ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ސިއްރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ކުރިން އާއްމު، ކުރަމުން އައި، ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު، އެވެބްސައިޓުން އުނިކޮށް ސިއްރުކޮށްފިއެވެ.
މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން، ވަކިވަކި މިނިސްޓްރީތަކަށް ޢައްޔަނުކުރައްވާ ސިޔާސީ ބޭފުޅުންގެ ތެރެއިން، ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ ނަމާއި ފޮޓޯ އާއި ވަނަވަރު ޝާޢިއުކުރަމުން ގެންގޮސްފައިވެއެވެ.
މިބަދަލު ގެނައި ސަބަބެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެހެން އިދާރާއަކުންވެސް ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ވަކިވަކި މިނިސްޓްރީތަކުގެ ވެބްސައިޓްތަކުގައިވެސް އެ މަޤާމުތަކާއި އެމަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައުލޫމާތު ފެންނާކަށް ނުހުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ ސިޔާސީ މަޤާމުތަކުގެ ތެރެއިން، ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނަކީ، ސަރުކާރުގެ އިދާރީ ހައިރާކީގައި، 4 ވަނަ އަދި 5 ވަނައަށް އެންމެ އިސް މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކެވެ.
މީގެ ތެރެއިން ސްޓޭޓް މިނިސްޓަރުންނަކީ، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން އަރުވަމުން އައި މަޤާމެކެވެ.
ސިޔާސީ އިސްމަޤާމުތަކަށް ތަޢުލީމާއި ތަޖުރިބާގެ ގޮތުން އެކަށީގެން ނުވާ މީހުން ޢައްޔަނުކޮށްފައިވާ މައްސަލައިގައި މިސަރުކާރަށްވެސް ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު، ލޯކަލް ކައުންސިލް އިންތިޚާބާއި، ޚިޔާލު ހޯދުމުގެ ވޯޓުގެ ނާކާމިޔާބީއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓޭޓް މިނިސްޓަރުންގެ މަޤާމަށް ދެން ޢައްޔަނު ކުރައްވާނީ، މާސްޓަރސް ފެންވަރުގެ އަދި ޑެޕިއުޓީ މިނިސްޓަރުންގެ މަޤާމަށް ޢައްޔަނުކުރައްވާނީ ޑިގްރީ ފެންވަރުގެ ބޭފުޅުންކަމުގައި ވިދާޅުވިއެވެ.
އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ފޮހެލުމުން، ދެން އެމަޤާމުތަކުގައި ތިބީ ކޮންބައެއްތޯ ބެލުމަށް އާއްމުންނަށް އެންމެ ފަސޭހައިން އެގެން އޮތް މަގު ބަންދުވެ ސިއްރުވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް