Post banner
ރާއްޖެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހް ވާދަކުރައްވާކަމުގެ އަޑުތައް ފެތުރުމާއި އެކު ރައީސް ނަޝީދުގެ ސަޕޯޓަރުން ރަތަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހް ވާދަކުރައްވާކަމުގެ އަޑުތައް ފެތުރުމާއި އެކު ރައީސް ނަޝީދުގެ ސަޕޯޓަރުން ރަތަށް!

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ---

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވާދަކުރައްވަން ނިންމަވާފައިވާ ކަމުގެ އަޑުތައް ފެތުރުމާއި އެކު، ރައީސް ނަޝީދުގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިގެން ދިޔައީ، ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ނާކާމިޔާބުުވުމާއި އެކު ޕާޓީގެ ތެރޭގައި އުފެދުނު ކޯޅުންތަކުގެ ތެރޭގައެވެ. އެކޯޅުމުގައި ރައީސް ނަޝީދު ހިތްޕުޅުހަމަޖެހިވަޑައިނުގެން އެމަނިކުފާނުގެ އަރިސްބޭފުޅުންނާއި އެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއެވެ. އެހެން ނަމަވެސް، ދަ ޑިމޮކްރެޓްސްއަށް އެއްވެސް އިންތިޚާބެއް ކާމިޔާބު ނުވުމުން ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި، ނޫސްތަކުން ރިޕޯޓްކުރަން ފެށިފަހުން ރައީސް ނަޝީދުވެސް ވަނީ، ނުސީދާކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރައްދުދޭ މޭރުމުން ސޯޝަލްމީޑިއާަގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން "ނަނާ ހުވަފެން ދުށީމޭ" އެލަވައިގެ ޅެން ރައީސް ނަޝީދު ވަނީ ޕޯސްޓް ކުރައްވާފައެވެ.

ރައީސް ނަޝީދަށް ސަޕޯޓްކުރައްވާ ފަރާތްތަކުންވެސް ދަނީ ސީދާ ބަހުންނާއި ނުސީދާ ބަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާއި ދެކޮޅަށް ފާޑުކިޔައި ޕޯސްޓްތައް ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ވެރިކަންކުރެއްވުމަށް ރައީސް ނަޝީދު ބޭނުންފުޅުވާކަން އެމަނިކުފާނު ހާމަކުރައްވާފައި ވީނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ، ފައްޔާޒް އިސްމާޢީލަށް ކަމުގައިވެސް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރައްވަން ނިންމަވާފައިވާކަން ނޫސްތަކުން ރިޕޯޓްކޮށްފައި ވާއިރު، އެކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ ނޫހުގެ ފަރާތުން ކުރި ސުވާލަށް، ރައީސް ޞާލިޙް ޖަވާބެއް ނުދެއްވައެވެ. އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގައި ރައީސް ޞާލިޙްގެ ފަރާތްޕުޅުން ރަސްމީކޮށް އިޢުލާނުކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް