ރ އަތޮޅު ވެޓެރަންސް ފުޓްސަލް ޗެލެންޖް ކަޕްގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރަސްމާދޫ ކައުންސިލާއި، ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން(އާރްޑީއޭ) އަދި ރަސްމާދޫ ސްޕޯޓްސް ކްލަބު ގުޅިގެން ރ. ރަސްމާދޫގައި ބާއްވާ "ރ ވެޓެރަންސް ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވުމަށް ހުޅުވާލި ސުންގަޑި އަންނަ ހަފްތާގައި ހަމަވާނެ ކަމުގައި، މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.
ރ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ މިމުބާރާތް ބޭއްވުމުގެ މަޤްސަދަކީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުޅުމުގެ ފުރުސަތު އަލުން ހޯދައިދިނުމާއި، ކުޅިވަރާއި ކަސްރަތަށް ދުވަސްވީ ބޭފުޅުން އަހުލުވެރިކުރުވުން ކަމުގައި މި މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން ހާމަކުރައްވާފައި ވެއެވެ.
މީގެ އިތުުރުން ކުޅިވަރުގެ ތެރެއިން އަތޮޅުގެ ރަށްރަށުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި، ރަސްމާދޫ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ވަރުގަދަކުރުން ކުރުމަކީވެސް މި މުބާރާތުގެ މަޤުޞަދެއް ކަމުގައި އާރްޑީއޭ އިން މައުލޫމާތުދީފައި ވެއެވެ.
ރ އަތޮޅަކީ ފުޓްސަލްގެ ފޯރި ގަދަ އަތޮޅަކަށް ވުމާއި، މެހެމާންދާރީ އަދާކުރުމުގައި ރަސްމާދޫ ރައްޔިތުންނަކީ ނަމޫނާ ބައެއް ކަމަށްވުމަކީވެސް މުބާރާތް ކުރިޔަށް ގެންދިޔުމަށް ލިބޭ އިތުރު ހިތްވަރަކާއި ބާރެއް ކަމަށް އާރްޑީއޭގެ ނާއިބް ރައީސް ހުސައިން ރިޝްވާނުވަނީ ވިދާޅުވެފައެވެ.
25 ސެޕްޓެމްބަރ ގައި ފެށުމަށް ހަމަ ޖެހިފައިވާ ރ ވެޓަރަންސް ގެ 2 ވަނަ އެޑިޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހެވެ.
މިދިޔަ އަހަރު ބޭއްވި މި މުބާރާތުގައި ޖުމުލަ 9 ޓީމެއް ބައިވެރިވިއެވެ. މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީވެސް ރަސްމާދޫ ޓީމެވެ.
،މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ އަދި ރަނަރއަޕްޓީމަށް 10،000ރ ގެ ފައިސާގެ އިނާމެއް ހުށައަޅާފައި ވެއެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިއު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް