ތިނަދޫ މީޑިއާ ސެންޓަރުގެ އެންޓަނާ ވެއްޓި ފެނަކަ އޮފީހަ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ތިނަދޫ މީޑިއާ ސެންޓަރުގައި ހުރި އެންޓަނާ ވެއްޓިފައި --- ފޮޓޯ: ސޯޝަލް މީޑިއާ
ތިނަދޫ ސިޓީގައި ހުރި، ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މީޑިއާ ސެންޓަރުގައި ޖަހާފައި ހުރި ދިގު އެންޓަނާ ވެއްޓި، އެ އިމާރާތާއި ގާތުގައި ހުރި ފެނަކަ އޮފީހަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގައެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ، ވިދާޅުވީ، ސަރުކާރުން މިއަދު ވަނީ ފެނަކަ އުވާލަންވެސް ނިންމާފައި ވަނިކޮށް، ތިނަދޫ މީޑިއާ ސެންޓަރތެރޭގައި ހުރި އެންޓަނާ ބިންދައިގެން ވެއްޓި ކައިރީގައި ހުރި ފެނަކަ އޮފީހަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެންޓަނާ ވެއްޓުނީ ވަޔާއެކު ބިންދައިގެން ގޮހެވެ. އެހާދިސާގައި، ފެނަކަ އޮފީހުގެ ފުރާޅު ހަލާކުވެ އެއިމާރާތުގައި ހުރި މުދަލާއި ތަކެއްޗަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ތިނަދޫ މީޑިއާ ސެންޓަރުގައި ހުރި އެންޓަނާއަކީ، އެއްވެސް ލަނބުރާނެއް ނުޖަހައި، ދަގަނޑު ހޮޅިން ސަތޭކަވަރަކަށް ފޫޓު އުސްކޮށް ޖަހާފައި ހުރި، އެންޓަނާއެކެވެ. އެއީ ރާއްޖެ އެފްއެމްއާއި ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ފުޅާކުރުމަށްޓަކައި، 2000ގެ ކުރީ ކޮޅު ޖަހާފައިވާ އެންޓަނާއެކެވެ. ތިނަދޫގެ އިތުރުން އޭރު މީޑިއާ ސެންޓަރުތައް ނެތް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް ރޭޑިއޯ ސިގްނަލް ފުޅާކުރުމަށްޓަކައި ރިލޭ އެންޓަނާތައް ޖެހިއެވެ. އަދި ފަހުން ގިނަ އެންޓަނާތައް ވަނީ ނުބެލެހެއްޓި ދޫކޮށްލެވިފައެވެ.
އަތޮޅުތަކުގައި ހިންގަމުން އައި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މީޑިއާ ސެންޓަރުތައް ހިންގުން ހުއްޓާލާފައި ވަނީ، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގެ ދުވަސްވަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް