Post banner
ރާއްޖެ

ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ވާދަ ނުކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ވާދަ ނުކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައީސް ނަޝީދުގެ ކެމްޕޭންގެ ތެރެއިން -- ފޮޓޯ: ލޫކަސް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމުގައި، އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ، ޗެއާޕަރސަން އިންތިޚާބުގެ ކެމްޕޭނުގައި، ށ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޭދޫގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، އެމަނިކުފާނާއި ވާދަކުރައްވާ މީކާއީލް ނަސީމްގެ ކެމްޕޭން ޓީމުން، ޗެއާޕަރސަންއަކަށް ހުރެ ރިޔާސީ ޓިކެޓަށް މީހަކު ވާދަކުރާނަމަ އެއީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމުގެ ވާހަކަތައް ދައްކަމުން ދަނިކޮށެވެ. ވަރަށް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕަރސަން ކަމުގެ މަޤާމަށް ވަޑައިގެންނެވުމަށް ބޭނުންފުޅުވެގެން އުޅުއްވާ ސަބަބަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީގެ ޓިކެޓުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ފުރުޞަތު ހޯއްދެވުމެވެ. ޗެއާޕަރސަންގެ މަޤާމަށް ރައީސް ނަޝީދު އިންތިޚާބު ކުރުމަށް ތާއީދުކުރާ ފަރާތްތަކުގެ އުއްމީދަކީވެސް، ރައީސް ނަޝީދަށް 2028ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށްދިނުން ކަމުގައި އެމީހުންގެ ވާހަކަތަކުން ހާމަވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ތެރެއިން ޒުވާން ލީޑަރުން އުފެދި އެފަރާތްތަކުން، 2028ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަކީ، އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ. މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒު އިސްމާޢީލަށް ތާޢީދުކުރައްވާނެކަން ހާމަކުރައްވައި، ބޮޑު ބަދަލުގެ ތެރެއިން ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމުގެ ޝައުޤުވެރިކަން ހުރިކަން ހާމަކުރައްވާފައެވެ.

2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ސުޕަރމެޖޯރިޓީ ލިބުނު އިރު މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ބޭނުންފުޅުނުވާކަމުގައިވެސް އޭރު ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ވާދަކުރައްވާ މެމްބަރުންގެ ތެރޭގައި ވާދަވެރިކަން ބޮޑުވުމުން އެންމެ މަސްލަޙަތު ހުރި ގޮތް ކަމުގައި ވިދާޅުވެ، ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވިއެވެ.

Uploaded image

އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، އެމްޑީޕީގެ ތެރޭގައި ވަކިފެކްޝަނެއް ހައްދަވައި އޭގެ ދުވަސްކޮޅެއް ފަހު، ރައީސް ނަޝީދަށް ތާޢީދު ކުރައްވާ ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސް އާއި ރައީސް ނަޝީދު ގުޅިވަޑައިގަތެވެ. ދަ ޑިމޮކްރެޓްސްއިން ވާދަކުރި މައި ތިން އިންތިޚާބުންވެސް އެޕާޓީއަށް ލިބުނީ ވަރަށް ބޮޑު ނާކާމިޔާބެކެވެ. އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދެވި ބޭފުޅުންނާއި އެކު އެޕާޓީގައި އުޅުއްވުމަށްފަހު، އަލުން ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިއަހަރުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް