނުގަނޑުގައި އަނެއްކާވެސް ފަހަތަށް ފަހަތަށް އޭނާ ދެމިގަތެވެ. އެކަމަކު ފުރަގަހުން މީހެއްގެ ގައިގައި ޖެހުމާއި އެކު މޫސަ ވެއްޓުނީއެވެ. އެވެއްޓުމާއި އެކުގައި އޭނާގެ ބޮލުގައި އެޅުނީ މަތިން ވެއްޓުނު ތެއްޔެކެވެ.
"އަހާނ ކަލޯ" މޫސައަށް އިވުނީ އަންހެނަކު ހަޅޭލަވައިގަތް އަޑެވެ.
ހަމައެވަގުތު އެހެން މީހަކު، މޫސަގެ ބޮލުން ތެލި ނަގައިފިއެވެ. ހުޅުވާލެވުނު މޫސާގެ ލޯދުށީ ދޮންބައްޓެއް ފަދަ ޅަނދޮޅު އަންހެން ކުއްޖެއްގެ މޫނެވެ. އެއީ ދޮން އައިސައެވެ. މޫސަގެ ބޮލުން ތެލި ނެގީ އޭނާއެވެ. ހުރީ ކަންބޮޑުވެފައެވެ. އިދިފުށަށް ވެއްޓިފައި އޮތް ދަލޭކަ ދައިތަ މޫސައަށް ފެނުނީ ދެނެވެ. ދޮން އައިސަ ފެނުމުން ގަތްލަދަށް ވުރެ އޭނާގެ ގައިގައި ދަލޭކަ ދައިތަ ވެއްޓިފައި އޮތްތަން ފެނުމުން ގަންނާކުރެއްވި ބިރު މޫސަ އަޅައި އިތިކޮށް ދުއްވައިގަތީ އެހެން ކުދިންނަށްވެސް ބެލުމެއް ނެތިއެވެ. މޫސަ ދުއްވައިގަތީމާ އެހެން ކުދިންވެސް ދުއްވައިގެންފިއެވެ. ހެމުން ދުވަމުން އެކި ކުދިން އެކިދިމާއަށް ގޮސް ގެއްލިއްޖެއެވެ.
"ދުވާނެ ކަމެއް ނެތް މޫސާ ކަލޯ. އަތުޖެހިއްޖިއްޔާ އިލޮށިފަތީގެ ފަލަކޮޅު ދައްކައިލާނަން." ދަލޭކަ ދައިތަ ތެދުވަމުން ކުކުރަމުން ހަޅޭ ލަވައިގަތެވެ.
ތަންކޮޅެއް ދުރުގައި ތެލިދޮންނަށް އޮތް އެހެން އަންހެނަކު، ތެލިތައް ބަހައްޓާފައި ދަލޭކަ ދައިތަ ގާތަށް އައެވެ.
" ތަދުވިތަ ދައިތާ" އޭނާ އެހިއެވެ. އެއީ މުދިންގޯތީ ހައްވައެވެ. މޫސާގެ ތިމާގެ މީހެކެވެ. ދުވެފައިގޮސް އެއްގަމު ހުރި ބޯށިގަހުގެ ނިވަލަށް ވަދެ މޫސަ ފިލައިފިއެވެ. އެހެން ނަމަވެސް ދެކޯޅިގަނޑު ދޭތެރެއިން އޭނާ ހުރީ ދަލޭކަ ދައިތަ ހަދާގޮތެއް ބަލާށެވެ. އޭނާ ހުރިލެއް ދުރުކަމުން ދައިތަމެން ދައްކާ ވާހަކައެއް މޫސާއަކަށްވެސް ނޭނގެއެވެ.
"ދައިތަވެސް ބަލާނުލާ ފޭބީމާއޭ ތިޔަހެން ތިވީ. އެ ކުދިވެރިން މިތާ ބޫރިޔާ ހިފައި ސަކަރާތްގަންނަތާ ކިތަންމެ އިރެއް." ދަލޭކަ ދައިތަގެ ލިބާހުގެ ފުރަގަހުގައި ތަތްލަވާފައި ހުރި، ތެތް ދޮންވެލި ފޮޅައިދެމުން ހައްވަ ބުންޏެވެ.
"މިހަރަ މަންޖެއަކާ ހެދިވެސް ތަނެއް ފެންނަވަރުތަ؟ ލިބާހުގެ ފަސްބައިން ދޫކޮށް ނުލާ ވިއްޔާ!" ތެލިތައް އަލުން ނަގައި ކިހިލި ޖަހަމުން ދަލޭކަ ދައިތަ ބުންޏެވެ.
"ތެދެއް ކަނބުލޯ! މިހާރު ތިޔަހަރަ ލިބާސް ލައްވާ އުމުރަށް ދަނީ. އަމާ ފަސްބައިން ދުވަސް ކޮޅަކުން ދޫކޮށްލަން ޖެހިދާނެ!" ހައްވަ ބުނިބަސް އިވިފައި، ދޮން އައިސަގެ މޫނު ދިޔައީ ލަދުން ރަތްވެގެންނެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް