ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ރައީސް މުޢިއްޒު ޒިޔާރާތްކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް މުޢިއްޒު ވަނީ އެ ސަރަހައްދަށް ޒިޔާރާތްކޮށް، ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވާ ސަރަހައްދު މުގާރިބުކުރައްވާފައި --- ފޮޓޯ: ޕީއެސްއެމް ނިއުސް
ވ. އަލިމަތާ ކައިރިން ކަނޑުގެ 58 މީޓަރު ފުނުގައި ހުންނަ، ކަނޑުއަޑީގެ ހޮހަޅައަކަށް ޑައިވްކުރި 5 ފަތުރުވެރިންގެ ތެރެއިން އެކަކު ނިޔާވެ، 4 ފަތުރުވެރިން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ރައީސް މުޢިއްޒު ޒިޔާރާތްކުރައްވައިފިއެވެ.
ރައީސް މުޢިއްޒު ވަނީ އެ ސަރަހައްދަށް ޒިޔާރާތްކޮށް، ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވާ ސަރަހައްދު ބައްލަވާލައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ މި ހާދިސާއާ ގުޅިގެން އިޓަލީ ވިލާތުގެ ރައީސްއާއި ރައްޔިތުންނަށް ރައީސް މުޢިއްޒު ތަޢުޒިއްޔާ ވިދާޅުވެފައެވެ. އަދި ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނަކީ ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ކުރައްވަމުންގެންދަވާ މަސައްކަތެއް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޢުއްޒިޔާ މެސެޖު ހިއްސާކުރައްވާ، އެ ސަރަހައްދު މުގާރިބުކުރެއްވުމަށް އެމަނިކުފާނު ޒިޔާރަތްކުރައްވާފައިމިވަނީ މި ހާދިސާއާ ގުޅޭ އޮޕަރޭޝަންގެ މައުލޫމާތު ދޭނީ، ރައީސް އޮފީހުން ކަމުގައި އެމްއެންޑީއެފުން ވިދާޅުވެފައިވަނިކޮށެވެ.
އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިން، ކަނޑުއަޑީގައިވާ ހޮހަޅައަށް ޑައިވިނަށް ފޭބި ފަހުން އެމީހުންގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ގެއްލުނު ފަތުރުވެރިން ހޯދުމަށް ފެށި އޮޕަރޭޝަނުގައި، ހޮހަޅައިގެ ތެރެއިން އެކެއްގެ ހަށިގަނޑުވަނީ ފެނިފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، އިއްޔެ އިރު އޮއްސި 18:13 ހާއިރު އެ ހޮހަޅައިގެ ތެރެއިން ކަމަށެވެ.
އެމްއެންޑީއެފުން އިއްޔެ ވިދާޅުވީ، ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށެވެ. އަދި މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު އިއްޔެ އެސަރަހައްދަށް ފޮނުވާފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މީގެ އިތުރުން މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމުގައިވެސް އިއްޔެ އެމްއެންޑީއެފުން ވަނީ ވިދާޅުފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް