ރާއްޖެ

މިޔަރެއް ހަމަލާދިނުމުން ލިބުނު ޒަޚަމްތަކާއި ގުޅިގެން ފަތުރުވެރިއެއްގެ ފައިބުރިކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިޔަރެއް ހަމަލާދިނުމުން ލިބުނު ޒަޚަމްތަކާއި ގުޅިގެން ފަތުރުވެރިއެއްގެ ފައިބުރިކޮށްލައިފި

ކޫއްޑޫ --

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން އޭނާގެ ފައިބުރިކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވީ، ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށް ކަމަށާއި، އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައި ކަމަށެވެ. މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން މިހާރު ވަނީ ބުރިކޮށްލާފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފަތުރުވެރިޔާގެ ގައިގައި މިޔަރު ދަތްއެޅީ، ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅެނިކޮށް، މިއޭޕްރީލްމަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުން ރާއްޖޭގެ މީޑިއާތަކަށް ހާމަކުރީ، ބައިނަލްއަޤުވާމީ މީޑިއާގައި މިހާދިސާގެ ޚަބަރުތައް ދައުރުވެ ނޫސްވެރިން ސުވާލު ކުރުމުންނެވެ. މިޔަރުގެ ހަމަލާގައި ޒަޚަމްވި ސްޕެއިންގެ މީހާއަކީ، ކައިވެނިކޮށް އޭނާގެ އަންހެނުންނާއި އެކު ހަނީމޫނަށް އައި މީހެކެވެ.

ގއ. ކޫއްޑޫގައި ޓޫރިސްޓް ހޮޓަލެއް ހިންގާއިރު އެރަށުގައި އެއާޕޯޓަކާއި މަސްފެކްޓްރީއެއްވެސް ހިންގައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި، އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް