ދުނިޔެ

ސްރީލަންކާގެ ރާއްޖެއާ ވީފަޅީގައި އެތައް ބިލިއަން ފީފާގެ ތެލާއި ޤުދުރަތީ ގޭސް އެބަހުރި ހުރިކަމަށް ބެލެވޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސްރީލަންކާގެ ރާއްޖެއާ ވީފަޅީގައި އެތައް ބިލިއަން ފީފާގެ ތެލާއި ޤުދުރަތީ ގޭސް އެބަހުރި ހުރިކަމަށް ބެލެވޭ

ތެލާއި ގުދުރަތީ ގޭސް ނެގުމަށް ސްރީލަންކާއިން ސަރަހައްދުތައް ބަހާފައިވާ ގޮތް --

އަވައްޓެރި ސްރީލަންކާގެ ހުޅަނގު ފަރާތު ކަނޑުގެ ރާއްޖެއާ ވީ ފަޅީގައި އެތައް ބިލިއަން ފީފާގެ ސާފު ނުކުރާ ތެލާއި 3 ޓްރިލިއަން ގުދުރަތީ ގޭސް ހުންނާނެ ކަމަށް ބެލެވޭ ކަމުގައި އެޤައުމުން ބުނެފިއެވެ.

ސްރީލަންކާގެ ޕެޓްރޯލިއަމް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޗެއާމަން ސަލިޔާ ވިކްރަމް ސޫރިޔާ ވިދާޅުވީ، ސްރީލަންކާގެ ސަރަހައްދުގައި ތެލާއި ގުދުރަތީ ގޭސް ހުރިތޯ ބެލުމަށް ކުރެވުނު ދިރާސާތަކުގައި، ސްރީލަންކާގެ ހުޅަނގު ކަނޑުގެ ސަރައްދުން 3 ޓްރިލިއަންގެ ގުދުރަތީ ގޭހާއި އެތައް ބިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ނެގޭނެ ތެޔޮވަޅުތައް އެބަހުރިކަމަށް ބެލެވޭ ކަމަށެވެ. އަދި ތެލާއި ގޭސް ހުންނާނީ ސްރީލަންކާގެ ސިޔާދަތީ ސަރަހައްދާއި، ސްރީލަންކާގެ ޚާއްޞަ އިކޮނޮމިކް ޒޯންގެ ސަރަހައްދުގައި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

2021 ވަނަ އަހަރު އެޤައުމުން ފާސްކޮށްފައިވާ ޕެޓްރޯލިއަމް ރިސޯސްގެ ޤާނޫނުގެ ދަށުން، އޯފްޝޯރ ޕްލެޓްފޯމްތައް އަޅައި ތެލާއި ގޭސް ހޯދައި އެ ސިނާޢަތް ތަރައްޤީ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ އިންވެސްޓްމެންޓްތަކަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން “އެކްސްޕްލޯރ ސްރީލަންކާ” ޕްރޮގްރާމްގެ ދަށުން ކުންފުނިތަކަށް ލައިސަންސް ދޫކުރާނެ އުސޫލުތައް ކަނޑައަޅަމުން އަންނައިރު، އެކަމަށް ހަކަތަ އާއި ބެހޭ ބޭރުގެ ގިނަ ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކުރަމުން އަންނަ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ އައްސޭރި ފަށުން މާކަނޑުގެ ސަރަހައްދުގައި ތެލާއި ގުދުރަތީ ގޭސް ހުރި ކަމަށް ވަރަށް ބޮޑަށް ޔަޤީންވެފައި ވާއިރު، އިންޑިއާގެ އިރުމަތިން ބޭ އޮފް ބެންގާލްއަށް ވީފަޅިންވެސް ތެލާއި ގޭސް ވަނީ ފެނިފައިވާކަން އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން މީގެ ކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް