މިހާރު ދުނިޔޭގައި 7 ވަނައަށް އެންމެ ތެޔޮ އަގުބޮޑީ ދިވެހިރާއްޖޭގައި!
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެވަރެޖްކޮށް ފުލް ޓޭންކަކަށް 80 ރުފިޔާ މިހާރު ހަރަދުވޭ -- ފޮޓޯ: ޕީއެސްއެމް
މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން، މިހާރު ދުނިޔޭގައި 7 ވަނައަށް އެންމެ ތެޔޮ އަގު ބޮޑު ޤައުމަކީ ދިވެހިރާއްޖެކަމުގައި އަލްޖަޒީރާއިން ހާމަކޮށްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ތެލުގެ އަގު ވަނީ މިއަހަރުގެ ފެބްރުއަރީ މަހާ އަޅައިކިޔާއިރު 18.54 އިންސައްތަ އުފުލިފައެވެ.
އެގޮތުން މީގެ ކުރިން ޕެޓްރޯލް ލީޓަރެއް 13.50 ރުފިޔާއަށް ވިއްކި އިރު، އެ އަގު މިހާރު ހުރީ 16.01 ރުފިޔާގައެވެ. މިއީ 2.51 ރުފިޔާގެ އިތުރުވުމެކެވެ. ބައެއް ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި އެވަރެޖްކޮށް ފުލް ޓޭންކަކަށް 80 ރުފިޔާ މިހާރު ހަރަދުވެއެވެ.
ދިވެހިރާއްޖޭގެ ކުރިއަށް އެ ލިސްޓުގެ 6 ވަނައިގައި އޮތީ އަވައްޓެރި ޕާކިސްތާނެވެ.
އެ ގައުމުން ވަނީ ތެލުގެ ހަރަދު ކުޑަކޮށް ރިޒާވް ހިފެހެއްޓުމުގެ ގޮތުން ބޮޑެތި ފިޔަވަޅުތައް އަޅާފައެވެ. ތެލާއި ގޭހުގެ ރިޒާވް ނެތް ޕާކިސްތާނުގައި ސަރުކާރު އޮފީސްތައް ހުޅުވާނީ ހަފްތާއަކު ހަތަރު ދުވަހުއެވެ. މީގެ އިތުރުން، ސްކޫލުތައް ބަންދުކޮށް، 50 އިންސައްތަ އަށް ވުރެއް ގިނަ މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.
މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން، ޚަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރަށްރަށުގައި މިފަހަރު ޢީދު ލައިޓް ނުދިއްލުމަށް ދިވެހިރާއްޖޭގެ ސަރުކާރުންވެސް ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.
ނަމަވެސް، ފާއިތުވެ 2 އަހަރުގެ ތެރޭގައި އެކަމަށް އެކަނިވެސް 84 މިލިޔަނެއްހައި ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެފައިވާއިރު، މިއީ މިފަދަ ޚަރަދެއްކުރަން އެންމެ މުނާސަބު ވަގުތުތޯ ބައެއް ފަރާތްތަކުން ސުވާލުއުފައްދައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް