Post banner
ރާއްޖެ

ބަނގުލަދޭޝް މީހަކު މަރާލުމުގެ ކުށްސާބިތުވެ ދިވެއްސަކު އުމުރަށް ޖަލަށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބަނގުލަދޭޝް މީހަކު މަރާލުމުގެ ކުށްސާބިތުވެ ދިވެއްސަކު އުމުރަށް ޖަލަށްލައިފި

ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް )48އ( ---

އެކުގައި ބޯޓެއްގައި މަސައްކަތް ކުރި، ބަނގުލަދޭޝްގެ ރައްޔިތަކު މޫދަށް ވައްޓައި މަރާލުމުގެ ކުށް ސާބިތުވި ދިވެއްސަކު އުމުރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައި ވަނީ، ގދ. ތިނަދޫ މަނާރު، ނިޒާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ އޭނާއާއެކު ބޯޓުގައި މަސައްކަތް ކުރި ލިޓަން ނަމަކަށް ކިޔާ ބަނގުލަދޭޝް ރައްޔިތަކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މޫދަށްވައްޓައި މަރާލި ކަމަށެވެ. އެދެމީހުން ތިބި ބޯޓު ފެނުނީ ހުޅުލޭ ކައިރިން މީހަކު ނެތި އޮޔާދަނިކޮށެވެ. އަދި ނިޒާމް ފުލުހުން ހޯދީ މާލެއަށް ފައިބައި މާލެ ތެރޭގައި އުޅެމުން ދަނިކޮށެވެ.

ނިޒާމް އާއި ލިޓަން ތިބި ބޯޓު ވިލިމާލެއިން ފުރިފަހުން ލިޓަންއަށް ވީނުވީ ގޮތެއް ނޭނގި ވަނީ ގެއްލިފައެވެ. އެމައްސަލައިގައި ފުލުހުން ނިޒާމް ހައްޔަރުކޮށްފައި ވަނީވެސް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް (48އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ (ގާނޫނު ނަންބަރު 9/2014) ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. މިއީ ގެއްލިފައިވާ މީހެއްގެ މައްސަލައިގައި، މަރުގެ ކުށް ސާބިތު މީހެއްގެ މައްޗަށް މިފަދަ ޙުކުމެއް ކުރި ފުރަތަމަ ފަހަރެވެ. ގެއްލުނު ލިޓަންގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.

ނިޒާމްގެ މައްޗަށް ސާބިތުވި މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު ނިޡާމް 25 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މުޙައްމަދު ނިޡާމް، މި ދައުވާއާ ގުޅިގެން 3 ޖަނަވަރީ 2023 އިން ފެށިގެން 1 މާރިޗު 2026 އަށް، ޖުމުލަ 1154 ދުވަސް ބަންދުގައި ހުރުމުން އެ ދުވަސްތައް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު ނިޡާމް ތަންފީޒުކުރަންޖެހޭ މުއްދަތަކީ 21 އަހަރާއި 10 މަހާއި 1 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް