Post banner
ރާއްޖެ

ސްޕޯކްސް ޕަރސަންއާއެކު ރައީސުލްޖުމްހޫރިއްޔާ އައު ޕޮޑްކާސްޓް ޕްރޮގްރާމެއް ފައްޓަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސްޕޯކްސް ޕަރސަންއާއެކު ރައީސުލްޖުމްހޫރިއްޔާ އައު ޕޮޑްކާސްޓް ޕްރޮގްރާމެއް ފައްޓަވައިފި

ދަ ޕަލްސްގެ ފުރަތަމަ އެޕިސޯޑު -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން އާއިއެކު އައު ޕޮޑްކާސްޓެއް ފައްޓަވައިފިއެވެ.

މިފަހަރުގެ ޕޮޑްކާސްޓަށް ދީފައިވާ ނަމަކީ، "ދަ ޕަލްސް"އެވެ. މި ޕޮޑްކާސްޓްގެ ޕްރެޒެންޓަރަކީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ.

މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، "ދަ ޕަލްސް"އަކީ އެވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުޟޫޢެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ޚާއްޞަ ޕްރޮގްރާމެއް ކަމަށެވެ.

ދެބަޔަކަށް ކުރިޔަށް ގެންދާ މި ޕޮޑްކާސްޓުގައި ނޫސްވެރިއަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އާއި ސުވާލު ކުރުމަށް ފުރުޞަތު ދެއެވެ. މިގޮތުން ފުރަތަމަ އެޕިސޯޑުގައި ފުރުޞަތި ދީފައި ވަނީ، ވަގުތު ނޫހުގެ ޔާމީން މުޙައްމަށެވެ.

ފުރަތަމަ ޕްރޮގްރާމްގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ، ތިމާވެއްޓެވެ. އެއީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެންނެވެ. މި ޕްރޮގްރާމްގައި އާއްމުންގެ ބައިގައި ގެނެސްދީފައި ވަނީ ތިމާވެށީގެ ދާއިރާއިން ކޮޅުމަޑުލު މަޑިފުށީގެ ބައެއް މީހުންގެ ސުވާލުތަކާއި، ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ ރައީސް ޙަސަން ދީދީގެ ކަންބޮޑުވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އައު ޕޮޑްކާސްޓެއް ފެށިއިރު، "ރައްޔިތުންނާއި އެކު"ގެ ނަމުގައިވެސް ޕޮޑްކާސްޓެއް ގެނެސް ދިނެވެ. އެޕޮޑްކާސްޓުގެ 9 އެޕިސޯޑް ގެނެސްދިން އިރު، އެޕޮޑްކާސްޓް ހުށައެޅުއްވީ، މަޝްހޫރު ޕްރެޒެންޓަރު އަދި މިހާރު ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަކީބެވެ.

އާއްމުން ކުރާ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވާ ގޮތަށް "ރައީސްގެ ޖަވާބު"ގެ ނަމުގައިވެސް ސިލްސިލާއެއް ފެށިއެވެ. އެހެން ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެސިލްސިލާވެސް ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން އަހާ ފޯރަމްގެ ނަމުގައި ފޯރަމްތަކެއް ފެއްޓެވި ނަމަވެސް އެ ފޯރަމްތަކުގެ ދެތިން ފޯރަމް ބޭއްވުމަށް ފަހު ވަނީ މެދުކަނޑާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް