ހަނގުރާމަފެށިތާ ހަފްތާއެއް ފަހުން ހަމަލާތައް ކުއްވެރިކޮށް ޚާރިޖިއްޔާއިން ބަޔާނެއް ނެރެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިޒްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި ތެހެރާނަށް ބޮން އެޅުން ---
ހައްދު ފަހަނައަޅާފައިވާ ސަޙްޔޫނީ ދައުލަތް އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާއި ދެކޮޅަށް ހަނގުރާމަފެށިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީފަހުން، ދެފަރާތުން ބަދަލުކުރަމުން އަންނަ ހަމަލާތައް ކުއްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން މިއަދު ބަޔާނެއް ނެރެެފިއެވެ.
ޚާރިޖިއްޔާއިން އިނގިރޭސިބަހުން ނެރުނު ބަޔާނުގައި ކުއްވެރިކުރުން އިސްކޮށްފައި ވަނީ، އީރާނުން ރައްދުގައި ދިން ހަމަލާތަކެވެ. މިގޮތުން ބަޔާނުގައި އެންމެ ފުރަތަމަ ބުނެފައި ވަނީ، އީރާނުން ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށްދޭ ހަމަލާތައް ކުއްވެރި ކުރާ ކަމަށެވެ. އެހެން ނަމަވެސް އީރާނުން ހަމަލާދެމުން އަންނަނީ އީރާނަށް ހަމަލާދިނުމަށް އެމެރިކާ އާއި އިޒްރޭލުން ބޭނުން ކުރަމުން އަންނަ ގަލްފުގެ ޤައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށެވެ. އަދި އެމަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާ މިސައިލްތައް އިންޓަރސެޕްޓް ކުރުމުގެ ތެރޭގައި އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިމާރާތްތަކަށް ވެއްޓި ގެއްލުންތައް ލިބިފައިވެއެވެ. ޔޫއޭއީގައިވެސް މީހަކު މަރުވެފައި ވަނީ، އިންޓަރސެޕްޓްކުރި މިސައިލެއްގެ ބައިތައް ވެއްޓިގެން ހިނގި ހާދިސާއެއްގައެވެ.
ދިވެހި ޚާރިއްޖިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އިރާނުން އެއާޕޯޓުތަކާއި ތެޔޮރައްކާކުރާ މަރުކަޒުތަކަށް ހަމަލާ ދެމުން އަންނާތީ އެކަން ކުއްވެރި ކުރާކަމަށެވެ.
މީގެ އިތުރުން ޚާރިޖިއްޔާގެ ބަޔާނުގައި ވަނީ، އީރާނުގެ ތުއްތު އަންހެންކުދިން ކިޔަވަމުން ދިޔަ ސްކޫލަކަށް އެމެރިކާއިން ބޮންއަޅައި 100ވުރެ ގިނަ ކުދިން މީގެ 10 ދުވަސްކުރިން ޝަހީދުމކޮށްލި އިރު، އެކަންވެސް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ބުނެފައެވެ.
ހަނގުރާމަ ފެށުނު ފަހުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމެރިކާ އާއި އިޒްރޭލުން އީރާނާއި ދެކޮޅަށް ހިންގާ ޢުދުވާންތަކާއި، އީރާނުގެ ރޫޙީ ލީޑަރު ޝަހީދުކޮށްލުން ކުއްވެރި ނުކުރާ ސަބަބާއި ގުޅޭ ގޮތުން ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާ އާއި ކުރެއްވި ސުވާލަށް އެމަނިކުފާނު ޖަވާބެއް ނުދެއްވިއެވެ.
އާޔަތުއްﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލުން ކުއްވެރިކޮށް ދުނިޔޭގެ ޤައުމުތަކުން އީރާނަށް ތަޢުޒިޔާ ފޮނުވި އިރު، ދިވެހިސަރުކާރުން އެކަމާއި ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް މިހަނގުރާމައިގައި ދިވެހިރާއްޖެ އޮންނާނީ ގަލްފުގެ ޤައުމުތަކާއި އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަރަށް ފާޅުކޮށް ބޮޑުކޮށް ވިދާޅުވެފައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށްވެސް ވަނީ ފާޑު ކިޔުންތައް އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް