ގެސްޓްހައުސް އަދި ގެސްޓްރޫމް ފައިނޭންސިންގ ތައާރަފްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް --
އެސްއެމްއީ ޑިޖިޓަލްއިން ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން 'ގެސްޓްހައުސް ފައިނޭންސިންގ އަދި 'ގެސްޓްރޫމް ފައިނޭންސިންގ' ގެ ނަމުގައި ދެ ޕްރޮޑަކްޓެއް ބީއެމްއެލްއިން ތަޢާރަފްކޮށްފިއެވެ.
ގެސްޓްހައުސް ފައިނޭންސިންގ އަކީ މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި، މިހާރުވެސް ހިނގަމުންދާ ގެސްޓްހައުސް ތަރައްގީކުރުމަށާއި، ކޮޓަރި އިތުރުކުރުމަށާއި، އިތުރު ސަޕޯޓް ސާވިސްތައް ގާއިމުކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓީއެއް ކަމުގައި ބީއެމްއެލްއިން ހާމަކުރައްވާފައި ވެއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ފެސިލިޓީގެ ދަށުން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކަސްޓަމަރުންނަށް މިހާތަނަށް ދޫކުރަމުން ގެންދިޔަ ފައިނޭންސިންގ ލިމިޓް ދިހަ މިލިޔަން ރުފިޔާއަށް އިތުރުކޮށް ފައިނޭންސިންގ ފޯރުކޮށްދިނުމަށްވަނީ ނިންމާފައި ކަމަށެވެ. މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަމަޖައްސަންޖެހޭނެ ކަމަށާއި، އަދި ލޯނު އަނބުރާ ދައްކަން ފެށުމަށް 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު ފެސިލިޓީ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެ ކަމުގައިވެސް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި، ގެސްޓް ރޫމް ފައިނޭންސިންގއަކީ ގިނަވެގެން 5 ކޮޓަރިއަށް ވުރެ އިތުރުނުވާ ގޮތަށް، ޓުއަރިސްޓުންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި، ދިވެހިންނަށް އަމާޒުކޮށްގެން މިހާރުވެސް ހިންގާ ލޯކަލް ގެސްޓްހައުސް ހިދުމަތް ދޭ ފަރާތްތަކުން އެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް 1.5 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާނެއެވެ. މިފެސިލިޓީގެ ދަށުން ހިންގާ މަޝްރޫޢުތަކަށްވެސް %20 އަމިއްލަ އަތުން ޚަރަދު ކުރަން ޖެހޭނެއެވެ. 12 މަސްދުވަހުގެ ގްރޭސްޕީރިއަޑަކާއި މިމަޝްރޫޢުގެ ދަށުން ނަގާ ލޯނު އަނބުރާ ދެއްކުމަށް އެންމެ ގިނަވެގެންވެސް ދޭނީ 10 އަހަރުގެ މުއްދަތެކެވެ.
މި ފެސިލިޓީ ދޫކުރުމުގައި ރިއާޔަތްކުރާނީ، އެދިފައިވާ ފަރާތަށް ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ބަލައި، ފައިސާ އަނބުރާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށް ކަމުގައިވެސް ބޭންކުން ހާމަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް