ހޮހަޅައަށް ފީނުމުގެ ތެރޭ ގެއްލުނު ފަތުރުވެރިން އެތަނަށް ގެންދިޔަ ސަފާރީއަށް ފިޔަވަޅު އަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްވީ ޑިއުކް އޮފް ޔޯކް ---
މިދިޔަ ބުރާސްފަތި ދުވަހު ވ. އަލިމަތާ ކައިރިން ކަނޑުގެ 58 މީޓަރު އަޑީގައި ހުރި ހޮހަޅައަކަށް ޑައިވިނަށް ފޭބި އިޓަލީގެ 5 ޓޫރިސްޓުން ގެއްލުނު މައްސަލައިގައި، އެފަތުރުވެރިން އެތަނަށް ގެންދިޔަ، ސަފާރީގެ ލައިސަންސް ހިފަހައްޓައިފިއެވެ.
"އެމްވީ ޑޫކް އޮފް ޔޯކް"ގެ ލައިސަންސް ހިފަހައްޓާފައި ވަނީ، ވަކި މުއްދަތެއް ނެތި ކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުން ހިންގަމުން އަންނަ އެސަފާރީއަކީ، 2010 ވަނަ އަހަރު ހުއްދަ ދީފައިވާ އުޅަނދެކެވެ.
ވ. އަލިމަތާ ކައިރިން ކަނޑުގެ 58 މީޓަރު އަޑީގައި ހުރި ހޮހަޅައަކަށް ޑައިވިނަށް ފޭބި އިޓަލީގެ 5 ޓޫރިސްޓުން ގެއްލުނު މައްސަލައިގެ ތަޙްޤީޤުތައް ކުރިޔަށް ދާއިރު، އެހާދިސާ ހިނގުމުގައި އެސަފާރީ އޮޕަރޭޓްކުރާ ފަރާތްތަކުގެ އިހުމާލު އޮތް ކަަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ރާއްޖޭގައި ރިކްރިއޭޝަނަލް ޑައިވް ކުރެވޭ އެންމެ ފުންމިނަކީ 30 މީޓަރެވެ. އެއަށް ވުރެ ފުނަށް ފީނޭނީ، އެކަމާއި ގުޅޭ ހުއްދަތައް ހޯދައިގެންނެވެ. އެހެންނަމަވެސް ކަނޑުގެ 58 މީޓަރު ފުނުގައި ހުރި އެ ހޮހަޅައަށް އެމީހުން ފީނި އިރު އެކަމުގައި ކަމާއި ބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގާފައި ނުވާކަމުގައި މައުލޫމާތު ލިބިފައި ވެއެވެ.
ބުރާސްފަތި ދުވަހު ހެނދުނު، ހޮހަޅައަށް ޑައިވްކުރި މީހުން ފެނުން މައްޗަށް ނާރައިގެން، އެކަން އެމްއެންޑީއެފަށާއި ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މެންދުރުފަހު 13:45 ހާއިރުގައެވެ. ގެއްލުނު މީހުން ހޯދުމަށް ފީނި ޑައިވަރަކަށް، ގެއްލުނު 5 ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައި ވަނީ، 58 މީޓަރު ފުނުގައި ހުރި އެ ކޭވްގެ ތެރެއިންނެވެ.
ގެއްލިފައިވާ އަނެއް ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުގެ ޑައިވަރުން ކުރަމުންދާއިރު، މިހާތަނަށް އެއިން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ. އަދި ނުފެންނަ 4 މީހުންވެސް ވަނީ، ހޮހަޅައިގެ އެތެރޭގައި ކަމަށް ބެލެވޭއިރު، އެމީހުން ދިރިތިބޭނެ ކަމުގެ އެއްވެސް އުއްމީދެއް މިހާރަކު ނެތެވެ.
މިހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޓަލީގެ ރައީސަށާއި، އަދި މަރުވި ޑައިވަރުންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް