ބައްޕަގެ މަރުގެ ޚަބަރާއެކު އާއިލާ ހަދާނެ ގޮތް ހުސްވެފައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސަދަރް ޢަލީ )50އ(، ބަނގްލަދޭޝް ---
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި 5 މީހުންގެ ތެރެއިން އެކަކީ، ރާއްޖޭގައި ވަޒީފާއަދާކުރަމުން އަންނަތާ 2 އަހަރުވެފައިވާ ސަދަރު ޢަލީއެވެ. އޭނާ ރާއްޖެއަށް އައީ 1 މިލިއަން ޓާކާ (123،457ރ)ގެ ބޮޑު ލޯނެއް ނަގައިގެން އޭޖެންޓްފީ ތަކާއި އެހެނިހެން ފީތައް ދައްކައި، ރަނގަޅު ވަޒީފާއެއް ހޯދައި އޭނާގެ އާއިލާއަށް ރަނގަޅު މުސްތަޤުބަލެއް ހޯދައި ދިނުމަށެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ސަދަރް ޢަލީ ނިޔާވެ ދިޔައިރު، އެއަލިފާނުގެ ތެރެއަށް ގެއްލި ދިޔައީ ސަދަރް ޢަލީގެ ފުރާނަ އެކަންޏެއް ނޫނެވެ. އާއިލާގެ އުއްމީދުތަކާއި ދަރިންގެ ތަޢުލީމަށް އޭނާ ކުރި އުއްމީދުތައްވެސް އަނދައި އަޅިޔަށްވެ ދިޔައީއެވެ.
ބަނގްލަދޭޝްގެ ނޫހެއް ކަމަށްވާ ދި ޑެއިލީ ސްޓާރއަށް ސަދަރް ޢަލީގެ އަންހެދަރިފުޅު ކިޔައިދިން ގޮތުގައި، ބުރާސްފަތު ދުވަހުގެ ރޭ، ތަރާވީޙް ނަމާދަށް ފަހުގައި، ސަދަރް ޢަލީ އާއިލާއަށް ފޯނު ކުރިއެވެ. އަދި އެފޯނު ކޯލުގައި އާއިލާގެ ހުރިހާ އެންމެންނާވެސް ވާހަކަދެއްކިއެވެ.
" ޢީދަށް ވިޔަފާރި ކުރުން ހިމެނޭހެން ބައްޕަ ވާހަކަދެއްކީ ޢާއިލީ ކަންކަމާ" ސަދަރް ޢަލީގެ ދޮށީ އަންހެން ދަރިފުޅު ރިޔާ އަޚްތަރް ބުންޏެވެ.
އޭނާ ބުނީ ބައްޕަގެ މަރުގެ ޚަބަރު ލިބުނީ އާއިލާގެ އެންމެން ހާރުކާން ތިއްބައި ކަމަށެވެ.
"(ބައްޕަޔާއި ވާހަކަދެއްކުމަށްފަހު) މަދުގަޑިއިރުތަކެއް ފަހުން މަންމަޔާއި އަހަރެން ހާރުކާން ތިއްބައި ބައްޕަގެ ނަމްބަރުން ރާއްޖެއިން އައީ ފޯނެއް. އަހަރެން ފޯނު ނެގީ. އެކޮޅުން ވާހަކަ ދެއްކި މީހާ ބޭނުންވީ އާއިލާގެ އެހެން މީހާކާ ވާހަކަ ދައްކަން. އެހެންވެ އަހަރެންގެ ކޮއްކޮ އުދޭ އަތަށް ފޯނު ދިނީ." ރިޔާ އަޚްތަރް ބުންޏެވެ.
ރިޔާ އަޚްތަރު ބުނި ގޮތުގައި ބައްޕަގެ މަރުގެ ޚަބަރު ލިބުމުން ހާރުކާން ތިބި އާއިލާގެ އެއްވެސް މެމްބަރަކަށް އެކައްޗެއްވެސް އިތުރަކަށް ނުކެވުނެވެ.
ސަދަރް ޢަލީ ނިޔާވި އިރު އޭނާގެ އަނތްބަކާއި ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ. ރިޔާ އަޚްތަރު ޑިގްރީއަށް ކިޔަވަމުން އަންނައިރު، އެލީޒާ އަޚްތަރާއި އުދޭ މިއާ ކިޔަވަމުން އަންނަނީ ޑރ އެލިއާސް އެކަޑަމީގެ 9 ވަނަ ކްލާހުގައެވެ.
ސަދަރް ޢަލީއަކީ، އެއާއިލާއަށް އާމްދަނީ ހޯދައިދޭ ހަމައެކަނި މީހާއެވެ. ދަރިންގެ ކިޔެވުމާއި ގޭގެ ހުރިހާ ޚަރަދެއްގެ އިތުރުން އާއިލާއިން ނަގާފައިވާ ބޮޑުލޯނު ދައްކަމުން އައީ، ސަދަރް ޢަލީ ރާއްޖޭގައި ވަޒީފާ އަދާކޮށްފައި ރަށަށް ފޮނުވާ ފައިސާއިންނެވެ. ސަދަރް ޢަލީ ނިޔާވި އިރު، އެ ލޯނުގެ ބޮޑުބައި އޮތީ ނުދެއްކިއެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ އަލިފާނުގެ ހާދިސާގައި ނިޔާވި ދެމީހެއް ހަށިގަނޑު މިއަދު ވަނީ ބަނގުލަދޭޝްއަށް ފޮނުވާފައެވެ. އުފާވެރި ޢީދަކަށް ތައްޔާރުވަމުން އައި އާއިލާއަށް ޢީދުގެ ކުރިން ނިންމަން ޖެހިފައި ވަނީ ބައްޕަގެ ޖަނާޒާއެވެ.
ރާއްޖޭގައި ހުންނަ ބަނގުލަދޭޝް ހައިކޮމިޝަނުން ވަނީ، އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ޙައްޤު ބަދަލު ހޯދައިދޭނެ ކަމުގެ ޔަޤީންކަން އާއިލާތަކަށް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް