Post banner
ރާއްޖެ

ބައެއް ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދިވެސް ތުނބުޅި ބާލަން މަޖުބޫރުކުރާ ކަމުގެ ޝަކުވާ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބައެއް ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދިވެސް ތުނބުޅި ބާލަން މަޖުބޫރުކުރާ ކަމުގެ ޝަކުވާ

ރިސޯޓެއްގައި ފަތުރުވެރިއަކަށް ޚިދުމަތް ދެނީ--- ފޮޓޯ: ވިޒިޓް މޯލްޑުވްސް ފޭސްބުކް ޕޭޖް

ބައެއް ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދިވެސް ތުނބުޅި ބާލަން މަޖުބޫރު ކުރަމުން އަންނަކަމުގައި ބުނެ ރިޒޯޓު ވަޒީފާ އަދާކުރަމުން އަންނަ ބައެއް ފަރާތްތަކުން ޝަކުވާކޮށްފިއެވެ.

އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ރިސޯޓެއްގައި މަސައްކަތް ކުރާ ޒުވާނަކު ބުނީ، ތުނބުޅިބާލަން މަޖުބޫރުކުރުވުން ނިމުމަކަށް ގެނައުމަކީ ރިޒޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި ޒުވާން ފިރިހެނުންގެ އާދޭހެއް ކަމަށެވެ. އެމައްސަލައިގައި ރިޒޯޓުތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން އިހްތިޖާޖުކުރި ފަހުން ބައެއް ރިސޯޓުތަކުން ދޫދިނެވެ.

ރަސްމީ ސިފައެއްގައި އެމައްސަލައަށް ހައްލެއް ހޯދުމަށް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައެޅިއެވެ. ޓޫރިސްޓް ރިޒޯޓް އަދި ހޮޓާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ތަބާވާންޖެހޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ އުސޫލުތައް ހުރި ގޮތުގެ ސަބަބުން، ބުރުގާ އެޅުމަށާއި، ޑީސެންޓްކޮށް ތުނބުޅި މަތިމަސް ބެހެއްޓުމަށް، މުވައްޒަފުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި ހުށައެޅި އެ ޤަރާރު ބަލައިގަތުމަށް، 10 ފެބުރުއަރީ 2025 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި 60 މެމްބަރުން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އެ ޤަރާރު މަޖިލީހަށް ބަލައިގަތީ ޕީއެންސީގެ ސުޕަމެޖޯރިޓީގެ ފުރިހަމަ ތާއީދާއި އެކުގައެވެ.

އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވީ، އެއީ މަޖިލީހަށް ޤަރާރެއް ހުށައަޅައިގެން ކުރިޔަށް ގެންދިޔުމަށް ވުރެ، ސަރުކާރަށްވެސް ވަގުތުން ހައްލު ކުރެވޭނެ ކުޑަކުޑަ މައްސަލައެއް ކަމަށެވެ.

"މިއ ވަރަށް ކުޑަކުޑަ ކަމެއ.ް މި ކަންތައް އަޅުގަނޑުމެންގެ ކަމާގުޅުންހުރި ފަރާތްތަކަށް ގެންދެވި ނަމ،ަ ވަގުތުން ޙައްލުވީ ހ.ޭ" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާޙް ވިދާޅުވިއެވެ.

މަޖިލީހުގެ ރެކޯޑްތަކުން ފެންނަ މަޖިލީހަށް އެޤަރާރު ބަލައިގަތް ދުވަހު ވަނީ، ދިރާސާކުރުމަށް އިޤުތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ. މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގައި އެޤަރާރުގެ މަސައްކަތް އެންމެ ފަހުން ކުރިޔަށް ގެންގޮސްފައި ވަނީ، 18 ޖޫން 2025 ގައެވެ. އެދުވަހު އެޤަރާރާއު ގުޅޭ ގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކުރައްވައި، އެ ޤަރާރާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާ ވަކިވަކިން ބައްދަލުކުރުމަށް ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވައި ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު ތާޢީދުކުރެވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އޭގެ ފަހުން އެޤަރާރުގެ މަސައްކަތެއް ކުރިޔަށްދިޔަ ކަމަކަށް މަޖިލީހުގެ ރެކޯޑުތަކުން ފެންނާކަށް ނެތެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހި ފިރިހެނުންނަށް، ތުނބުޅި މަތިމަސް ބޭލުން ރިޒޯޓުތަކުން މަޖުބޫރު ކުރުވާ މައްސަލައަކީ، ޙައްލުހޯދޭނެ ކުޑަކުޑަ މައްސަލައެއް ކަމުގައި ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ވިދާޅުވި ނަމަވެސް، މަޖިލީހަށް ޤަރާރު ހުށައެޅިތާ އަހަރު ދުވަސްވެގެން ދިޔައިރު އެކަމަށް ހައްލެއް ނުލިބޭކަން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވުމާއި އެކު އަންނަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް