ލޯންޗު އެކްސިޑެންޓްވީ މުދާ އުފުލާ ދޯންޏެއް ޖެހިގެން، ފިލައިގެން ދިޔަ ދޯނި ހޯދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެކްސިޑެންޓްވި ލޯންޗު ---
މިއަދު ފަތިހު، މާލެ ކައިރިން ހިނގި އެކްސިޑެންޓްގައި ލޯންޗުގައި ޖެހިފައި ވަނީ، މުދާ އުފުލާ ދޯންޏެއް ކަމުގައި މައުލޫމާތު ލިބިއްޖެއެވެ.
އެކްސިޑެންޓްވި ލޯންޗުގެ ކެޕްޓަނާއި، އާއިލީ ގުޅުން ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ލޯންޗުގައި ޖެހިފައިވަނީ، މުދާ އުފުލާ ދޯންޏެކެވެ. އެކްސިޑެންޓްވެ ލޯންޗު ވަރަށް ބޮޑަށް ހަލާކުވެ އޭގައިތިބި ކެޕްޓަނާއި ފަޅުވެރިޔާ ޒަޚަމްވެފައި ވަނިކޮށް، އަޅާނުލައި، އަދި ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްނުކޮށް ދޯނި ފިލައިގެން ދިޔައީއެވެ. އެހެން ނަމަވެސް ފުލުހުން މިހާރު އެދޯނި ހޯދާފައިވާ ކަމުގައި މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

އެކްސިޑެންޓް ހިނގުމާއި އެކު، ލޯންޗުގެ ކުރީކޮޅު ހަލާކުވެ ލޯންޗު ދުއްވަން އިން ކެޕްޓަން، ހުންގާނާއި ޝީޓާއި ދެމެދު ފިތުނެވެ. އަދި ކެޕްޓަންގެ ފައި ދެތަނަކުން ބިންދައިގެން ގޮސް މޭމައްޗާއި ކަރަށް ބިއްލޫރި ހެރި ޒަޚަމްވެފައި ވަނިކޮށް އެހާލަށް ދޫކޮށްލާފައި ދޯނީގައި ތިބި މީހުން ވަނީ އަޅައި ނުލައި ގޮސްފައެވެ. އަދި އެކްސިޑެންޓް ހިނގިކަން ލޯންޗުގެ ވެރިފަރާތަށް ރިޕޯޓްކުރީ، ލޯންޗުގައި ހުރި ބަނގުލަދޭޝްގެ ފަޅުވެރިޔާ ކަމަށާއި، އަދި މެރިންޕޮލިހާއި ކޯސްޓްގާޑަށް ރިޕޯޓް ކުރީ ލޯންޗުގެ ވެރިފަރާތުން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ. މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:19ގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ހާދިސާގެ ތަހުގީގުން ކުރި މަސައްކަތުން، ލޯންޗު ޖެހުނު އުޅަނދު މިހާރު ވަނީ ދެނެގަނެވިފައި ކަމަަށާއި، ލޯންޗު ޖެހިފައިވަނީ ސަޕްލައި ދޯންޏެއްގައި ކަމަށެވެ.
އެކްސިޑެންޓަށްފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން ކަމަށާއި، އަދި މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަނިޔާވި ލޯންޗު ކެޕްޓަނަށާއި، ފަޅުވެރިޔާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އެދެމީހުންގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް