އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ކޮންމެ ޤައުމަކަށްވެސް ހަމަލާދޭނަން: އިރާން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާނަށް ހަމަލާދިނުމަށް، އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ކޮންމެ ޤައުމަކަށްވެސް އީރާނުން ހަމަލާ ދޭނެ ކަމުގައި އީރާނުން އަނެއްކާވެސް ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކަށް އީރާނުން ރައްދު ދިނުން އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކަށް ކަމު ނުދިޔަ ކަމަށެވެ. އެހެން ނަމަވެސް ހަނގުރާމަކުރާ ބަޔަކާއި ހަނގުރާމަކުރުމަކީ އީރާނަށް އޮތް ޙައްޤެއް އަދި ދީނީ ވާޖިބެއް ކަމުގައިވެސް އީރާނުން ވަނީ ބުނެފައެވެ.
އީރާނުން ބުނެފައި ވަނީ، އީރާނުން ހަމަލާދެމުން ދަނީ، އެމެރިކާ އާއި އިޒްރޭލުން ޢަރަބި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށާޢި، އެޤައުމުތަކުގައި ހުރި އެފަރާތްތަކުގެ މުދަލަށް ކަމަށެވެ. އަދި އީރާނަށް އޮތް ނުރައްކާތައް ނައްތައިލެވޭނީ، އެފަދަ މަރުކަޒުތައް ހަލާކުކޮށްލައިގެން ކަމުގައި އީރާނުން ވަނީ ބުނެފައެވެ.
އީރާނުން ބުނެފައި ވަނީ، ޢަރަބި އިސްލާމީ ޤައުމުތަކަށް އީރާނުގެ ރައްދުހަމަލާތައް ދިނުން ހުއްޓާނީ، އެޤައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތައް ނައްތާލުމަށްފަހުގައި، ނުވަތަ އެޤައުމުތަކުން އެމަރުކަޒުތައް ބޭރު ކުރުމުން ކަމުގައެވެ.
އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ފަށާފައިވާ ހަނގުރާމައިގައި އިޒްރޭލާއި އެމެރިކާއަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އަދި މިއީ ހަނގުރާމަފެށި އިރު އެމެރިކާ އާއި އިޒްރޭލަށް އަންދާޒާކޮށްލެވިފައިވެސް ނުވާފަދަ ވަރުގަދަ ރައްދު ހަމަލާތަކެއް ކަމުގައި މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.
އީރާނުގެ ރައްދު ހަމަލާތަކުގެ ސަބަބުން، ގަލްފުގެ ޤައުމުތަކުގެ އިޤުތިޞާދާއި ވިޔަފާރި އަދި ދަތުރުފަތުރުވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް