ރާއްޖެ

ހިޔާ ފްލެޓް ވެރިންނަށް 1 ބިލިއަން ރުފިޔާގެ ޑިސްކައުންޓެއް، ބައެއް ފްލެޓްވެރިން 2 އަހަރުވަންދެން ކުލި ދައްކަން ނުޖެހޭނެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިޔާ ފްލެޓް ވެރިންނަށް 1 ބިލިއަން ރުފިޔާގެ ޑިސްކައުންޓެއް، ބައެއް ފްލެޓްވެރިން 2 އަހަރުވަންދެން ކުލި ދައްކަން ނުޖެހޭނެ

އެޗްޑީސީގެ ހެޑް އޮފީސް -- ފޮޓޯ: ރައްޔިތުންގެ ނޫސް

ރާއްޖޭގައި އެންމެ ގިނަ ބަޔަކު އެއްތަނެއްގައި ތޮއްޖެހިގެން ދިރިއުޅޭ، ހިޔާ ޓަވަރުތަކުގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް، ގާތްގަނޑަކަށް އެއްބިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފިއެވެ.

މި ޑިސްކައުންޓާއެކު ފްލެޓް ލިބިފައިވާ ބައެއް ފަރާތްތަކުން ކުރިޔަށް އޮތް 2 އަހަރެއްހައި ދުވަހު ދައްކަން ޖެހޭނީ، ހަމައެކަނި މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ އެއްހާސް ރުފިޔާއެވެ.

އެޗްޑީސީން މިހާރު ދަނީ، ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ގޮތާއި، އެކަމުގެ މައުލޫމާތު ފްލެޓްތަކުގެ ވެރިންނަށް ސިޓީން އަންގަމުންނެވެ.

އެސިޓީގައި ބަޔާންކޮށްފައިވާ ގޮތުން އެ ޑިސްކައުންޓަކީ، ފްލެޓްތަކުގެ ފިނިޝިންއަށް ފްލެޓްތަކުގެ ވެރިން ކުރި ޚަރަދުގެ ބަދަލުގައި 2 ލައްކަ ރުފިޔާ އަނބުރާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ގެނައި ބަދަލެކެވެ. މީގެ ކުރިންވެސް ވަނީ އެފައިސާ ދެއްވުމުގެ ގޮތުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދީ އެތަންތަނުގެ ކުލީގެ މުއްދަތު އިތުރުކޮށްފައެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި، މިހާރު ދައްކަން ޖެހެނީ މެއިންޓަނަންސް ފީ އާއި ނުލައި މަހަކު 3984ރ އެވެ. އެހެން ނަމަވެސް އެޗްޑީސީން ފިނިޝިންގ ޑިސްކައުންޓް ހަދާފައި ވަނީ، ކުރިން ފްލެޓްތަކަށް ކުލި ކުޑަކޮށްދިނުމުގެ ކުރިން ހުރި އަގަށް، 5300ރ އަށެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ފްލެޓަކަށް ދޭން ކަނޑައެޅި، ދެ ލައްކަ ރުފިޔާގެ ތެރެއިން މިހާތަނަށް، ނުދެވި އޮތީ، 135،714.35 އެވެ. އެހެންވެ ފުލެޓަށް ދައްކަން ޖެހޭ ކުއްޔެއް އޮތްނަމަ ޑިސްކައުންޓުން އެބައި އުނި ކުރުމަށް ފަހު، ބާކީވާ ފައިސާގެ އަދަދު ކުލީގެ އަދަދުން ހަމަވާންދެން ކުލި ދައްކާކަށް ނުޖެހޭނެއެވެ. އަދި ޑިސްކައުންޓް ފައިސާގެ އަދަދު ހަމަވުމުން އަލުން ކުލި ދައްކަން ޖެހޭނީ، މެއިންޓަނަންސް ފީ އާއި ނުލައި މަހަކަށް 5300ރ ގެ މަގުންނެވެ.

މިބަދަލާއި އެކު ޤަވާއިދުން ކުލި ދައްކަމުން އައި ފްލެޓްތަކުގެ ވެރިންނަށް 2 އަހަރު ދުވަހުގެ ކުލި މަޢާފުވެގެންދާނެއެވެ. އަދި ހިޔާފްލެޓްތަކުގެ ކުލި ނުދައްކާ މީހުންގެ ތެރެއިން، 135،714.35އަށް ވުރެ ބޮޑު އަދަދެއް މިހާތަނަށް ނުދައްކައި އޮތް ފަރާތެއް ނަމަ، މިފެށޭ މަހުން ފެށިގެން އެފަރާތަކުން މެއިންޓަނަންސް ފީއާއެކު ދައްކަންޖެހޭ މަހުކުލި، 4984ރ އިން 6300ރއަށް ބޮޑުވާނެއެވެ.

އެޗްޑީސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ހިޔާގެ ފްލެޓްތަކަށް ކުރިންވެސް ދީފައި އޮތް ލުއިތަކާއި އެކުގައިވެސް ޤަވާއިދުން ފްލެޓް ކުލި ނުދައްކާ މައްސަލަ އޮތީ ބޮޑުވެފައެވެ.

އެޗްޑީސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން، އެކުންފުނިން ބަލަހައްޓަމުން އަންނަ 8511 ފްލެޓްގެ ތެރެއިން ބަރާބަރަށް މަހުން މަހަށް ކުލި ދައްކަމުން އަންނަނީ، އެންމެ 3219 ފަރާތުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް