Post banner
ރާއްޖެ

އަދަދު ނޫހުގެ އޮފީހަށް ފުލުހުންވަތް ވާހަކަ އާއެކު ރައީސަށް ކުރެވޭ ތުހުމަތުގެ ވާހަކަ ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސުރުޚީއަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަދަދު ނޫހުގެ އޮފީހަށް ފުލުހުންވަތް ވާހަކަ އާއެކު ރައީސަށް ކުރެވޭ ތުހުމަތުގެ ވާހަކަ ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސުރުޚީއަށް

އަދަދު ނޫހަށް ފުލުހުން ވަނުން == ފޮޓޯ: އަދަދު

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް ވާހަކަ އާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތު ކުރާ ނުހަމަގުޅުމުގެ ވާހަކަތައް ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސުރުޚީއަށް އަރައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުގެ ތެރޭގައި ހިމެނޭ، އަލްޖަޒީރާ އާއި، ބީބީސީގައި ވަނީ މިހާރު އެޚަބަރު ޝާއިއުކޮށްފައެވެ. އަދަދު ނޫހުގެ އިދާރާއަށް ފުލުހުން ވަދެ ބަލައި ފާސްކުރުމުގެ ވާހަކަ އާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތުހުމަތު ކޮށްފައިވާ ނުހަމަ ގުޅުމުގެ ވާހަކަތައްވެސް ބައިނަލްއަޤުވާމީ މީޑިއާގައި މިހާރު ވަނީ ޝާއިޢުކުރަން ފަށާފައެވެ.

އަދަދު ނޫސް ހިންގާ އޮފީހަށް ފުލުހުން ވަދެފައި ވަނީ، ފުލުހުން ބަލަމުން އަންނަ، ޖިނާޢީކުށުގެ ތަޙްޤީޤަކަށް ކަމުގައި ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. އެހެން ނަމަވެސް ފުލުހުން ތަޙްޤީޤުކުރާ ޖިނާޢީކުށަކީ ކޮބައިކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، ފުލުހުން އަދަދު ނޫހުގެ އޮފީހަށްވަދެ ބަލައި ފާސްކޮށް، އެ ނޫހުގެ ކޮމްޕިޓަރުތަކާއި ލެޕްޓޮޕްތަކުގެ ހާޑުޑިސްކުތައް ނަގައިގެން ގެންގޮސްފައި ވަނީ، އަދަދު ނޫހުން މާރިޗުމަހުގެ 28 ވަނަ ދުވަހު، ޝާއިޢުކުރި، ޑޮކިއުމެންޓްރީ "އައިޝާ" އާއި ގުޅިގެން ފުލުހުން ހިންގާ ތަޙްޤީޤަށެވެ.

އަދަދު ނޫހުން ގެނެސްދިން އެ ޑޮކިއުމެންޓްރީއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެކު ލޯބީގެ ގުޅުމާއިއެކު ނުހަމަގުޅުންތަކެއް ހިންގިކަމަށް ބުނެ އަންހެނަކު ދީފައިވާ އިންޓަވިއުއެއްގެ މައްޗަށް އޭއައި ވީޑިއޯތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ. އެ ޑޮކިއުމެންޓްރީގައި އިންޓަރވިއުދިން މީހާއަކީ ކާކުކަން ހާމަކޮށްފައި ނުވާއިރު، އެޑޮކިއުމެންޓްރީ ބިނާކޮށްފައިވާ ވަނީ، ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި، އީޝާ އަޝްރަފްކަމަށް ފުލުހުން ތުހުމަތު ކުރާކަން، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ދީފައިވާ އަމުރުގައި ހުރި ވާހަކަތަކުން އެނގެއެވެ.

އަދަދު ނޫހުގެ ޑޮކިއުމެންޓްރީގައި އަންހެނަކާއި ހަވާލާދީ ގެނެސްފައިވާ ވާހަކަތަކަކީ، ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނާއި ގުޅުވައި ދޮގުވާހަކަތައް ފެތުރިފަރާތްތަކާއި މެދު ކަމާއި ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެއެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމައްސަލަ ރައީސުލްޖުމްހޫރިއްޔާ ފުލުހުންނަށް ހުށައަޅުއްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް