ޝަކުވާތައް ފެންމަތިވުމުން ޖަލު ފިހާރަ މުދަލުން ފުރާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޖަލު ފިހާރައަށް މުދާ ވައްދާފައި -- ފޮޓޯ: މީސް މީޑިއާ
މާފުށީ ޖަލުގައި ހުންނަ، ކަރެކްޝަންސްގެ ފިހާރައިން އަސާސީ ބާވަތްތަކުގެ މުދާ ނުލިބޭކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާއަށް ފެންމަތިކުރުމާއެކު، ޖަލު ފިހާރައަށް މުދާ ވައްދައިފިއެވެ.
ޖަލަށް އާއިލީ ބައްދަލުވުމަށް ދާ މީހުންނަށާއި، ޖަލުގެ ގައިދީންނަށް ހުޅުވާފައިވާ އެފިހާރައިގައި ކާބޯތަކެއްޗާއި ރީތިވާ ސާމާނުފަދަ އަސާސީ ތަކެތި ލިބެން ނެތުމުގެ ޝަކުވާ އިއްޔެ ވަނީ މީހަކު ސޯޝަލް މީޑިއާއަށް ފެންމަތިކޮށްފައެވެ. އޭނާ ވަނީ، ފިހާރައިގެ ހަރުތައް މުޅިން ހުސްކޮށް ހުރި ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.
ޖަލަށް އާއިލީ ބައްދަލުވުމަށް ދާމީހުންނަށް، ކާބޯތަކެތި ހިފައިގެން ނުދެވޭއިރު، ކެއުމަށް ބޭނުންވާ ލުއިކާނާގެ ބާވަތްތައް ގަންނަން ޖެހެނީ އެފިހާރައިންނެވެ. އެހެން ނަމަވެސް އެފިހާރައިގައި އެފަދަ އެއްވެސް މުދަލެއް ނެތުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރިއެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެމްބަރަކު މިއަދު ވަނީ، ޖަލު ފިހާރައަށް މުދާ ވައްދައި ހަރުތައް ފުރާލާފައިވާ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ޖަލުގެ ފިހާރައިގެ ރެކްތައް ހުސްކޮށް ހުއްޓައި ނަގާފައިވާ ވީޑިއޯއަކީ، ފިހާރަ ސާފުކުރުމަށް ހަރުތައް ހުސްކޮށްފައި ހުއްޓައި ނަގާފައިވާ ވީޑިއޯއެއް ކަމަށްވެސް ބުނެފައި ވެއެވެ.
މާފުށީ ޖަލުގައި ހުންނަ ކަރެކްޝަންސްގެ ފިހާރައިން، ކެއިންބުއިމާއި ގައިން ތާހިރުވުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ނުލިބޭ ކަމުގެ ޝަކުވާތައް ޖަލުގެ ގައިދީންގެ ފަރާތުންވެސް ވަނީ ކުރިމަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް