ސިނަމާލެ ބުރިޖު - މަޖުބޫރުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށައަޅާފައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިނަމާލެ ބުރިޖު ---
ދުނިޔެ މައްޗަށް ވާރޭ ކަންޏެއް ޖަހައިލާއިރަށް، ހުޅުމާލެ ހޮސްޕިޓަލްގެ އިމާޖެންސީއަށް ބާރު ބޮޑުވެއެވެ. މޫސުމްގޯސްވުމުން ކޯސްޓް ގާޑު ތައްޔާރުވެ އޮންނަން ޖެހޭ ގޮތަށް މިއަދު ތައްޔާރީ ހާލަތުގައި އޮންނަންޖެހޭ އެއްތަނަކީ ހުޅުމާލެ ހޮސްޕިޓަލެވެ. ވާރޭވެހެން ފަށާއިރަށް ބުރިޖާއި ހައިވޭގައި އަދި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް އިތުރުވާތީއެވެ.
ބުރިޖާއި ހައިވޭ އަދި ހުޅުމާލޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މޫސުމް ގޯސްވުމާއި އެކު އިތުރުވެގެން ދެއެވެ. މިގޮތުން ރޭވެސް މާލެ ސަރަހައްދަށް ވާރޭ ވެހުނު މަދު ވަގުތުކޮޅުގެ ތެރޭގައި ސައިކަލް އެކްސިޑެންޓްތައްވެގެން ފަރުވާ ހޯދަން 2 ގަޑިއިރުގެ ތެރޭގައި 3 މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެނައެވެ.
ސިނަމާލެ ބުރިޖުން ހުޅުލެއާއި މާލެ ގުޅާލައި ހައިވޭއިން ހުޅުމާލެއާ ގުޅާލުމާއި އެކު، އިޤުތިޞާދީ ގޮތުން ހުޅުމާލެއަށް ދިރުން އައެވެ. ފަސޭހަވި ދަތުރުފަތުރާއި އެކު އިޤުތިޞާދީ ހަރަކާތްތައް އިތުރުވިއެވެ. އެހެން ނަމަވެސް އެއާއެކުގައި، އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅި، ކުޅެދޭ އެތައް ބަޔަކު ނުކުޅެދޭ މީހުންނަށްވެ، އެތައް ބައެއްގެ ޙަޔާތް ބަރުބާދުވެސް ވެއްޖެއެވެ.
ބުރިޖާއި ހައިވޭގައި ކޮންމެ ދުވަހަކުވެސް އެކްސިޑެންޓްތައް ހިނގައެވެ. ވިއްސާރަވުމުން އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެގެންދާކަން، ފުލުހުންނާއި، ހުޅުމާލެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެން ނަމަވެސް އެ ތަފާސް ހިސާބުތަކުން ނުފެންނަ އެއްޗަކީ، އެކްސިޑެންޓަކުގައި ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ވެގެން ދިޔަ އަދަދުތަކެވެ.

ބުރިޖާއި ހައިވޭއަކީ، ރައްކާތެރިތަނަކަށް ނުވާތީ އެމަގުގައި ދުއްވަން ޖެހިލުންވާ މީހުންގެ އަދަދު މަދެއް ނޫނެވެ. އެހެން ނަމަވެސް ފުރާނަ އަތްމައްޗަށް ލައިގެން ބުރިޖާއި ހައިވޭގައި ދުއްވަން ޖެހުން ގިނަ ބަޔަކަށް އޮތީ މަޖުބޫރުވެފައެވެ.
ބުރިޖުގައި ދުވާލަކު ކިތައް ބުރިޖަހަން ޖެހޭތޯ، މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަށް ކޮމެންޓް ކުރި މީހުންގެ ތެރެއިން ގިނަ މީހުން ބުނެފައި ވަނީ، ދުވާލަކު ދެ ބުރު ނުވަތަ އެއަށް ވުރެވެސް ގިނައިން ޖަހަންޖެހޭ ކަމަށެވެ. އެއީ ފޫހިފިލުވާލަން ނުވަތަ ފިނިބުރަކަށް ދުއްވާ ދުއްވުމެއް ނޫނެވެ، އޮފީސްތަކަށް ދިޔުމަށާއި، ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުމަށް، ހުޅުމާލެއިން މާލެއަށް ކުރަންޖެހޭ ދަތުރެވެ.
"ރަސްމީ ދުވަސް ދުވަހު ބައެއް ފަހަރު، ބުރިޖުގައި 6 ބުރުވެސް ޖަހަންޖެހޭ" ހުޅުމާލޭގައި ދިރިއުޅޭ މާލޭގައި ވަޒީފާ އަދާކުރާ މީހަކު ބުންޏެވެ.
ސިނަމާލެ ބުރިޖުން ޓޯލްފީ ނެގުމަށް ރައީސް ޔާމީނުގެ ސަރުކާރުގައި މަސައްކަތް ފެށިއެވެ. އެހެން ނަމަވެސް އެކަން ފަހުން އޮތީ ހުއްޓިފައެވެ. އެހެންވެ ބުރިޖުގައި ދަތުރުކުރާ މީހުން ގިނަވެގެން ސީދާގޮތުން ސަރުކާރަށް ލިބޭ އާމްދަނީއެއް ނެތެވެ. އޭގެ ބަދަލުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ މީހުންނަށް ލިބޭ އަނިޔާތަކުގައި އާސަންދައިން ޞިއްޙީ ފަރުވާއަށް ކުރަންޖެހޭ ހޭދަ ބޮޑުވެއެވެ.
މާލެ ސަރަހައްދުގެ އާބާދީ މިއަދު ތޮއްޖެހެމުން އަންނަނީ ހުޅުމާލެއަށެވެ. ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާއި އެކު ހުޅުމާލޭގެ ނިރޮޅުމަގު އިންތިހާއަށް ނުރައްކާ މަގަކަށް ވެގެން ދިޔައެވެ. އެންމެ ފަހުން ފަހިދިރިއުޅުން ކުންފުނީގެ 4000 ފްލެޓަށް މީހުން ބަދަލުވުމާއި އެކު މި ނުރައްކާ އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެއެވެ.
"ހުޅުމާލޭގައި ދިރިއުޅޭ އެންމެން ކަހަލަ ގޮތަކަށް، ވަޒީފާއަށް ދާން މިޖެހެނީ މާލެއަށް. އެހެންވީމާ ބުރިޖާއި ހައިވޭއަށް ބާރުބޮޑުވެ މިހާރު އެއޮތީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހެއްގެ ޒިންދަގީ ދާތަނަކަށް ވެފައި." ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ޢަބްދުލްޢަޒީޒު ބުންޏެވެ.
ހުޅުމާލެއިން ފްލެޓާއި ގޯތި ލިބުނު ބައެއް މީހުން އެތަންތަން ކުއްޔަށްދީފައި އަދިވެސް ދިރިއުޅެނީ މާލޭގައެވެ. އެފަދަ ބައެއް މީހުންނާއި ވާހަކަ ދައްކާލުމުން އެނގުނީ، ދަރިން މާލޭގެ ސްކޫލުތަކުގައި އުޅޭތީއާ ވަޒީފާ އަދާކުރާ އޮފީސް ހުންނަނީ މާލޭގައި ކަމަށް ވުމުން، ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރަން ފަސްޖެހެނީ ކަމަށެވެ. އެއީ ހައިވޭ އާއި ބުރިޖުގައި ކޮންމެ ދުވަހަކު ދެކޮޅަށް ދުއްވާ ދުއްވުމަކީ، ބޭކާރު ގޮތުގައި ފުރާނަ ނުރައްކަލަށް ހުށައެޅޭ ކަމެއް ކަމުގައި ޤަބޫލު ކުރާތީއެވެ.
ބުރިޖާ ހައިވޭ ނުރައްކާތަނަކަށް ވަނީ ހަމައެކަނި، ބާރަށް ދުއްވާ މީހުންގެ ސަބަބަކުން ނޫނެވެ. ހައިވޭގެ ދެފަރާތުގައި ހުއްޓިގެން ބަހައްޓާފައި ހުންނަ ސައިކަލްތަކުގައި ޖެހިގެންވެސް އެކްސިޑެންޓްތައް ހިނގައެވެ. ދާދިފަހުން އެ ގޮތަށް ބަހައްޓާފައި ހުރި ސައިކަލެއްގައި ޖެހުނު މީހަކު ސައިކަލާއި އެކު ވެއްޓި ބޮޑު ލޮރީއެއް ދަށުވެ ނިޔާވުމުގެ ހާދިސާއެއްވެސް ހިނގިއެވެ.
ހައިވޭ އާއި ބުރިޖުގައި ދުއްވާ މީހުން ފާހަގަކުރާ އެހެން ކަމެއްވެސް އޮވެއެވެ. އެއީ މަގުގައި ހުރި ކުރެހުންތަކުގެ މައްސަލައެވެ. މަގުގައި ހުދުކުލައި ކުރަހާފައިވާ ކުރެހުންތަކާއި ރޮނގުތަކުގެ ފުޅާމިން ސައިކަލުގެ ފޮރޮޅުގެ ފުޅާމިނަށްވުރެވެސް ފުޅަލެވެ. އަދި އެ ރޮނގުތައް އޮމާންވެފައި ވާރޭ ވެހޭ ވަގުތު އޭގެމަތިން ސައިކަލުތައް ފަސޭހައިން ކަހާލައެވެ.
"ކިތަންމެ މަޑުން ދުއްވާފައި ދިޔަސް ވާރޭ ވެހޭ ވަގުތު ލައިން މައްޗަށް އެރިއްޖިއްޔާ ހަމަ އޮންނާނީ ބެލެންސް ކަޓާފައި، ބުރަކީގައި ކިރިޔާ ހިފުނަސް ދުވަސް ދިޔައީ." އެއާޕޯޓުގައި ވަޒީފާ އަދާކުރާ، ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ހުޅުމާލޭގައި އިތުރު ކުރުމަކީ، އެތައް ބައެއްގެ ފުރާނައަށް ސަލާމަތްތެރިކަން ހޯދައި ދެވޭނެ ކަމެއްކަން ސިޔާސަތު ކަނޑައަޅަން ތިބި ފަރާތްތަކަށް ނޭނގެނީއެއް ނޫނެވެ. އެކަމަކު އެކަމަށް އޮތީ ފަރުވާކުޑަކޮށް އިހްމާލުވެފައެވެ. ރައްޔިތުންނަށް އޮތީ ނުރައްކަލުގެ ތެރޭގައި ޙަޔާތް ވޭތުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް