އެޗްޑީސީންވެސް މުވައްޒަފުން މަދުކުރުމަށް ފިޔަވަޅުތައް އަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެޗްޑީސީގެ ދެ މުވައްޒަފަކު މަސައްކަތުގައި --- ފޮޓޯ: ރައްޔިތުންގެ ނޫސް
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ގޯސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޗްޑީސީންވެސް އެކުންފުނީގެ ވަޒީފާއިން މުވައްޒަފުން ވަކިކުރުމަށް ފިޔަވަޅުތައް އަޅައިފިއެވެ.
އެޗްޑީސީގައިވެސް އެތައް ހާސް މުވައްޒަފުންނެއް ތިބިއިރު، އޭގެ ތެރޭގައި އިންތިޚާބުތަކާއި ދިމާކޮށް އެކި ނަންނަމުގައި ވަޒީފާއަށް ނަގާފައިވާ އެތައްހާސް ބަޔަކު ހިމެނެއެވެ.
އެޗްޑީސީން މުވައްޒަފުން މަދުކުރުމުގެ ގޮތުން އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ޢިނާޔަތްތަކާއި އެކު ވަޒީފާއިން ވަކިވުމަށާއި، ވަޒީފާއިން ރިޓަޔާވުމަށް މުވައްޒަފުންނަށް ފުރުޞަތު ހުޅުވާލައި މިހާރު ވަނީ މުވައްޒަފުންނަށް މެމޯ ފޮނުވާފައެވެ.
މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް، ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވެއްދި އިރު، ކުންފުނިތައް ރައިޓް ސައިޒް ކުރުމަށް ކަމަށް ބުނެ، ކުންފުނިތަކުން މިހާރު އަންނަނީ މުވައްޒަފުން މަދު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފަށާފައިވާ ކުންފުނިތަކުގެ ތެރޭގައި، ފެނަކަ ކޯޕަރޭޝަނާއި، އެމްޕީއެލްއާއި އެޗްޑީސީ ހިމެނޭ އިރު، ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް ސަރުކާރުގެ އެންމެ ދުވަސްވީ އެއް ކުންފުނި އެސްޓީއޯއިންވެސް އަންނަނީ މުވައްޒަފުން މަދުކުރުމަށް ފިޔަވަޅުތައް އަޅަމުން ކަމުގައި އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް