ރާއްޖެ

ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ޣަފޫރު ވަކިކުރުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ޣަފޫރު ވަކިކުރުމުގެ މަސައްކަތް ފަށައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުން، ޢަބްދުލްޣަފޫރު މޫސާ ވަކިކުރުމުގެ މަސައްކަތް ރައީސް ނަޝީދަށް ތާޢީދުކުރައްވާ ފަރާތްތަކުން ފަށައިފިއެވެ.

ޣަފޫރު ޗެއާޕާސަންގެ މަޤާމުން ވަކިކުރުމަށްޓަކައި، ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ވަނީ، ފަށާފައެވެ. އެޕެޓިޝަނުގައި ސޮއިކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނީ، ރައީސް ނަޝީދުގެ ސަޕޯޓަރުންނެވެ. އެޕެޓިޝަންގައި ސޮއިކުރަމުން ދަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން ޣަފޫރު މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުން، ޕާޓީގެ ލީޑަރޝިޕާއި މެދު ހިތްހަމަ ނުޖެހިގެން އުޅެނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅު ދެއްކެވުމަށް ފުރުޞަތު ނުދިނީ، ޣަފޫރު ކަމަށް ބުނެއެވެ. އެމައްސަލައިގައި ޖަލްސާ ހިނގަމުން ދިޔައިރު ރައީސް ނަޝީދުގެ ސަޕޯޓަރުން ޖަލްސާ އޮތް ސަރަހައްދުގައި މުޒާހަރާވެސް ކުރިއެވެ.

އެމައްސަލައިގައި ޣަފޫރު ވިދާޅުވެފައި ވަނީ، އެޖަލްސާގައި ވާހަކަދެއްކުމަށް އެޖެންޑާގައި ހިމަނާފައި އޮތީ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި، މޭޔަރުންނާއި، އިންތިޚާބު ކާމިޔާބުކުރެއްވި އެހެން ބައެއް ބޭފުޅުންކަމަށެވެ.

އެމްޑީޕީގެ އެޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ރައީސް ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލްވެސް އެދިވަޑައިގެންނެވި ކަމަށާއި، ފުރުޞަތު ނުދިން ކަމަށް ބުނެ މަސްލަޙަތު ނަގާލައި ވާހަކަތައް ފެތުރީ، އެކަމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމުގައި ޣަފޫރުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިއްޔެ ވަނީ، ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް މަޤާމުން ވަކިކޮށްފައެވެ. އެބޭފުޅުން މަޤާމުން ވަކިކުރެއްވި ސަބަބެއް މަޤާމުން ވަކިކުރައްވައި ފޮނުއްވި ސިޓީގައި ބަޔާންކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ޢިތުބާރު ނެތްކަމުގެ ވޯޓުނަގައި، ޣަފޫރު މަޤާމުން ވަކިކުރުމަށް ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

2023 ގެ ރިޔާސީ އިންތިޚާބުގެ ކުރިން އޮތް ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، އެމްޑީޕީގެ ތެރޭގައި ފެކްޝަން ހައްދަވައިގެން އުޅުއްވުމަށްފަހު، ރައީސް ނަޝީދު ވަނީ، ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެވެ. އެމްޑީޕީއަށް 2023ގެ ރިޔާސީ އިންތިޚާބު ގެއްލުމަށް ފަހުގައި، މަޖިލިސް އިންތިޚާބާއި ކައުންސިލް މޭޔަރ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު، ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވާފައެވެ. މިހާރު އަލުން އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެމްޑީޕީގެ އިސްމަޤާމުތައް އަތުލައްވައިގެން، ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވައި ދެއްވުމުގެ މަސައްކަތް ކަމަށް، އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް