ދަންވަރު ބޭރުގައި އުޅޭ ބިދޭސީންގެ ކަންކަން ބެލުމަށް ރައީސް އަންގަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ

ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީއާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެންގެވިކަން ހާމަކުރެއްވީ މިއަދު އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ, ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައިވާ ކަމަށެވެެ.
ބިދޭސީންގެ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެންގެވި އިރު، މާލޭގެ އާއްމުތަންތަނުގައި ބިދޭސީން އާއްމު އިޖުތިމާޢީ މިންގަޑާއި ޚިލާފަށް އުޅޭތީ އެކަމުގެ ޝަކުވާ، އާއްމު ރައްޔިތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅީ، އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް