މިސަރުކާރަށް މިވީ މުއްދަތުގައި 23000 މީހުންނަށް އަލަށް ވަޒީފާ ލިބިފައިވާ ކަމުގައި ރައީސްވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---
މި ސަރުކާރުގެ އުމުރުން ދެއަހަރާ ހަމަސް ވޭތުވާން ކައިރިވީއިރު، 23,000 އަށްވުރެ ގިނަ ވަޒީފާ އަލަށް އުފެއްދިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ބައިނަލްއަޤުވާމީ، މަސައްކަތްތެރިންގެ ދުވަހުގެ މުނާޞަބާގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އެ 23000 ވަޒީފާއަކީ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދުނު ވަޒީފާތައް ކަމަށެވެ. ރާއްޖޭގެ އިޤުތިޞާދު އަޑިއަޅާލައި، ޕްރައިވެޓް ސެކްޓާގައި ވަޒީފާތަކުން މީހުންވަކިކޮށް މަދުކުރަމުންދާއިރު، ސަރުކާރާއި ޕްރައިވެޓް ސެކްޓާގައި އަލަށް އުފެއްދުނު ވަޒީފާތަކުގެ އަދަދު ވަކިންވަކިން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައެއް ނުވެއެެވެ.
މިސަރުކާރުން ސަރުކާރުގެ ކުންފުނިތަކާއި ސިޔާސީ މަޤާމުތަކަށް ޢައްޔަނުކޮށްފައިވާ މުވައްޒަފުންގެ އަދަދުތައް ހާމަނުކުރި ނަމަވެސް އަލަށް 23000ވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން، އެވަޒީފާތަކުގެ ބޮޑު އިންސައްތައަކީ، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ނަގާފައިވާ މުވައްޒަފުންކަން އަންދާޒާކުރެވެއެވެ. މިސަރުކާރު އައިފަހުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ކުރަމުން އައި ހޭދަ އެތައް ގުނައެއް އިތުރުވެެގެން ދިޔުމަކީ ކުންފުނިތަކަށް އެތައްހާސް މުވައްޒަފުންނެއް ނަގާފައިވާކަން ހާމަވާ ކަމެއް ކަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެފައި ވެއެވެ.
ސަރުކާރުގެ ކުންފުނިތަކަށް ނަގާފައިވާ މުވައްޒަފުންނާއި، ސިޔާސީ މަޤާމުތަކަށް ޢައްޔަންކޮށްފައިވާ މުވައްޒަފުންގެ ޖުމުލަ އަދަދުތައް ހާމަކުރުމަށް ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޢަދަދު ހާމަކުރެއްވުމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ އިންކާރު ކުރައްވާފައެވެ.
މިސަރުކާރަށް މިވީ ދެއަހަރާއި ބައިގެ ތެރޭގައި 23000 ވުރެ ގިނަ ވަޒީފާއަލަށް އުފެއްދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ހާމަކުރައްވާފައި ވުމުން އެވަޒީފާތަކުގެ މަދުވެގެން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް ވެގެންދާނީ، ސަރުކާރާއި ސަރުކާރު ހިއްސާވާކުންފުނިތަކުން ދީފައިވާ ވަޒީފާތަކަށް ކަމުގައި އަންދާޒާ ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް