އެމްއެންޑީއެފްގެ ފިޒިކަލް ޓެސްޓް ނުހަދައި އޮފިސަރުންގެ ކާޑުގައި ޕާސް ޖަހައިދިން މައްސަލަ ނުބަލާކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްއެންޑީއެފްގެ އޮފިސަރުންގެ ހަދަންޖެހޭ ފިޒިކަލް ޓެސްޓް ހެދުމަކާއި ނުލައި، ފާސްވި ކަމަށް ކާޑުގައި ޖަހައިދީފައިވާ މައްސަލައެއް ޑިފެންސް މިނިސްޓްރީންވެސް އަދި އެމްއެންޑީއެފުންވެސް ބަލަމުން ނުދާކަމުގައި، ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން މިހެން ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، ރައްޔިތުންގެ ނޫހުން ޖުލައި މަހުގެ 2 ވަނަ ދުވަހު، އެފަރާތަށް ފޮނުވި ސުވާލުތަކަށް ލިޔުމުން ދިންޖަވާބުގައެވެ. އެޖަވާބުގައި ބުނެފައި ވަނީ އެފަދަ އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށެވެ. އެކަމަކު އެފަދަ މައްސަލަތަކެއް ހުށައަޅާފައި ނުވާކަމަކަށް، އަދި ފާހަގަވެފައި ނުވާކަމަކަށް ނުބުނެއެވެ.
ރައްޔިތުންގެ ނޫހުގެ ފަރާތުން، ޑިފެންސް މިނިސްޓްރީއަށް މައުލޫމާތު ހޯދުމަށް ސުވާލު ކުރީ، އެމްއެންޑީއެފްގެ ބައެއް އޮފިސަރުންގެ ފަރާތުން ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. ރައްޔިތުންގެ ނޫހަށް މައުލޫމާތު ހިއްސާކުރި ބައެއް އޮފިސަރުން ވިދާޅުވީ، އެމްއެންޑީއެފްގެ އޮފިސަރުން ހަދަންޖެހޭ ފިޒިކަލް ޓެސްޓް ނުހަދައި، އެޓެސްޓް ދިނުމާއި އެކަމުގެ އިދާރީ ކަންކަމުގައި އުޅޭ އޮފިސަރުންނަށް ފައިސާ ދީގެން ބައެއް އޮފިސަރުން އެމީހުންގެ ކާޑުގައި ފިޒިކަލް ޓެސްޓުން ފާސްވިކަމަށް ޖަހާފައިވާ ކަމުގެ މައްސަލަތަކެއް ފަޅާއަރާފައިވާ ކަމަށެވެ. އަދި އެކަންކަން ނުބަލައި ހިންދާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައި ވެއެވެ.
ރައްޔިތުންގެ ނޫހުން ފޮނުވި ސުވާލުތަކަށް، ޑިފެންސް މިނިސްޓްރީން ދީފައި ވަނީ، އެއްޖުމުލައިގެ ކުރު ޖަވާބެކެވެ.
އެފަދަ މައްސަލައެއް، މިވުޒާރާއިން އަދި އެމްއެންޑީއެފްއިންވެސް ބަލަމުން ނުދާވާހަކަ ދަންނަވަމެވެ." ޑިފެންސް މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް