Post banner
ވާހަކަ

ދިގު ވާހަކަ: ހިތާމައިގެ ރާނީ (6)

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގު ވާހަކަ: ހިތާމައިގެ ރާނީ (6)

ހަތަރު ފިރިހެނުން ފަތްޖެހި އެނދު ހިފައިގެން އައުމުން، ކަތްދަ އެ އެނދަށް ލައިގެން އެގެއިން ނެރެވުނީވެސް އުނދަގުލުންނެވެ. ވައިރޯޅިއާއެކު އެގެ އޮތީ އަލުން މީހަކަށް ދިރިނޫޅެވޭވަރުވެފައެވެ. ކަތްދަ އެނދަށް ލައިގެން މަގުމައްޗަށް ނުކުތް އިރު ކުރީގައި ހުރީ ކަތީބުބޭއެވެ. ބޭކެނބި ދައިތަ ހުރީ ކުއްޖާ އުރައިގެންނެވެ. ފާތުމަ ހުރީ ވިހޭ މަސް ލާފައި އޮތް ތަށި ހިފައިގެންނެވެ.

ކަތްދަ ފަތްޖެހި އެނދަށް ލައިގެން އެމީހުން ހިނގަމުން ގޮސް މަގުގެ ހަތަރުއަނގޮޅިއަށް ނުކުމެވުނު އިރު، މޫސަ ފެނިގެން އޭނާ ފަތްޖެހި އެނދަށް ލައިގެންއައި މީހުންވެސް އެ ހަތަރު އަނގޮޅި ހުރަސް ކުރަނީއެވެ. ދެ ފަތްޖެހި އެނދުގައި އޮތް ކަތްދަ އާއި މޫސަ ބައްދަލުވީ އެ ހަތަރު އަނގޮޅިންނެވެ. އެކަމަކު ކަތްދަގެ ވަރުބަލިވެފައިވާ ދެލޮލަށް އެދިމާއަށް ނަޒަރު ހިންގައެއް ނުލެވުނެވެ. މޫސަގެ އަބަދަށްޓަކައި މެރިފައިވާ ދެލޮލަށް އެމަންޒަރެއް ނުފެނުނެވެ. އެހެންނަސް އެ ބައްދަލުވުން އިޙްސާސްކުރެވުނީ ހަމަ ކުޑައިރުކޮޅެއް ކުރިން ދުނިޔެއަށް އުފަންވި ތުއްތު ދަރިފުޅަށެވެ. އެދަރިފުޅުގެ ކުރިމަތިން މޫސައޮތް ފަތްޖެހި އެނދު ހިފައިގެން ތިބި މީހުން ހުރަސް ކުރުމާއި އެކު އޭނާ ބާރަށް ރޮއެގެންފިއެވެ. އެރުއިމުގެ އަޑުންފާޅުވިވޭނާއި ރިހުމާއެކު، ބޭކެނބި ދައިތައަށްވެސް ބަލާލެވުނީ ކުރިމަތިން ހުރަސްކޮށް ދިޔަ މީހުންނަށެވެ.

"ކާކުތަ އެ ގެންދަނީ." ހައިރާން ކަމާއި އެކު ބޭކެނބިދައިތަ ސުވާލު ކުރީ ކަތީބުބެއާއެވެ.

"ހީވަނީ ރޯޅިއާ ގެންދިޔަ މީހާ ފެނުނީހެން. ކާކުތޯ ބަލާލާފައި އަހަރެން ތިޔަ ގޭ ދޮށަށް ދާނަން. ކަތްދަ ގޮވައިގެން ކަތްދަ މަންމަ ގެއަށް ކަލޭމެންދޭ." އެހެން ބުނެފައި، ކަތީބުބޭ އަނބުރާލީ، މަގު ހުރަސްކޮށް އެމީހުންގެ ކުރިމަތިން ދިޔައީ ކޮންބައެއްތޯ ބެލުމަށެވެ.

ކުރިމަތިން ދިޔަ މީހުންގެ ފަހަތުން ހަރުކޮށް ކަތީބުބޭ ހިނގަމުން ދިޔަ ނަމަވެސް އެމީހުންނާއި އަރައި ހަމަކުރެވުނީ އެމީހުން ކަތްދަ އާއި މޫސަގެ ގޭގެ ބޭރުގައި އެފަތްޖެހި އެނދު ތިރިކޮށް ބަހައްޓާލި ތަނުންނެވެ. ވެއްޓި ވީރާނާވެފައިވާ ގެ ފެނިފައި އެމީހުންވެސް ތިބީ ހައިރާން ވެފައެވެ.

"ކާކުތަ ތީ!" މާނޭވާއެއް ލާފައި އެމީހުންގެ ގާތަށް ހުއްޓެމުން ކަތީބުބޭ ސުވާލު ކުރިއެވެ.

"މޫސަ!" އެކަކު މަޑުމަޑުން ބުންޏެވެ. ކަތީބުބެއަށް ބޮލުގައި އަތްހާކާ ލެވުނެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ.

"ތިޔަ ބިގަރު ގާތަށް ޖައްސާލަ ބަލަ!" ކަތީބުބޭ ބޭނުންވީ މޫސަގެ މޫނު ގާތުން ބަލައިލާށެވެ.

"ފުރާނައެއް ނެތް." ކަތީބުބޭގެ ކޮނޑުގައި އަތް ޖައްސާލަމުން އެކަކު ބުންޏެވެ.

ޒަޚަމްވެފައި އެމޫނަށް ފުންކޮށް ބަލާލުމަށްފަހު ހިންދެމިލާފައި ކަތީބުބޭ ބަލާލީ މޫސަގެ ގެއަށެވެ. ރޯޅި އާ ހަލާކުވި އެގެއިން ދެންމެ އެމީހުން ނެރެގެން އެގެންދިޔައީ މޫސަގެ ދަރިފުޅާއި އަންހެނުންނެވެ. ހަތަރު އަނގޮޅިން ބައްދަލުވީ އެމީހުންނެވެ. އެކަމަކު ކަތްދައަށް އޭނާގެ ކުރިމަތިން އެގެންދިޔައީ އޭނާގެ ފިރިމީހާގެ ފުރާނަ ނެތް މަސްގަނޑުކަން ނޭނގުނަސް އެދަރިފުޅަށް އެނގުނީ ކަންނޭނގެއެވެ. އޭނާ ބާރަށް ރޮއެގަތީ އެހެންވެ ކަންނޭނގެވެ.

"ރޯޅިއާ ތިޔަގެ އެއްކޮށް ހަލާކުވެއްޖެ." ކަތީބުބޭ ބުންޏެވެ.

"ދެން ކިހިނެއް ހަދާނީ. ހިނަވައި ކަފުންކޮށް ސަނދޯކު އަޅަން ގެންދާނީ ކޮންތާކަށް." ކައިރީގައި ހުރި އެހެން މީހަކު ކަތީބުބޭ ކުރެން އެހިއެވެ.

"މި ގޯތީ ތެރޭގައި ފޭލިގެއެއް ޖަހަމާ. ކަށުކަމާއި ކެމީގެ ކަންތަކާއި، ސަންދޯއް ޖެހުމުގެ ކަންތަކާއި އުޅޭނެ މީހުން ހޯދަން އެއްބަޔަކުދޭ. ކަތްދަ އެގެންދިޔައީ އޭނާގެ މަންމަގެ ގެއަށް. އަހަރެން އެބަ އަންނަން އެގެއަށް ގޮސްފައި." ކަތީބުބޭ އެނބުރި ހިނގައި ގަންނަމުން ބުންޏެވެ.

ކަތީބުބޭ މަގުތަކާއި ގޯޅިތަކުން ހިނގަމުން ދިޔަ ދިޔައެވެ. ރަށު ތެރެ އޮތީ ހިމޭންވެފައެވެ. ބައެއް ގޭގެ ފެންޑާމަތިން މަގުމައްޗަށްވާ އަލިކަން ފިޔަވައި އެހެން އަލިކަމެއް ނެތެވެ. ބައެއް ފަހަރު ކުޑަކުއްޖަކު ރޯލާ އަޑު ފިޔަވައި އެހެން އަޑެއް ރަށުތެރެއަކުން ނުއިވެއެވެ.

"ކަތްދާ!" ކަތްދަގެ މަންމަގެ ގޭގެ ދޮރަށް އަރާފައި ކަތީބު ގޮވާލިއެވެ. އަޑަށް ގޭގެ ދޮރުމައްޗަށް ނުކުތީ އުމުރުން ދުވަސްވެފައިވާ ކަތްދަގެ މަންމަ ބީފާނެވެ.

"ކަތްދައަށް އޮތީ ނިދިފައި. ކަތީބު އެތެރެއަށް ވަންނަވަންވީ ނޫންތޯ؟" ބީފާނު ގޭގެ ދޮރު ބޮޑަށް ހުޅުވާލައި ކަތީބު އެތެރެއަށް ވަންނަން ތަން ދައްކަމުން ބުންޏެވެ.

ކަތީބު ބޮޑުއަށި މަތީގައި އިށީނެވެ. އޭނާ އިނީ ވާހަކަފަށާނެ ގޮތެއް ނޭނގިފައެވެ.

"ކޮން ކަމަކާތޯ ތިޔަ ދުރުވީ. ކަތްދަގެ ހާލު ބައްލަވާލަންތޯ؟" ބީފާނު ވާހަކަ ދެއްކިއެވެ.

"ކަތްދަގެ ހާލު ބަލާލުމަކީވެސް ބޭނުމެއް. އެކަމަކު ......." ކަތީބުބޭ އެހެން ބުނީ އެތެރޭގެ ދޮރާއި ދިމާއަށް ބަލާލަމުންނެވެ. އެތެރެގޭގެ ދޮރާއި ދިމާގައި އެލުވާފައި އޮތް ކަރާސީނުއެޅި ފަސްލޭނު ބައްތިން ގޭތެރެއަށް ރަނގަޅަށް އަލިވެއެވެ. ގޭތެރޭގެ އުޖާލާކަން ފެނެއެވެ. އެވަގުތު ދެކުނު ފަރާތު ދޮރުން ގޭތެރެއަށް ވަނީ ކަތްދަގެ ބައްޕަ ރަޙުމާނެވެ. އޭނާއަކީވެސް ދުވަސްވެ ގައިބާރު ދެރަވެފައި ހުރި މުސްކުޅިއެކެވެ.

"ކޮންކަމަކުތޯ ކަތީބު ތިޔަ ދުރުވީ." ގޭތެރެއަށް ވަދެފައި ކަތީބުބޭ ފެނުމުން ގާތަށް އައިސް ހުއްޓި ސަލާމްކޮށްލާފައި ރަޙްމާނު ބުންޏެވެ.

"ތިޔަ ދެމަފިރިން މިތާ ގާތުގައި އިށީންނަށް އާދެބަލަ! މިއައީ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ދައްކާލަން." ކަތީބުބޭ ވަރަށް ލަސްލަހުން ބުންޏެވެ.

"އެއީ އަނެއްކާ ކޮންވާހަކައެއްތޯ." ބީފާނު ބޮޑު އަށީގައި ކަތީބާއި ރަޙުމާނާއި ދެމީހުން ގާތުގައި އިށީންނަމުން ބުންޏެވެ.

"އިހަށް ބީފާނުގޮސް ބަލާލަބަލަ، ކަތްދަ އޮތީ ނިދާފައިތޯ؟'' އެޚަބަރު ދިނުމުގެ ކުރިން ކަތީބުބޭ ބޭނުންވީ އެކަން ޔަޤީން ކުރާށެވެ. ވިހޭތަންމަތީގައި ނުތެދުވެވިފައި އަދި އޮތް އަނބިމީހާއަށް ފިރިމީހާގެ މަރުގެ ޚަބަރު ލިބުންވާނީ އޭނާގެ ދުނިޔެ ފުނޑުފުނޑުވުން ކަމަށެވެ. ބޮޑު ހިތާމައަކަށެވެ.

ކަތީބު އެހެން ބުނުމުން ބީފާނު ތެދުވެގެން ގޮސް އެތެރެގޭގެ ދޮރުފޮތިގަނޑު އެއްކައިރިކޮށްލައި ބަލާލިއެވެ. އެތެރެގޭ ތެރޭގައި ކަނިކޮށްފައި ހުރި ބައްތީގެ އަލީގައި މާސާފުކޮށް އޭނާއަކަށް ދަރިފުޅު ކަތްދަގެ މޫނެއް ނުފެނެއެވެ. އެހެން ނަމަވެސް އެއްވެސް ހަރަކާތެއް ނެތި އޭނާ އެނދުގައި އޮތުމުން ބީފާނު ޔަޤީން ކުރީ އޭނާ އޮތީ ނިދާފައި ކަމަށެވެ.

ވެފައިހުރި ވަރުބައްޔާއި އެކު އަތެއްފައި ހަލުވާލާނެހައި ހަކަތައެއް ނެތިފައި އޮތް ކަތްދައަށް ބޭރުގޭ ތެރެއިން ކަތީބާއި މައިންބަފައިން ދައްކާވާހަކަ ސާފުކޮށް އަޑުއިވެއެވެ. ކަތްދަ އޮތީ ނިދާފައިތޯ ބަލާށޭ ކަތީބު ބުނި އަޑުވެސް އޭނާއަށް އިވުނެވެ. އެހެން ކަމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ ބިރުވެރިކަން އޭނާގެ ހިތަށް ވަނެވެ.

ޢަސުރު ކުރިން ބޭރަށް ދިޔަ މޫސަގެ ޚަބަރެއް ނުވާތީވެސް ކަތްދަ އޮތީ ކަންބޮޑުވެފައެވެ. ނަގޫރޯޅިއާ އެކު ގެ ހަލާކުވެ، ވިހޭ ދަރިފުޅާއި އެކު އޭނާ މަންމަގެ ގެއަށް ގެނައިތާ އިރުގަނޑެއް ވީއިރުވެސް މޫސަގެ ޚަބަރެއް ނުވާތީ ކަތްދަގެ ހިތުގައި ބިރުވެރިކަން އޮތީ ބޮޑުވެފައެވެ. ކަތްދައަށް ފެނުނީ އޭނާގެ ގެއަށް ރޯޅީގައި ލިބުނު ގެއްލުމެވެ. އެހެން ގޭގެއަށް ވީ ގެއްލުމެއް އޭނާއަކަށް ނޭނގެއެވެ.

"ރޯޅީގައި ކިތައްގެ ހަލާކުވިތޯ؟" ރަޙްމާނު ސުވާލު ކުރީ ކަތީބާއެވެ. އޭރު އެތެރެގޭ ތެރޭގައި ކަތްދަ އޮތްގޮތެއް ބަލާލާފައި ބީފާނުވެސް އައިސް ބޮޑުއަށީގައި އިށީނދެއްޖެއެވެ.

"އޭނާ އޮތީ ނިދާފައި. ދަރިއަށްވެސް އޮތީ ނިދިފައި." ބީފާނު ބުންޏެވެ.

"ރޯޅި އަރައިގެން ދިޔައީ އުތުރުން ދެކުނަށް. ވަރަށް ބައިވަރު ރުއްގަސް ވެރިފައި އެބަ އޮތް. އެކަމަކު ގެއަކަށް ހަމައެކަނި ގެއްލުން ލިބުނީ މޫސަގެ ގެއަށް. އެގެއަކު ނެތްތާ މީހަކަށް އަލުން ދިރިއުޅެވޭކަށް." ކަތީބު ފުންނޭވާއެއްލަމުން ބުންޏެވެ.

"ކަތްދަ މިގެއަށް ގެނައިތާވެސް އެތައް އިރެއްވީ. އަދިވެސް މޫސަގެ ޚަބަރެއް ނުވޭ. ކަތްދަވެސް އެކަމާއި ކަންބޮޑުވެގެން ވާހަކަ ދެއްކި. އޭނާ ކޮބައިތޯ ކަތީބު ބައްލަވައި ދެއްވަން ވީ ނޫންތޯ؟ މިރޭގަނޑު އޭނާ ހޯދަން ހިނގާހައި ހިއްވަރެއް އަޅުގަނޑުމެން ދެ މުސްކުޅިން ގަޔަކު ނެތް." ބީފާނު ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"އެއީ ތެދެއް. އޭނާ ކޮބައިތޯ ބަލަން ކަތީބު މީހަކު ފޮނުއްވައި ދެއްވަން ވީނޫންތޯ؟ އޭނާ އެދިޔަ ތަނަކަށް ގޮސްފައިވެސް ގޭދޮށަށް މިހާރު އަންނަހައި އިރު ވެއްޖެ ނޫންތޯ؟" ރަޙްމާންވެސް އިތުރުކޮށްލިއެވެ.

މާނަވީ ނަޒަރަކުން ކަތީބު ބަލާލީ ރަޙްމާނާއި ބީފާނުގެ މޫނަށެވެ. ކަތްދައަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިއެވެ. މިއަދު އެ އުފަންވީ އެދެމަފިރިންގެ ފުރަތަމަ މާމަ ދަރިއެވެ.

"އަހަރެން މިއައީވެސް މޫސަގެ ޚަބަރެއް ދޭން ވެގެން. އެކަމަކު ތިޔަ ދެމަފިރިންވެސް ވަރަށް ކެތްތެރިވާތި. ކޮންމެ މީހަކީވެސް މިދުނިޔޭގެ ދަންފަޅި ހަމަކޮށް ދާންޖެހޭނެ މީހެއް." ވަރަށް ލަސްލަހުން ހުއްޓަމުން ހިތިގޮތަކަށް ކަތީބު ބުންޏެވެ.

އެއަޑު އިވިފައި އެތެރެ ގޭތެރޭގެ އެނދުގައި ދެލޯމެރިމެރި އޮތް ކަތްދަގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކަންފަތް ދިޔައީ ކޮޅަށް ޖެހިގެންނެވެ. އޭނާގެ ނިދި ކުއްލިއަކަށް ގެއްލިއްޖެއެވެ. މީހާ ހުއްޓުން އަރައިފިއެވެ. އެކަމަކު އެކަމެއް ބޭރު ގޭތެރޭގައި ތިބި މީހުންނަކަށް ނޭނގެއެވެ.

"ކަތީބު ބުނުއްވަން ތިޔައުޅުއްވަނީ ކީކޭތޯ" ރަޙްމާނު ހައިރާން ކަމާއި އެކު ސުވާލު ކުރިއެވެ.

"ހަވީރު އެރި ރޯޅީގެ ހޮޅީގެ ތެރޭގައި މީހަކު ވަޔާއެކު ގެންދިޔަތަން ފެނުނު ވާހަކަ ބައެއް މީހުން ބުނީމާ އިރު އޮއްސުނު އިރު ދެކުނު ތުނޑިއާ ފަޅުމަތި ބަލަން މީހުން ފޮނުވިން. އެމީހަކު ފެނޭތޯ. ރޯޅިއާ ގެންދިޔަ މީހަކީ މޫސަ. އޭނަ ފެނުނީ ފުއްޓަރާއި ދިމާއި ގޮނޑު ދޮށުގައި." ކަތީބު ވެގެން އުޅޭ ގޮތް ކިޔައި ދިނެއެވެ.

އެއަޑުއަހަން އޮތް ކަތްދަގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އެކަމަކު އަޑެއް ބޭރެއް ނުވިއެވެ. އޭނާގެ ދުނިޔެ އެނބުރެނީއެވެ. މޫނު މައްޗަށް އަނދިރިވަނީއެވެ. ގާތުގައި އޮތް ތުއްތު ދަރިފުޅުވެސް ކުކުރާލައިފިއެވެ.

"މޫސަގެ ހާލަކީ ކޮބައިތޯ؟" ހައިރާންކަމާއި ކަންބޮޑުވުމާއި އެކު ބީފާނު ކަތީބާއި ސުވާލު ކުރިއެވެ.

"ފެނުނުއިރު ފުރާނައެއް ނެތް." ކަތީބު އެހެން ބުނެ ނުނިމި އުޅެނިކޮށް އެތެރެ ގޭތެރެއިން ކަތްދަ އާއި މޫސަގެ ދަރިފުޅު ބާރަށް ރޮއެގަތްއަޑުން ގޭތެރެ ގުގުމާލައިފިއެވެ.

ދަރިފުޅުގެ ގާތުގައި އޮތް ކަތްދައަށް ދަރިފުޅުގެ އަޑު އިވުނީ މާދުރުން އިވޭއަޑެއްގެ ގޮތުގައި، އޭނާގެ ދެލޯމެރި މިދުނިޔެއާ ވަކިވެއްޖެއެވެ. މަރުގެ ހަމަހިމޭންކަން ކަތްދަގެ މުޅިހަށިގަނޑަށް ފެތުރިއްޖެއެވެ. އަބަދަށްޓަކައި އެދެލޯމެރިގެން ދިޔައިރު، މަގަތުގައި އޮތް ދަރިފުޅު އަޑުންއަޑުނަގައި ރޮނީއެވެ. ދުނިޔެއަށް އުފަންވުމާއި އެކު ޔަތީމުވި އެ ތުއްތުކުއްޖާ ހަޔާތުގެ ފުރަތަމަ ސާޢަތުގައި މިސްކީނަކަށްވެސް ވީއެވެ.

ކަތީބު ބުނި އެއްޗެއް އަޑު އަހާފައި ރަޙުމާނަށް ބޮލުގައި އެޅުނީ އަތެވެ. އެތެރެގެއިން ކުޑަދަރިފުޅު ރޮއެގަތް އަޑު އިވުނީމާ ބީފާނު ހިނގައިގަތީ އެތެރެގެއަށް ވަންނާށެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް