ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޫސާ ޒަމީރު -- ފޮޓޯ؛ ރައީސް އޮފީސް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ފިނޭންސް މިނިސްޓަރ ގެ މަޤާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވި ސަބަބެއް އެމަނިކުފާނު މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. މިއަދު ފިނޭންސް މިނިސްޓަރުގެ މަޤާމަށް އައު ބޭފުޅަކު އައްޔަނުކުރައްވާނެ ކަމަށްވެސް އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި، ފިނޭންސް މިނިސްޓަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަކީ، އެމަނިކުފާނުގެ އަމިއްލަފުޅުނު ނިންމެވުމެކެވެ.
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރަކީ، މިސަރުކާރުގެ އެންމެ މުހިއްމު މިނިސްޓަރެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ކެބިނެޓް އެކުލަވާލެއްވި އިރު މޫސާ ޒަމީރު ޢައްޔަނު ކުރެއްވީ، ފޮރިން މިނިސްޓަރުގެ މަޤާމަށެވެ. އޭގެ ފަހުން ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، ޒަމީރު ޢައްޔަނުކުރެއްވީ ފިނޭންސް މިނިސްޓަރަކަށެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީއެންސީގެ ޓިކެޓް ހޯއްދެވުމަށް މިނިސްޓަރ މޫސާ ޒަމީރު މަސައްކަތް ކުރައްވާކަމަށް ބުނެ، ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ކެމްޕޭންތައް ކުރަމުން ދިޔަ ނަމަވެސް އެކަން މިނިސްޓަރ މޫސާ ޒަމީރު ވަނީ ދޮގު ކުރައްވާފައެވެ.
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ، މިސަރުކާރު އައުމަށްފަހުގައި ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، އެމަނިކުފާނު ފިނޭންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އިޤުތިޞާދަށް އުއްމީދެއް ލިބިފައި ވަނިކޮށެވެ. މިގޮތުން ފިޗުގެ ރޭޓިންގައި ރާއްޖެ އެއްދަރަޖަ ކުރިޔަށް ޖެހުމަކީ ލިބުނު ކުރިއެރުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް