Post banner
ރާއްޖެ

ދިވެހި ހުރިހާ ރައްޔިތުންވެސް ސާބިތުކަމާއި އެކު އިސްލާމްދީނުގައި ދެމި ތިބިމުގެ ޢަޒުމުވަރުގަދަ ކުރައްވުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިވެހި ހުރިހާ ރައްޔިތުންވެސް ސާބިތުކަމާއި އެކު އިސްލާމްދީނުގައި ދެމި ތިބިމުގެ ޢަޒުމުވަރުގަދަ ކުރައްވުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް --

ދިވެހި ހުރިހާ ރައްޔިތުންވެސް ސާބިތުކަމާއި އެކު އިސްލާމްދީނުގައި ދެމި ތިބިމުގެ ޢަޒުމުވަރުގަދަ ކުރައްވުމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދިލް ޤައްޔޫމް ގޮވާލައްވައިފިއެވެ. '

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދިވެހިރާއްޖެ އިސްލާމް ދީނަށް އެނބުނުރުތާ 900 އަހަރު ފުރުމުގެ މުނާޞަބަތާއި ގުޅުވައި، ފޮނުއްވި ވީޑިއޯ ޚިޠާބުގައެވެ.

ރައީސް މައުމޫނު އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ފާއިތުވި 900 އަހަރު ދިވެހިރާއްޖޭގައި އިސްލާމްދީން ދެމި އޮތީ، ކާބަފައިންގެ ބުރަ މަސައްކަތުން ކަމަށެވެ. އެހެން ކަމުން މިއަދު ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޢަޒަުމަކަށް ހަދަންވީ ކުރިޔަށް އޮތްތަނުގައިވެސް އިސްލާމްދީނުގެ މަތިވެރި ޙިދާޔަތުގައި ދެމި ތިބުން ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، އިސްލާމްދީނަކީ، ދިވެހި ރާއްޖޭގެ ޤައުމީ ބިންގާ ކަމަށާއި އަދި އެއީ ދިވެހިޤައުމިއްޔަތުގެވެސް ބިންގާ ކަމަށެވެ.

ރައީސް މައުމޫނު ރިޔާސީ 6 ދައުރެއްގައި ޖުމުލަ 30 އަހަރު ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި އިރު، އެމަނިކުފާނުގެ ޒަޢާމަތުގައި، ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ވަރުގަދަ ކުރައްވައި، ޒަމާނީ މިސްކިތްތަކާއި މަދަރުސާތައް ޤާއިމް ކުރައްވައި، ދީނީ އެއްބައިވަންތަކާއި، ދީނީ ޚިލާފުތަކުން ދިވެހި މުޖުތަމަޢު ސަލާމަތް ކުރެއްވުމަށްޓަކައި ވަރަށް ޚާއްޞަ އިސްކަމެއްދީގެން މަސައްކަތްޕުޅުތައް ކުރައްވާފައި ވެއެވެ.

ރައީސް މައުމޫން ވެރިކަމުން ވަކިވެވަޑައިގެންނެވީ، މީގެ 17 އަހަރު ކުރިން، 11 ނޮވެމްބަރު 2008 އިން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް