Post banner
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުކޮށް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ގޮވާލައި މަޖިލީހުން ޤަރާރެއް ފާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުކޮށް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ގޮވާލައި މަޖިލީހުން ޤަރާރެއް ފާސްކޮށްފި

ސިޔާސީ ޕާޓީތަކުން ޤާނޫނާއި ޚިލާފަށް ހިންގަމުން އަންނަ ކަންކަން ހުއްޓުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅައިފިއެވެ.

މިޤަރާރު ހުށައެޅުއްވީ، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ.

މިޤަރާރު މަޖިލީހަށް ހުށައަޅާފައި ވަނީ، ރައީސް ޔާމީނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފް އިން، މަގުމަތީގައި ކުރަމުން އަންނަ މުޒާހަރާތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ފުރައްސާރަވާ ގޮތަށް ވާހަކަތައް ދައްކައި ހަރަކާތްތައް ހިންގަމުންދާ ދަނޑިވަޅުގައެވެ.

މިޤަރާރަށް ވާހަކަ ދެއްކެވުމަށް ހުޅުވާލި ފުރުޞަތުގައި، މަޖިލީހުގެ މެމްބަރުންގެ ތެރެއިން ވާހަކަފުޅު ދެއްކެވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، މީކާއީލް އަޙްމަދު ނަސީމެވެ. މީކާއީލްގެ ވާހަކަފުޅުގައި އެޤަރާރަކީ، ވަކި ކަމެއް ހުއްޓުވަން ހުށައަަޅާފައިވާ ޤަރާރެއްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން، ޕީއެންސީގެ މެމްބަރުން ވަނީ މީކާއީލްގެ ވާހަކަފުޅަށް ހުރަސް އަޅާފައެވެ. އަދި މަޖިލީހުގެ ރިޔާސަތުންވެސް މީކާއީލްގެ ވާހަކަފުޅު އެތައް ފަހަރަކު ހުއްޓުވިއެވެ.

ހޮޅުދޫ ދާއިރާގެ މެމްބަރު ހުށައެޅުއްވި މިޤަރާރު ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި، މަޖިލީހުގެ 41 މެމްބަރުން ވޯޓު ދެއްވީ، އެޤަރާރު ބަލައިގަތުމަށެވެ. 8 މެމްބަރުން ދެކޮޅަށް ވޯޓުދެއްވިއެވެ. އެޤަރާރު މަޖިލީހަށް ބަލައިގަންނަން ފާސްވުމުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އެ ޤަރާރު ފޮނުއްވުނީ ކަމުގައި މަޖިލީހުގެ ރިޔާސަތުން އިޢުލާނުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު މިޤަރާރު ހުށައެޅި އިރު، ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުކޮށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. އަދި އެއަމުރަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ، ޕާޓީތަކަށް އަންގާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް