classified
ރާއްޖެ

ސިޓީ ކައުންސިލުން ތަރައްޤީކުރި މާފަންނު ބަސް ސްޓޭޝަން ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސިޓީ ކައުންސިލުން ތަރައްޤީކުރި މާފަންނު ބަސް ސްޓޭޝަން ހުޅުވައިފި

"މާފަންނު ބަސް ސްޓޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ ބަސް ސްޓޭޝަން ހުޅުވައިފިއެވެ.

މި ބަސް ސްޓޭޝަނަކީ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީއާއެކު ހެދި ތަނެކެވެ.

މި ބަސް ސްޓޭޝަން ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުޙައްމަދު ޒުހައިލް ޒަޢީމެވެ.

މިއީ މާލެ ސިޓީގައި ތަރައްޤީކުރި މި ފަދަ ފުރަތަމަ ބަސް ސްޓޭޝަނެވެ. މި ތަނުގެ އެތެރެ އޭސީކޮށްފައިވާއިރު، އާންމުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިދިނުމަށް ޓަކައި އެމްއައިބީގެ ދެ އޭޓީއެމް ވެސް، މި ސްޓޭޝަންގައި ވަނީ ބަހައްޓާފައެވެ. އަދި އޭސީގައި ތިބުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަ ކުރުމަށް ޓަކައި، މި ބަސް ސްޓޭޝަންގެ ބޭރުގައި ވެސް ގޮނޑިތައް ބަހައްޓައިފައި ހުންނާނެއެވެ.

މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، އެމްއައިބީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު ސަރަހައްދެއްގައި މި ފަދަ ބަސް ސްޓޭޝަންތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ދެން ބަސް ސްޓޭޝަންތައް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ:

އަމީނީ މަގު ސިނަމާލެ 3 ސަރަހައްދު

ބޮޑުތަކުރުފާނުމަގު މާލެ ސިޓީ ހޯލް ބޭރު

ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދު

މި ބަސް ސްޓޭޝަންތަކުގެތެރެއިން، ބޮޑުތަކުރުފާނުމަގު ރާޅުގަނޑު ސަރަހައްދުގައި ހަދާ ބަސް ސްޓޭޝަން، 2026 އޮގަސްޓް ގައި ނިންމައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އަނެއް 2 ބަސްސްޓޭޝަން، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް