classified
ރާއްޖެ

ހާފްވޭ ހައުސްއިން ނުކުމެ މާރާމާރީ ހިންގި ކުދިންގެ މައްސަލަ ބަލަންފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހާފްވޭ ހައުސްއިން ނުކުމެ މާރާމާރީ ހިންގި ކުދިންގެ މައްސަލަ ބަލަންފަށައިފި

ހއ. ހޯރަފުށީގައި ހުންނަ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު --- ފޮޓޯ: އެމްޓީސީ

ހއ. ހޯރަފުށީގައި ހުންނަ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު، ނުވަތަ ހާފްވޭ ހައުސްގައި ތިބި ބޮޑެތި ކުދިންތަކެއް އެރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން 2026 ޖުލައި 14 ވަނަ ދުވަހުގެ ރޭ ހިނގި ކަމަށް ރިޕޯޓު ކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ. އަދި އެ ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ މަސައްކަތް ކުރަމުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

އަނިޔާވި މީހާ، ފެނިފައި ވަނީ، ހޯރަފުށީ ފަޅުގޯއްޗެއްގެ ތެރޭގައި ޒަޚަމްތަކަކާއި އެކު އޮއްވައެވެ. އެމައްސަލައިގައި ތުހުމަތު ކުރެވިފައި ވަނީ، ހާފްވޭ ހައުސްގައި ތިބި ބޮޑެތި ތިންކުއްޖަކުވެގެން އެމީހާ ރަހީނުކޮށްގެން ގެންގޮސް ފަޅުގޭގެ ތެރޭގައި އަނިޔާކުރި ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން ހޯރަފުށީގެ ރައްޔިތުންތަކެއް ވަނީ ހިތްހަމަ ނުޖެހިގެން އެ ސެންޓަރުދޮށަށް އެއްވެ އަޑު އުފުލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް