ރާއްޖެ

"ހިމޭން އަޑު" ގެ ނަމުގައި ޚާއްޞަ ޓީވީޕްރޮގްރާމެއް ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

"ހިމޭން އަޑު" ގެ ނަމުގައި ޚާއްޞަ ޓީވީޕްރޮގްރާމެއް ފަށައިފި

ހިމޭންއަޑު ފުރަތަމަ ޕްރޮގްރާމްގެ ބައިވެރިން --

ގެވެށި އަނިޔާ ނުވަތަ ވަކި ވަކިޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާއަށް އަމާޒުކޮށް އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް (އަމްފާ) ގެ ފަރާތުން އެސްއެސްމީޑިޔާއާއި ގުޅިގެން "ހިމޭން އަޑު" މިނަމުގައި ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑު ބުދަދުވަހުގެ ރޭ ވަނީ އެސްއެސްޓީވީ އިން ދައްކާފައެވެ.

ރޭގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވީ ޔޫއެންއެފްޕީއޭ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހިމްއާއި މަދަނީ ޖަމިއްޔާއެއްކަމަށްވާ ހޯޕް ފޮރ ވިމެންގެ ޗެއަރޕާރސަން އަޙުމަދު އަންވަރެވެ.

ރޭގެ ޕްރޮގްރާމްގައި ގެވެށި އަނިޔާ ނުވަތަ ވަކި ވަކިޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާ މާނަ ކޮށްދިނެވެ. އަދި ޕްރޮގްރާމްގައި ގެވެށި އަނިޔާ ނުވަތަ ވަކިޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާތަކަކީ އިންސާނީ ޙައްޤުތަކާއި ގުޅިފައިވާ ކަންކަންކަމާއި ގުޅޭ ގޮތުން ވަނީ ވާހަކަދައްކާފައެވެ. އަދި މިއަނިޔާތަކުގެ ޝިކާރައަކަށްވެފައިވަނީ ހަމައެކަނި އަންހެނުން ނޫންކަމާއި ފިރިހެނުންނާއި ދެ ޖިންސުގެ ކުޑަކުދިންވެސް މި އަނިޔާތައް ތަހައްމަލު ކުރަމުންދިޔަ ކަމުގައިވިޔަސް، ނިސްބަތުން އަންހެނުންނަށް އަނިޔާ ލިބޭ މިންވަރު ބޮޑުކަން ތަފާސްހިސާބުތަކުން ދައްކާކަމަށް އެފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މިއަދުގެ ދިވެހި މުޖުތަމަޢުގައި، އޮންލައިންކޮށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ އަނިޔާ އިތުރުވަމުންދާ ކަމަށްވެސް އެބޭފުޅުންގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

ހިމޭންއަޑުގެ ސިލްސިލާ އެސްއެސްޓީވީއިން ދައްކާނީ ކޮންމެ ބުދަދުވަހެއްގެ ރޭގަޑު 10ގަ އެވެ.

ހިމޭންއަޑުގެ ސިލްސިލާ ފެށުނީ ބެލުންތެރިންނަށް ކުރި އިލްތިމާސުގެ މެސެޖަކުންނެވެ. އެ އިލްތިމާސްގެ މެސެޖުގައި ޕްރޮގްރާމްގައި ގެވެށި އަނިޔާގެ ވާހަކަ ދެކެވޭނެކަމަށާއި އޭގެ ތެރޭގައި ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ ވާހަކަ ހިމެނޭނެކަން ފާހަގަކޮށްފައިވެއެވެ. އަދި ބެލުން ތެރިންނަށް ނުތަނަވަސްކަން އިޙްސާސް ކުރެވިދާނެ ފަދަ ވާހަކަތަކެއް ދެކެވޭނަމަ، ޕްރޮގްރާމް ބެލުމުގައި ސަމާލުވުމަށް ނުވަތަ ޕްރޮގްރާމް ބެލުން މެދުކަނޑާލުމަށް ނަސޭޙަތްތެރިވާނެއެވެ.

އަމްފާއަކީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ވިސްނުމުގައި 2024 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިފައިވާ މަދަނީ ޖަމްޢިއްޔާއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް