މަޖިލީހުގެ ނައިބު ރައީސްކަމަށް އޭދަފުށި ދާއިރާގެ މެންބަރު ސަލީމް އިންތިހާބުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި ހަތަރުވަނަ ދައުރު ފުރުއްވަމުން ގެންދަވާ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ޕީއެންސީއަށް ނިސްބަތްވާ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމު ހުސްވީ، އެމަޤާމުގައި ހުންނެވި، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމަށް ޤަރާރު ހުށައަޅައިފައިވަނިކޮށް ޖަލްސާ ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ނާޒިމް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސްގެ މަގާމަށް ޕީއެންސީގެ ފަރާތުން އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ ނަން ހުށައެޅިއިރު، އެމްޑީޕީން ހުށައެޅީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދުގެ ނަމެވެ.

ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ބޭއްވި އިންތިހާބުގައި ސަލީމްއަށް ލިބިވަޑައިގަތީ 62 ވޯޓެވެ. ޒިޔާދު އަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ޖުމްލަ 74 މެންބަރުން ވޯޓުގައި ބައިވެރިވިއިރު، ބާތިލްވީ 2 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި ހަތަރުވަނަ ދައުރު ފުރުއްވަމުން ގެންދަވާ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގަތީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.
މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހުރިހާ މެންބަރުންގެ ނަމުގައި ސަލީމްއަށް މަރުހަބާ ވިދާޅުވެފައެވެ.
އަޅުގަނޑު ޔަގީންކުރަނީ އެކަނިކުފާނަށް ލިބިވަޑައިގަންނަވާފައިވާ ތަޖުރިބާގެ އަލީގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މި މަޖިލީހަށާއި ދިވެހިގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށް
ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް