އީގަލް ހިލްސްއިން އަޅާނެކަމަށް ބުނާ ފްލެޓްތަކުގެ ޚިޔާލީ އޭއައި ވީޑިއޯ އާއްމުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރަސްމާލެއިން އީގަލް ހިލްސްއަށް 500 ހެކްޓަރުގެ ބިން ހިލޭ ދިނުމުގެ އެއްބަސްވުމުގައި ސޮއި ނުކުރެވެނީސް، އެކުންފުނިން ހުޅުމާލޭގައި އަޅައިދޭނެކަމަށް ބުނާ 5000 ފްލެޓްގެ ޚިޔާލީ އޭއައި ކުރެހުންތަކާއި ވީޑިއޯ އާއްމުކޮށްފިއެވެ.
އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ އެވީޑިއޯ އާއްމުކުރުން ފިޔަވައި، އެމަޝްރޫޢާއި ގުޅޭ ތަފްސީލީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މިވީޑިއޯ ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބުވެސް ވަނީ ސޯޝަލް މީޑިއާގައި ޙިއްސާކުރައްވާފައެވެ. އެހެން ނަމަވެސް އެވީޑިއޯ ޙިއްޞާކުރުން ފިޔަވައި އިތުރު މައުލޫމާތެއް މިނިސްޓަރވެސް ހާމައެއް ނުކުރައްވައެވެ.
ވީޑިއޯއިން ހާމަވާ ގޮތުގައި، އީގަލް ހިލްސްއިން އަޅައިދޭނެކަމަށް ބުނާ 5000 ފްލެޓް އަޅަނީ، ހުޅުމާލެ ފޭސް 2ގެ އެންމެ އުތުރުން ޓޫރިޒަމް ޒޯނުގެ ގޮތުގައި، އެންމެ ފުރަތަމަ ހުޅުމާލެ ފޭސް 2ގެ މާސްޓަރ ޕްލޭންގައި އެންމެ ފުރަތަމަ ހިމަނާފައިވާ ސަރަހައްދެވެ. އެސަރައްދުގައި ހޮޓާތައް ތަރައްޤީކުރުމަށް އަމިއްލަ ފަރާތްތަކަށް ބޮޑުއަގުގައި ބިންތައްވެސް އޮތީ ވިއްކާފައެވެ. އޭގެ އިތުރުން، އެ ބިމަކީ، މިސަރުކާރުން މީގެ ކުރިން އިއުލާނުކުރި، އަދި ފަހުން ވީގޮތެއް ނޭނގުނު، 8 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރުވެސް އަޅަން ނިންމައި، އޭއައި ކުރެހުންތަކާއި ވީޑިއޯތައް އާއްމު ކުރި ބިމެކެވެ.
އޭގެ ކުރިން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، "ކޮމާޝަލް ސްޕައިން"ގެ ނަމުގައި އެޗްޑީސީން އެސަރަހައްދު ތަރައްޤީކުރުމަށް، ޗައިނާގެ "ހުނާން ނަމްބާ ސިކްސް އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑް" އާ ހަވާލުކޮށް އެއްބަސް ވުމުގައި ސޮއިކުރިއެވެ. އަދި އެތަނުގައި އެމަޝްރޫޢު ހިންގުމަށް އެކުންފުންޏަށް އެޑްވާންސްގެ ގޮތުގައި، 7.7 މިލިއަން ޑޮލަރު ދީފައި ވާއިރު، އެމަޝްރޫއަށް ވީގޮތެއްވެސް ފަހުން އެގިފައެއް ނުވެއެވެ.
އީގަލް ހިލްސްއިން އަޅައިދޭނެކަމަށް ބުނާ 5000 ހައުސިންގ ޔުނިޓް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި މީގެ ކުރިންވެސް ބޮޑު ދެމަޝްރޫއެއް ހިންގުމަށް ނިންމައި މިސަރުކާރުން ވީޑިއޯތަކާއި ކުރެހުންތައް ދެއްކި އިރު، ކުރީގެ މަޝްރޫޢުތަކަށް ވީގޮތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް