1.2 މިލިއަން ރުފިޔާ ހަރަދުކޮށް، އައްޑޫ ސިޓީ ކައުންސިލުން ތަޖުރިބާ ދަތުރުތައް ކުރީ ސަރުކާރުގެ އެންގުންތަކާ ހިލާފަށް: އޭޖީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކައުންސިލް ތަމްސީލުކުރާ 8 މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުން ހިމެނޭހެން 2023 ވަނަ އަހަރު މެލޭޝިއާއާއި ސިންގަޕޫރަށް ކުރި ދަތުރުގެ ތެރެއިން: ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
2023 ވަނަ އަހަރާއި 2024 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން 1.2 މިލިއަން ރުފިޔާ ތަޖުރިބާ ދަތުރުކުރުމަށް ހަރަދުކޮށްފައިވަނީ ސަރުކާރުގެ އެންގުންތަކާ ހިލާފަށް ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވެއްޖެއެވެ.
އެޓާނީ ޖެނެރަލް މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 2022 ވަނަ އަހަރުގެ ކޮމްޕަލަޔނަސް އޮޑިޓް ރިޕޯޓު އަދި 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓާއި ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލް ދެކިވަޑައިގަންނަވާ ގޮތް އޮޑިޓް ރިޕޯޓުގައި ހާމަކުރައްވަމުންނެވެ.
އެގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން މެލޭޝިއާ އަދި ސިންގަޕޫރަށް ކޮށްފައިވާ ތަޖުރިބާ ދަތުރަށް ޖުމްލަ 1،200،610 ރުފިޔާ ހަރަދުކޮށްފައިވާކަން ވަނީ ރިޕޯޓުން ހާމަވެފައެވެ. އަދި މި ހަރަދުތަކަކީ ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީއިން އަންގާފައިވާ އެންގުންތަކާ ހިލާފަށް ކުރި ދަތުރުތަކެއް ކަމަށް އޭޖީ ފާހަގަކުރެއްވިއެވެ.
ކައުންސިލް ތަމްސީލުކުރާ 8 މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުން ހިމެނޭހެން 2023 ވަނަ އަހަރު މެލޭޝިއާއާއި ސިންގަޕޫރަށް ކުރި ދަތުރަކީ ދަތުރުގެ ރިޕޯޓުގައި ހިމަނާފައިވާ ދަތުރުގެ މަގުސަދާއި ގުޅުންހުރި ޓްރެއިނިންނެއް ނޫންކަމަށް އޭޖީ ފާހަގަކުރައްވާފައިވެއެވެ. އަދި ދަތުރުން ހާސިލުވިކަންކަން ބޭނުންކުރެވޭނެ ގޮތުގެ ތަފުސީލު ކައުންސިލްގެ އިދާރާއިން ލިޔުމުން ބަލަހައްޓާފައި ނުވާކަން އޭޖީ ވަނީ ފާހަގަކުރައްވާފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ދަތުރުގެ ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު 10 ބައިވެރިންގެ ޑީ.އެސް.އޭ އަދި ޕޮކެޓްމަނީއަށް ޖުމްލަ 316،264 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ރާއްޖެއިން ބޭރަށް ދިއުމަށާއި ގަމުން މާލެ އައުމަށް ދެކޮޅަށް ކުރި ހަރަދަށް ޖުމްލަ 120،456 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ހުރުމުގެ ހަރަދަށް 13،000 ރުފިޔާ ހަރަދުކޮށްފައިވާއިރު މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގެ ޓްރެއިނިންގ ޕްރޮގްރާމަށް ދައްކާފައިވަނީ 65،381 ރުފިޔާއެވެ. އެގޮތުން 2023 ވަނަ އަހަރު މެލޭޝިއާއާއި ސިންގަޕޫރަށް އައްޑޫ ސިޓީ ކައުންސިލުން ކުރިދަތުރަށް 515،101 ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެއެވެ.
2023 ވަނަ އަހަރުގެ ދަތުރުގެ އިތުރުން 2024 ވަނަ އަހަރުވެސް އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަމްސީލުކުރާ 9 މެމްބަރުންނާއި ކައުންސިލް މެމްބަރެއްގެ އިތުރު ން ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ވަނީ މެލޭޝިއާއާއި ސިންގަޕޫރަށް ތަޖުރިބާ ދަތުރެއްކޮށްފައެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ދަތުރަކީވެސް 2023 ވަނަ އަހަރުގައި ކުރި ދަތުރެކޭ އެއްގޮތަށް ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީއިން އަންގާފައިވާ އެންގުންތަކާ ހިލާފަށް ކުރި ދަތުރުތަކެއް ކަމަށް އޭޖީ ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުގައި ބައިވެރިވި ކައުންސިލް މެންބަރަކާއި ސެކެޓަރީ ޖެނެރަލް 2023 ވަނަ އަހަރު ކުރި ދަތުރުގައި ޓްރެއިނިންގައި ބައިވެރިވުމުގެ ސަބަބުން މި ދަތުރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގައި ބައިވެރިނުވާކަމަށް އޭޖީ ފާހަގަކުރިއެވެ. ނަމަވެސް މި ދެ ފަރާތުގެ ހުރުމާއި ކެއުމުގެ އިތުރުން ޓިކެޓަށް ޖުމްލަ 116،286 ރުފިޔާ ހަރަދުކޮށްފައިވާކަން އޭޖީ ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ދަތުރުގެ ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު 11 ބައިވެރިންގެ ޑީ.އެސް.އޭ އަދި ޕޮކެޓްމަނީއަށް ޖުމްލަ 347،891 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ރާއްޖެއިން ބޭރަށް ދިޔުމުގެ ޓިކެޓަށް 238،023 ރުފިޔާ ހަރަދުކޮށްފައިވާއިރު، އެތެރޭގެ ދަތުރުތަކާއި ހުރުމަށް ޖުމަލް 38،810 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެ އިތުރުން ޓްރެއިނިންގ އަށް 60،785 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އޮޑިޓަރ ޖެނެރަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ދަތުރުގެ ބައިވެރިން މެލޭޝިއާގައި ބައިވެރިވި ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމުން ކޮމިޓީގެ މަސްއޫލިއްޔަތާއި ގުޅޭ ތަޖުރިބާ ހޯދާފައިވާކަން ދަތުރު ރިޕޯޓުން އެނގެން ނެތްކަމަށެވެ.
އެގޮތުން ދަތުރުގެ ފުރަތަމަ 3 ދުވަހު ސިންގަޕޫރުގެ ތިން ގެލެރީއެއްގެ އިތުރުން ދެ ގާޑަންއަކަށް ޒިޔާރަތްކޮށްފައިވާއިރު މި ޒިޔާރަތްތަކާއި ގުޅިގެން ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން ލިބުނު ތަޖުރިބާގެ ތަފުސީލެއް ރިޕޯޓުގައި ހިމަނާފައި ނުވާކަމަށް އޭޖީ ވިދާޅުވިއެވެ.
އަދި މި ދަތުރުގައި ލިބުނު ތަޖުރިބާތަކުގެ އަލީގައި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް ކުރެވޭނެ ކަންތައްތަކާއި އެ ކަންތައްތައް ތަންފީޒުކުރާނެ ގޮތެއްވެސް ރިޕޯޓުގައި ހިމަނާފައިނުވާކަން އޭޖީ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް