ކުލަބް "ސެނޯން"ގެ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހދ. ނޭކުރެންދޫ "ކުލަބް ސެނޯން" އިން އިސްނަގައިގެން، އެ ރަށުގެ ތާރީޚުގައިވެސް މުވައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ހޭންޑްބޯލް މުބާރާތް ރަސްމީކޮށް އިއުލާނުކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ފެށުމަށް ސީދާ ވަކި ތާރީޚެއް އަދި ރަސްމީކޮށް އިޢުލާންކޮށްފައި ނުވިނަމަވެސް، ކުލަބް ސެނޯންއިން މަޢުލޫމާތު ދޭގޮތުގައި އިތުރު ކަމެއް ދިމާނުވާނަމަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު މުބާރާތުގެ ކުޅުން ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
އަންހެން އަދި ފިރިހެން ދެ ޖިންސަށް ވަކިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތާރީޚީ މުބާރާތަކީ ރަށުގެ އިޖުތިމާއީ ރޫހު އާލާކުރުމަށް ކުލަބް ސެނޯންއިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ބޭއްވުމަށް އިޢުލާންކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު ރަށުގެ މުވައްސަސާތަކުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
މި މުބާރާތުގައި ނޭކުރެންދޫ ސްކޫލް، ޕޮލިސް، ކައުންސިލް އިދާރާ، ސިއްހީ މަރުކަޒު އަދި ފެނަކައިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން ކުލަބް ސެނޯންއިން ވަނީ ޚާއްޞަ ފުރުސަތެއްވެސް ހުޅުވާލާފައެވެ.
އެގޮތުން އެއްވެސް މުވައްސަސާއަކަށް ނިސްބަތްނުވާ، ރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށްވެސް މުވައްސަސާތަކުގެ ޓީމުތަކަށް ކުޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިއީ މުޅި ރަށުގެ ރައްޔިތުން މި މުބާރާތުގައި ބައިވެރިކޮށް، ގުޅުން ބަދަހިކުރުމަށް ކުލަބުން ނިންމި ވަރަށް ފުރިހަމަ ނިންމުމެއް ކަމުގައި ކުލަބުން ހާމަކުރެއެވެ.
މި މުބާރާތުގައި މުވައްސަސާތަކުން ޓީމުތައް ބައިވެރިވެފައިވާ ގޮތަށް ބަލާއިރު:
ނޭކުރެންދޫ ކައުންސިލް: ފިރިހެން 1 ޓީމް އަދި އަންހެން 2 ޓީމް
ސިއްހީ މަރުކަޒު: އަންހެން 1 ޓީމް އަދި ފިރިހެން 1 ޓީމް
ފެނަކަ: އަންހެން 1 ޓީމް އަދި ފިރިހެން 1 ޓީމް
ނޭކުރެންދޫ ސްކޫލް: އަންހެން 1 ޓީމް
ޕޮލިސް: ފިރިހެން 1 ޓީމް
މި މުބާރާތް އިންތިޒާމުކުރާ ކުލަބް ސެނޯން އަކީ ނޭކުރެންދޫގެ އިޖުތިމާއީ، ދީނީ އަދި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކްލަބެކެވެ.
ޚަބަރު ލިޔުނީ: ޢަލީ ރިޔާޟު - ރަށުރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް