Post banner
ރާއްޖެ

ރާއްޖެއިން ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ކުރަން ޤާނޫނީ އޮނިގަނޑެއް ހަދަން ނިންމައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖެއިން ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ކުރަން ޤާނޫނީ އޮނިގަނޑެއް ހަދަން ނިންމައިފި

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ 2026 އޯގަސްޓް 30 ވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

މިގޮތުން، ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ، ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށެވެ. އަދި ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ޚާއްޞަ ބިލެއް ފަރުމާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މި ޖަލްސާގައި ވަނީ ނިންމަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤްތިޞާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ޤައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށްޓަވާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް