Post banner
ވާހަކަ

ދިގުވާހަކަ: ހިތާމައިގެ ރާނީ (4)

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގުވާހަކަ: ހިތާމައިގެ ރާނީ (4)

އުތުރުން ދެކުނަށް ފައިބައިގެން ދިޔަ ނަގޫރޯޅީގެ ހޮޅީގެ ތެރޭގައި މޫސަ ގެނެސް ވައްޓާލީ ފުއްޓަރު ގާތައް މައްޗަށެވެ. ހަރުތަނެއްގައި ޖެހުނުކަމުގެ އިޙްސާސް މޫސައަށްވިއެވެ. އެހިސާބުން އޭނާގެ ޚަބަރު ހުސްވީއެވެ.

******

އެތެރެ ގޭތެރޭގައި އުތުރު އެނދުގައި ކަތްދަ އޮތީ ވިހަން ބަނޑުގައި ރިހި ރިހިއެވެ. ފިރިމީހާ މޫސާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އޭރު ކަތްދަގެ މަންމަ ފާތުމައާ ބޭކެނބި ދައިތަ އިނީ މެދު ގޭތެރޭގައި ދުންބޯށެވެ.

"އެއިވެނީ ކޮން އަޑެއް" ބޭކެނބިދައިތަ ސުވާލުކުރީ ފާތުމައާއެވެ.

"ވައިގެ އަޑުދޯ އެއީ" އެއަށް ވިސްނާލަމުން ފާތުމަ ބުންޏެވެ.

އެނދުމަތީގައި އޮށޯވެ އޮތް ކަތްދައަށްވެސް އެއަޑު އެބައިވެއެވެ. އަޑު އައީ ބާރުވަމުންނެވެ.

ކުއްލިއަކަށް ވައިގަދަވުމާއިއެކު ވަޔާ ގޭގެ މައިދޮރު ލެއްޕުނު އިރު ހީވީ ބޮޑުބަޑިއެއްގެ އުންޑައެއް ނުކުމެގެން ދިޔަހެވެ. އެއާއެކު ފުރާޅުގެ ޓިނުތައް ތަޅުވައިގެންފިއެވެ.

"މިޔަކީ އާދައިގެ ކަމެއް ނޫން." ބޭކެނބިދައިތަ ބުންޏެވެ.

ފާތުމަވެސް ލަކުޑި ތޭރިތައް ޖަހާފައިވާ ކުޑަ ދޮރާއި ގާތްވެލީ ބޭރު ބަލާލުމުގެ ނިޔަތުގައެވެ. އެކަމަކު އެކުޑަދޮރުން ގޭތެރެއަށް ވަޔާއި އެކު ވައްދާލި ހިރަފުހާއި ވައިގެ ސަބަބުން އޭނާއަށް ލޯދިލުވައިލެވޭ ވަރެއް ނުވިއެވެ.

ކުޑަދޮރުން ވައްދާލި ވަޔާއެކު، މެދުގޭ ތެރޭގައި ހުރި އެއްޗެހިތައްވެސް ގޭތެރޭގައި އުދުހިގެންފިއެވެ. މެދުގޭ ތެރޭ ދިއްލާފައި ހުރި އަތްބަތި ނިވިއްޖެއެވެ. އެތެރެގޭގެ ދޮރުމައްޗަށް ވާގޮތަށް އެލުވާފައި ހުރި ފާނޫޒު ނުނިވި ހުރީ އޭގެ ބިއްލޫރި ހޮޅީގެ ނިވައިގެ ސަބަބުންނެވެ. ގޭތެރެއަށް ވައްދާލު ހިކިފަތްތަކާއި ކުނޑިތަކުން އެއްވެސް މީހަކަށް ލޯ ދިލުވާލެވޭ ވަރެއް ނޫނެވެ.

"ދައިތާ!" އެތެރެގޭ ތެރޭގައި އުތުރު އެނދުމަތީގައި އޮތް ކަތްދަ އަޑަށް ލެވުނު ބާރެއްލާފައި ގޮވާލައިފިއެވެ.

ކަތްދަގެ އަޑަށް ބޭކެނބިދައިތަ އާއި ފާތުމަ އެތެރެ ގޭތެރެއަށް ވަނެވެ.

"މަންޖޭ ދައިތައަށް ހީވަނީ މިޖެހުނީ ވަރުގަދަ ނަގޫރޯޅިއެއްގެ ވައިހެން" ކަތްދަ އޮތް އުތުރު އެނދާއި ގާތްވެލަމުން ބޭކެނބި ދައިތަ ބުންޏެވެ.

"ތިޔަ ދޮރުފޮތިގަނޑު ބާރަށް އައްސާލަބަލަ!" އެތެރެގޭތެރެ ނިވާކުރުމަށް އެލުވާފައި ހުރި ދޮރުފޮތިގަނޑު ވަޔާ ހޫރި ހޫރި އޮތްތަން ފެނިފައި ބޭކެނބިދައިތަ ފާތުމައަށް ބުންޏެވެ.
ފާތުމަ ވަރަށް މަސައްކަތުން ފޮތިގަނޑުގެ ތިރީ ދެކަން ދޮރުކަންޏަށް ރަނގަޅަށް އައްސައި ހިންދެމިލި އިރު، ބޭކެނބިދައިތަ އެނދުމަތީ ހުރި ކޮޅުފިލާގޮނޑީގައި އިށީނދެއްޖެއެވެ.

"ފާތުމާ، ކުއްޖާ ތުރަވެއްޖެ." ބޭކެނބިދައިތަ މާނޭވާލަމުން ބުންޏެވެ.

ކަތްދަވިހެއުމާއެކު ބޭކެނބިދައިތަ ކުއްޖާ އަތްދަނޑިމަތީގައި ބާއްވައި ދެފަހަރަކު ބުރަކަށިމަތީ ޖަހާލުމާއި އެކު ކުއްޖާ ރޮއެގެންފިއެވެ. ކުއްޖާ ރޮއެގަތްއަޑު ނުކެނޑެނީސް އިވުނު ގަދަ އަޑުފައްގަނޑުން ހީވީ އުޑު ބޮލަށް ވެއްޓުނީހެންނެވެ.

ނަގޫރޯޅީގެ އެނބުރެމުން ދިޔަ ގަދަ ވަޔާއެކު އުވައިން ރާނާ، ދަގަޑު ޓިނުން ހިޔާކޮށްފައި ހުރި އެގޭގެ ފުރާޅު މަތިވަޑާންގަނޑާއެކު ލުހިގެން ދިޔައީ އެވަގުތުއެވެ. ފައިދޮށުގައި އެލުވާފައި އޮތް ކަތްދަ ހިފަހައްޓައިގެން އޮތް ސުތުލި ވަލުން އޭނާ އަތްދޫކޮށް ނުލި ނަމަ މަތިވަޑާންގަނޑާއެކު ރޯޅީގައި އޭނާވެސް ގެންދިޔައީހެވެ.

އެނދުމަތީގައި އޮތް ކަތްދައަށް ފެންނަން އޮތީ ކަޅުވިލާތަކުން ފުރި އަނދިރިވެފައިވާ ހާމަ އުޑެވެ.

" الله أكبر، الله أكبر " ފާތުމައަށް އަޑުގެ ކޮޅަށް ގޮވާލެވުނެވެ.

ބޭކެނބި ދައިތަ ތުއްތުކުއްޖާ ލިބާހުގެ ތެރޭގައި ބޮނޑިކޮށް ގައިން ނިވާކޮށްލިއެވެ.

ބަސްބުނި ހިނދުން ވައިމަޑުވެ ހިމޭން ވެއްޖެއެވެ. ވައިރޯޅިއެއް ނުވެސް ޖެހޭ ކަހަލައެވެ. ނަގޫރޯޅި ފައިބައިގެން ދިޔުމާއެކު ގޭތެރެ ހިމޭން ވެއްޖެއެވެ.

"ފާތުމާ ފެން ތަށި އެބަހުރިތަ އަތުޖެހެން." ބޭކެނބިދައިތަ ފުރަތަމަ ވާހަކަދެއްކީ ފާތުމަ އާއެވެ.

ފާތުމަ ގުދުވެފައި އެނދުދަށުން ނެރުނީ، ދޮޅަސް ބާގަ ގަންނަވަރުގެ ސިލަވަރުތައްޓެކެވެ. އެއީ އިރުގަނޑެއް ކުރިން ހޫނުފެން އަޅައިގެން އެތެރެގޭ ތެރެއަށް ވެއްދި ތައްޓެވެ. އޭގެ ތެރޭގައި ހުރި ފަތްތައް ހޮވާލާފައި ފާތުމަ ފެންތަށި ނަގާ ބޭކެނބިދައިތަ އިށީނދެ އިން ކޮޅުފިލާ ގޮނޑީ ކައިރީގައި އެނދުމަތީގައި ބެހެއްޓިއެވެ.

"ސާފު ތުވާއްޔެއް އަތުޖައްސާބަލަ!" އަނެއްކާވެސް ދެއްކީ ބޭކެނބިދައިތައެވެ.

" މެދުގޭ ދެކުނު އަށިމަތީގައި ހުރި ފޮށިތެރޭގައި ހުންނާނެ." ކަތްދަ ކުކުރަމުން ބުންޏެވެ.

ކަތްދަ އެހެން ބުނުމުން ފާތުމަ ނުކުތީ މެދުގޭ ތެރެއަށެވެ. ވިއްސި ވިހާލިވެފައިވާ އެއްޗެހިތަކުގެ ތެރެއިން އޭނާއަށް ދެކުނުއަށްޓާއި ހަމައަށް ދެވުނު އިރު، ގޭގެ ދެކުނު ފާރު ބޭރަށް ވެއްޓި މަގު އޮތީ ހާމައަށް ފެންނާށެވެ. ގަސްތަކާއި ރުއްތައް އޮތީ ވެރިފައެވެ. މަގެއް ގެއެއް ވަކިވާވަރެއް ނޫނެވެ.

ފާތުމަ ދެކުނު އެދުމަތީ ހުރި ލަކުޑި ފޮށި ހުޅުވައި އޭގެ ތެރެއިން ފަތްޖަހާފައި ހުރި ތުވާލި ތަކެއް ނަގައިގެން އެތެރެގޭ ތެރެއަށް ވަނެވެ.

"އަލިކަމެއް ވާނެ ގޮތެއް އޮތްތޯ ބަލާބަލަ" އަނެއްކާވެސް ވާހަކަދެއްކީ ބޭކެނބި ދައިތައެވެ.

އޭރު ރަނގަޅަށް މޫނު އަނދިރިކަން ވެރިވެއްޖެއެވެ. ރޯޅި ފައިބައިގެން ގޮސް ހިމޭންވުމުން ދުރުން މީހުން ރޯއަޑާއި ހަޅޭކުގެ އަޑު އިވެއެވެ. އަނެއްކާވެސް މެދު ގޭތެރެއަށް ނުކުމެ ފާތުމަ ބެލީ ފުޅިބައްތިއެއް އަތް ބައްތިއެއް އަތުޖެހޭތޯއެވެ. ގޭގެ ފުރާޅު އެއްކޮށް ވަޔާ ގެންދިޔައިރު، ފައިދޮށުގައި އެލުވާފައި އޮތް ބުޅީގައި އަޅުވާފައި ހުރި ފާނޫޒުވެސް އެޔާއެކު ދިޔައީއެވެ.

މެދުގޭތެރެއަށް ވެއްޓިފައި ހުރި ތަކެތީގެ ތެރެއިން ވަރަށް އުނދަގުލުން ފާތުމައަށް އަތްބައްތި ފެނިއްޖެއެވެ. އޭގެ ކައިރީގައި ބައްތި ރޯކުރަން ގެންގުޅޭ އަލިފާންފޮށިވެސް އޮތެވެ.

ފާތުމަށްވެސް ގޭތެރެ އޮތް ގޮތް ރަނގަޅަށް ފެނުނީ ބައްތި ދިއްލާލުމުންނެވެ. ދެންމެއާ ހަމައަށް ތަރުތީބުކޮށް އޮތް ގޭތެރެ ހީވަނީ، ރާޅެއް އަރައި ފައިބައިގެން ގޮސްފައި އޮތް ހެނެވެ. ހުރިހާ އެއްޗެއް ހުރީ އެތައް މިތަނަށް ވިއްސި ވިހާލިވެފައެވެ.

ބައްތި ހިފައިގެން ފާތުމަ އެތެރެގެއަށް ވަތް އިރު، ބޭކެނބި ދައިތަ ކުއްޖާ ސާފުކޮށް، ކަތްދަގެ ގާތުގައި ބޭއްވުމުން އެކުއްޖާ ބުއްބޯންފަށައިފިއެވެ.

"ދައިތާ ކިހިނެއް ހަދާނީ. މިގެއަކު ފުރާޅެއް ހުރި ތަންކޮޅެއް ނެތް. އަހަރެމެން ސަލާމަތްވީކަން ނަސީބު." ފާތުމަ ކަންބޮޑުވެފައި ބުންޏެވެ.

"މަސްތުރަ ނުވެ މިމަންޖެ ތަންމައްޗަކުން ނުނެގޭނެ. މީހަކު ފެނޭތޯ މަގަށް ނުކުމެ ބަލަ." ފާތުމައަށް އިރުޝާދު ދިނީ ބޭކެނބިދައިތައެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް