ރާއްޖެ

ޢުމުރާ ގުރޫޕްތަކުން ގެންދިޔަ ކާބޯތަކެތި ސަޢޫދީއަށް އެތެރެކުރިޔަ ނުދީ ހިފަހައްޓައފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޢުމުރާ ގުރޫޕްތަކުން ގެންދިޔަ ކާބޯތަކެތި ސަޢޫދީއަށް އެތެރެކުރިޔަ ނުދީ ހިފަހައްޓައފި

ޖިއްދާ އެއާޕޯޓު ---

ރާއްޖެއިން މިރޯދަމަހު ޢުމްރާއަށް މީހުން ގެންދިޔަ ގުރޫޕްތަކުގެ ތެރެއިން، ރޭ ސަޢުދިއާ އިން ޖިއްދާއަށް ދިޔަ ޖަމާޢަތްތަކުގެ ކާބޯތަކެތި ޖިއްދާ އެއާޕޯޓުން ހިފަހައްޓައިފިއެވެ.

ރޭ ރާއްޖެއިން ޢުމުރާއަށް 3 ގުރޫޕެއްގެ މީހުން ފުރާފައިވެއެވެ. ސަޢުދިއާގެ ފްލައިޓްގައި އުމުރާއަށް ދިޔަ ގުރޫޕްތަކުން އުމްރާވެރިންނަށް ކާންދިނުމަށް ގެންދިޔަ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ހުރިހާއެއްޗެއް ސަޢޫދީ ކަސްޓަމްސްއިން ވަނީ ހިފައްޓާފައެވެ. އެކަމުގެ ކަންބޮޑުވުންތައް ޢުމުރާ ގުރޫޕްތަކުން ވަނީ ފާޅުކޮށްފައެވެ.

ސަޢޫދީއަށް އުމުރާ ގުރޫޕްތަކުން ގެންދާ ކާބޯތަކެތި ބައެއް ފަހަރު އެތެރެކޮށްދޭއިރު، އަނެއްބައި ފަހަރު އެތަކެތި ހިފަހައްޓައި އުކާލުން ބިނާވެފައި އޮންނަނީ ވަކި އުޞޫލެއްގެ މައްޗަށް ވުރެ ބޮޑަށް އެވަގުތު ކަސްޓަމްސް ކްލިއަރެންސް ހަދަން ތިބޭ ސަޢޫދީގެ އޮފިސަރުންގެ މޫޑަށް ކަމުގައި ޖަމާޢަތްތަކުން ބުނެފައިވެއެވެ.

މިގޮތުން ސަޢޫދީ އެފްޑީއޭއިން އޮންނަ އުސޫލާއި އެއްގޮތަށް ފެކްޓްރީ ޕެކިންގައި ހުންނަ ކާބޯތަކެއްޗާއި، އަދި ގޭގައި އުފައްދާ ކާބޯތަކެތީގެ ތެރެއިން ޢަރަބިބަހާއި އިނގިރޭސި ބަހުން ލޭބަލްކޮށްފައި ހުންނަ ކާބޯތަކެތިވެސް ބައެއް ފަހަރު ހިފަހައްޓައި އަދި ބައެއް ފަހަރު ދޫކޮށްލައެވެ.

"ސައުދީ އެއަރލައިނުން މިއަދު ޢުމްރާއަށް އައި އެއްވެސް ގުރޫޕަކުން ގެނައި އެއްވެސް ކާއެއްޗެއް އެތެރެ ވިޔަ ނުދިން. މިއީ އެއަރލައިން ތަކުން ގަސްދުގައި ޖަމާޢަތްތަކަށްދޭ ބޮޑު ގެއްލުމެއް. މިކަންކަން މިހެން ވިޔަ ނުދިނުމަށް މިނިސްޓްރީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން. މިހާރުވެސް މި ތިބީ އާދޭސްކުރަން ސައުދީ ޗެކިންގ ކައުންޓަރުގައި މިއަދު ހެނދުނު 7:30 އިން ފެށިގެން." ޖަމާޢަތަކުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސަޢޫދީން ވަނީ ޖިއްދާ އެއާޕޯޓަށްދާ ޢުމްރާ ޖަމާޢަތްތަކުގެ ކާބޯތަކެއްޗާއި މެދު މިގޮތަށް ޢަމަލުކޮށްފައެވެ.

މިކަންތައްތަކުގެ ކަންބޮޑުވުން ޙިއްޞާކުރުމުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢުމްރާ ޤުރޫޕްތަކަށް އަންގާފައި ވަނީ، ބަލްކް ކޮށް އެތެރެ ކުރާ ތަކެތި އިންސްޕެކްޓް ކުރާނެކަމާއި އަދި ބައެއް ހާލަތްތަކުގައި ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކުރާ ކަމުގައި ވާނަމަ ޚާއްސަ ހުއްދައެއް ހޯދަންވެސް ޖެހިދާނެކަމަށެވެ.

"ސަޢޫދީ ޢަރަބިއްޔާގެ ގާނޫނާއި ޤަވާއިދުތަކުން ހުއްދަ ނުކުރާ ކަންކަން ކުރުމަށް މި ވުޒާރާއިން ނާންގާނެ. އަދި އެފަދައިން ކަންކުރާ ފަރާތްތަކަށް ވެދެވޭނެ އެހީތެރިކަމެއްވެސް ނޯންނާނެ. އަބަދުވެސް ވުޒާރާގެ އިލްތިމާސަކީ ކޮންމެ ގައުމެއްގެ ވެސް ހެދިފައިވާ ގާނޫނާ ޤަވާއިދު ތަކަށް ތަބާވުން." މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އުމްރާ ޤުރޫޕްތަކާއި އެކު ހަދާފައިވާ ގުރޫޕުގައި ލިޔެފައިވާ މެސެޖުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެމެސެޖުގައި ބުނެފައި ވަނީ، ޢުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދެއްވާ އިރުޝާދުތަކާއި އެންގެވުންތަކަށް ޢުމްރާއަށްދާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ނަސޭޙަތްތެރިވާ ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާއިން ހައްޖުވެރިންނާއި ޢުމްރާވެރިންނަށް ޖަމާޢަތްތަކުން ކާންދިނުން މަނާކޮށް، ސަޢޫދީގެ ކޭޓަރިންގެ ޚިދުމަތްތައް ބޭނުން ކުރަންޖެހޭ ގޮތަށް އަންނަނީ ޤަވާއިދުތަކާއި އުޞޫލުތައް ހަދައި ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް