ރާއްޖޭގެ އާބާދީގެ ކޮންމެ 6 މީހަކު އެކަކީ ނަފްސާނީ ބަލި މީހެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިވެހި ރައްޔިތުންގެ ނަފްސާނީ ހާލަތުގެ ޙަޤީޤީ ތަސައްވަރަކީ، ދިވެހި ސަރުކާރަށްވެސް މިއަދު ތަސައްވަރު ކުރެވިފައިވާ ކަމެއް ނޫނެވެ. އެކަށީގެންވާގޮތެއްގައި ދިރާސާކޮށް މިމައްސަލަ ނުބެލޭއިރު، ރަސްމީ ފަރުވާގެ ނިޒާމުގެ ތެރެއިން ފެންނަ ތަފާސް ހިސާބުތަކުން އެނގެން އޮތީ ފިތްކަނޑައިގެންދާ މަންޒަރެކެވެ. ހަޤީޤަތުގައި ތަފާސް ހިސާބުތަކުން ފެންނަ އަދަދު ތަކަށްވުރެ ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު މާގޯސްކަން އެއީ ކަށަވަރުކޮށް އެނގޭ ކަމެކެވެ. ސަބަބަކީ، ފަރުވާ އާއި އެހީތެރިކަމުގެ ނިޒާމުގެ ތެރެއިން އެހީއެއް ހޯދުމަށް ބޭނުންވާ މީހުންގެ ދިގު ލިސްޓާއި، އެހީތެރިކަން ދިނުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމްވެފައި ނެތުމުންނެވެ. އޭގެ އަނެއް ސަބަބަކީ، ނަފްސާނީ އެހީތެރިކަން ބޭނުންވެގެން، މި އުނދަގޫ ނިޒާމްގެ ތެރެއިންވެސް ފަރުވާއެއް ލިބޭތޯ މަސައްކަތް ކުރާ މީހުންނަކީ، ނަފްސާނީ ބަލިތަކުގެ ޝިކާރައަށްވެފައިވާ އެންމެން ނޫންކަމެވެ. އެހެންވީމާ، ފަރުވާގެ ނިޒާމުގެ ތެރެއިން ތަފާސް ހިސާބުތަކުގެ ތެރެއިން ނުފެންނަ އެތައްހާސް މީހުން ތިބޭނެކަން އެއީ ޔަޤީންވާ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން، ހެލްތު މިނިސްޓަރ ޤީލާ އަލީ ވިދާޅުވީ، އެންމެ އެކަށީގެންވާ ގޮތުގައި ނަފްސާނީ ސިއްޙީ އެހީތެރިކަން ފޯރުކޮށް ނުދެވޭ ކަމަށާއި، އެހެން ނަމަވެސް 70،000 ވުރެ ގިނަ މީހުން ތިން އަހަރުގެ ތެރޭގައި ނަފްސާނީ މައްސަލަތަކަށް ފަރުވާއެއް ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެއީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. މިއަހަރުގެ ފުރަތަމަ ހަމަސް ނިމިގެންދާއިރު، މިއަހަރުގެ ހާލަތެއް ވިދާޅުވާކަށް މިނިސްޓަރަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ރާއްޖެއަށް ކުރިމަތިވަމުން އަންނަ ތަދުމަޑުކަމާއި އިޤުތިޞާދީ ދަތިތަކާއި އެކު މިފާއިތުވި 6 މަސްދުވަހު އެމައްސަލަތައް އެތައް ގުނައަކަށް އިތުރުވެގެންދާނެކަން އެއީ ކަށަވަރު ކަމެކެވެ.
ހެލްތު މިނިސްޓަރ ގީލާއަކީ، ފާހަގަކުރައްވާފައިވާ ގޮތުގައި، ނަފްސާނީ ބަލިތަކަށް ފަރުވާހޯދި 70000 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ، މާލެ ސަރަހައްދުން ފަރުވާއަށް އެދުނު މީހުންނެވެ. އެމީހުންގެ އަދަދަކީ 45000އެވެ. މީގެ އިތުރުން، ނަފްސާނީ ބަލި މީހުންނަށް އެހީތެރިވާ ހެލްޕް ލައިން ނަންބަރު 1484 އަށް މިދިޔަ އަހަރު އެކަނިވެސް 10،000 އަށްވުރެ ގިނަ މީހުން ގުޅައިގެން އެހީތެރިކަމަށް އެދިފައިވާ ކަމުގައި މިނިސްޓަރ ގީލާއަކީ ވިދާޅުވިއެވެ.
ދިވެހިންގެ ތެރޭގައި ނަފްސާނީ ބަލިތަކުގެ މައްސަލަ ބޮޑު އިރު، ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންގެ ނަފްސާނީ މައްސަލަތައްވެސް ވަރަށް ބޮޑަށް އިތުރުކަމުގައި ޑޮކްޓަރުންނާއި ސްކޫލުތަކުގައި މަސައްކަތް ކުރައްވާ ހެލްތު އޮފިސަރުންގެ ފަރާތުން އެނގިފައެވެ. އެހެން ނަމަވެސް ސީދާ ގޮތެއްގައި ސަރުކާރުތަކުން މިކަމަށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގައި ނަފްސާނީ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވެނީ ހަމައެކަނި، އަތޮޅުތަކުގައި ހުރި 6 ރީޖަނަލް ހޮސްޕިޓަލުގެ ތެރެއިން 5 ހޮސްޕިޓަލެއްގައެވެ. އެއީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލެވެ. މެދުރާއްޖެތެރޭގައި ހުރި ހަމައެކަނި ރީޖަނަލް ހޮސްޕިޓަލް ކަމުގައިވާ، މުލީ ރީޖަނަލް ހޮސްޕިޓަލަކީ، މިޚިދުމަތް ޤާއިމްކޮށްފައި ނުވާ ހަމައެކަނި ރީޖަނަލް ހޮސްޕިޓަލެވެ.
ސަރަހައްދީ ހޮސްޕިޓަލްތަކުގައި، ނަފްސާނީ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް، ސަރުކާރުން ހާމަކުރައްވާފައި ވީނަމަވެސް އޭގެ ތެރެއިން ބައެއް ތަންތަނުގައި ހަމަ ޚިދުމަތް ފަށާފައިވަނީ، ނަމެއްގެ ގޮތުގައި ކަމުގައި ބައެއް ހޮސްޕިޓަލްތަކުގެ އިސްވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުމުގެ ވާހަކަދައްކާތާ އެތައް އަހަރެއް ވެފައި ވާއިރު، ކުރިން އެހޮސްޕިޓަލް އެޅުމަށް ނިންމާފައި އޮތީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. އެހެން ނަމަވެސް ސަރުކާރުން މިހާރު ވަނީ އިޖުތިމާޢީ މައްސަލަތަކާއި އިޤުތިޞާދީ މައްސަލަތަކުން ފުރިފައިވާ، އަދި އިންސާނުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ އެއްވެސް ޤުދުރަތީ އެއްވެސް މާހައުލެއް ނެތް، ގްރޭޓާ މާލެ ސަރަހައްދުގައި މެންޓަލް ހޮސްޕިޓަލް އެޅުމަށް ނިންމާފައެވެ.
ހެލްތު މިނިސްޓަރ ޤީލާ ޢަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައި ވަނީ މެންޓަލް ހޮސްޕިޓަލް ހުޅުމާލޭގައި އެޅުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް