މާލޭގެ ގެއެއްގައި ކައްކާގޭސް ލީކުވެ މަންމަޔަކު ނިޔާވެ އޭނާގެ ދަރިފުޅުގެ ހާލުދެރަވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
މާލޭގެ ގެއެއްގައި ހިނގި ގޭސް ލީކުވުމުގެ ހާދިސާއެއްގައި މަންމަޔަކު ނިޔާވެ، އޭނާގެ ދަރިފުޅުގެ ހާލު ދެރަވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިންގޮތުގައި، ނިޔާވެފައިވާ އަންހެން މީހާއަކީ، ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ. ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ، އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅަށެވެ.
މިހާދިސާ ހިނގާފައި ވަނީ، އެދެމައިން ނިދާފައި ތިއްބާ ގޭތެރެއަށް ގޭސް ލީކުވުމުގެ ސަބަބުން ކަމުގައި ވަނީ ބެލެވިފައެެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކަމާއި ބެހޭ ފަރާތްތަކުން އެ ދެމައިން ތިބި އެޕާޓްމެންޓަށް ވަދެފައި ވަނީ، ގޭސް ލީކުވާކަމަށް އެމްއެންޑީއެފަށް ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށެވެ.
މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 10:34 އެހައިކަންހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
މާލޭގެ ތޮއްޖެހުން ބޮޑުކަމުގެ ސަބަބުން، ބައެއް އެޕާޓްމަންޓްތައް ހެދިގައި ހުންނަނީ، އެއްވެސް ވެންޓިލޭޝަނެއް ނުހުންނަ އަދި ވައިދައުރުނުވާ ގޮތަށްކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް، އެދެމެއިން ދިރިއުޅެމުންދިޔަ އެޕާޓްމަންޓަކީ، ކިިހިނެއް ހުރިތަނެއްކަމެއް މިހާތަނަށް އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް