Post banner
ރާއްޖެ

ހޯޕް އައިލެެންޑްގެ މަޝްރޫޢަކީ ކުރީ ސަރުކާރުން ހެދި ކޮންސެޕްޓެއް: ކުރީގެ ނައިބު ރައީސް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޯޕް އައިލެެންޑްގެ މަޝްރޫޢަކީ ކުރީ ސަރުކާރުން ހެދި ކޮންސެޕްޓެއް: ކުރީގެ ނައިބު ރައީސް

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ކަޅައިދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --

ހޯޕް އައިލެެންޑްގެ ނަމުގައި ސަރުކާރުން ހިންގުމަށް ރާވާފައިވާ މަޝްރޫއުއަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ފުރިހަމަ މޮޑެލް އެއް އޮތް ކޮންސެޕްޓެއް ކަމުގައި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ފައިސަލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމުގެ އެ ޕްރޮޖެކްޓަކީ ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި ފަންނީ އެތައް ބައެއްގެ ބައިވެރިވުން ހިމެނޭހެން ލާމު އަތޮޅު ކަޅައިދޫގައި އެމްއެންޑީއެފް އިން މެނޭޖް ކުރާގޮތަށް ހިންގުމަށް ޕްލޭންކޮށްފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ، އެއީ އާއިލާތަކަށް އައު އުއްމީދެއް ގެނުވާ، ޒުވާނުންނަކީ އުފެއްދުންތެރި ބައެެއްގެ ގޮތުގައި މުޖުތަމައުގައި ބައިވެރިވުމަށް ހޯދައިދޭ އިތުރު ފުރުސަތެއްގެ ގޮތުގައި ރޭވިފައިވާ މަޝްރޫއެއް ކަމަށާއި، މުޖުތަމައުއިން ހަވާސާވެފައިވާ ފަރާތްތަކަށާއި ކުށުގެވެށީގައި އުޅޭ ޒުވާނުން ރިހެބިލިޓޭޓްކޮށް، ތައުލީމާއި ތަމްރީން އުނގަންނައިދީ، އުފެއްދުންތެރި އާމްދަނީ ލިބޭނެ މަސައްކަތެއް ދަސްކޮށްދީ އަދި އެ މަސައްކަތްތައް ކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ހޯދައިދިނުމަކީ އެ ކޮންސެޕްޓްގެ މަޤުޞަދު ކަމަށެވެ. މިގޮތުން ހޯޕް އައިލެންޑުގައި ތަފާތު އެކި މަސައްކަތްތައް ދަސްކޮށްދޭ މަރުކަޒުތަކާއި، ކުރާ މަސައްކަތްތަކަށް އާމްދަނީ ލިބޭނެ މަގު ހުޅުވިފައި އޮންނާނެހެން ޑިޒައިންކުރެވިފައިވާ ކަމަށާއި، މި މަރުކަޒުން ހިންގާ ޕްރޮގްރާމް ފުރިހަމަ ކުރާއިރު، އެމީހަކަށް ވަޒީފާ ޔަގީންވެފައި، ނުވަތަ މަސައްކަތެއް ކުރެވޭނެ ގޮތެއް ހޯދިފައި އޮތުންވެސް ހިމެނޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ، އެއީ މުޖުތަމައުގައި އޮތް ގިނަ މަައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ގޮތަށް ރޭވިފައި އޮތް މަޝްރޫއުއެއް ކަމަށެވެ. އަދި އެ ކޮންސެޕްޓް އެކުލަވާލެވުނު އިރުވެސް އެ މަސައްކަތްވަނީ ލަސްވެފައި ކަމަށާއި، މިއަދު އަދި މިކަން ކުރުމަށް މާ ލަސްވެއްޖެކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ގައުމުގައި އޮތް އިޖްތިމާއީ މައްސަލައަށް އެޑްރެސްކުރަން ހުރި އިދާރާތަކަކީ، އެ އިދާރާއެއް ވަކިން މިފަދަ މަޝްރޫއުއެއް ހިންގުމަށް އެކަށޭނަ ތަންތަނަަށް ނުވާތީ، މިއީ ލަސްނުކޮށް ހުރިހާ އިދާރާތަކެއް އެކުވެ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ސަރުކާރުގެ މިކަމާއި ގުޅޭ އިދާރާއިން މޮނިޓަރކޮށް އެހެން އިދާރާތަކުން ސަޕޯޓް ދެވޭނެ ނިޒާމެއްގެ ތެރެއިން ވަށާޖެހޭ ގޮތަށް މި މަޝްރޫއު ހިންގުމަކީ ބޭނުންތެރިކަމެއް ކަމަށާއި ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ރާއްޖޭގެ މާހައުލަށް އެކަށޭނަ ގޮތެއްގައި މި މަޝްރޫއު ހިންގިއްޖެނަމަ 5 އަހަރުތެރޭގައި އެދެވޭ އިޖްތިމާއީ ނަތީޖާއެއް ނެރެވޭނެ ކަމުގައިވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް