ދުނިޔެ

އެމެރިކާއިން އީރާނަށް މިއަދު ހަމަލާދީފައިވާކަން ޓްރަމްޕް އިއުލާންކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމެރިކާއިން އީރާނަށް މިއަދު ހަމަލާދީފައިވާކަން ޓްރަމްޕް އިއުލާންކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ---

އެމެރިކާއިން އިން މިއަދު ތެހެރާނަށް ހަމަލާދިންކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އިއުލާނުކުރެއްވި ގޮތުގައި، އެމެރިކާއިން އީރާނާއި ދެކޮޅަށް ހަމަލާދީފައި ވަނީ، އީރާނުން ނިއުކުލިއަ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރުން ހުއްޓުވުމަށް ކަމަށެވެ. އަދި މިއަދު ދިން ހަމަލާތަކަށް ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

ޓްރަމްޕް ދެއްވި ބަޔާނުގައި ވިދާޅުވީ، އީރާނުގެ އިސްލާމީ އިންޤިލާބަށްފަހުގައި، އީރާނުން އަންނަނީ އެމެރިކާ ނައްތާލުމަށް ގޮވާލައި އަދި އެމެރިކާގެ ރައްޔިތުން މަރަމުން ކަމަށެވެ. މިގޮތުން ފާއިތުވި އަހަރުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އާއި އެމެރިކާ އާއި ދެކޮޅަށް ހަނގުރާމަވެރި ޖަމާޢަތްތަކުން ދީފައިވާ ހަމަލާތަކަކީ، އީރާނުގެ މަދަދު ލިބިގެން ދީފައިވާ ހަމަލާތަކެއް ކަމުގައި، ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ ބަޔާނުގައި ވަނީ، އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ ސިފައިންނަށް، ހަތިޔާރު ބެހެއްޓުމަށް ގޮވާލާފައެވެ. އެހެން ނޫންނަމަ ކުރިމަތިލާން ޖެހޭނީ މަރާއި ކަމުގައި ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ، ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އަދި އެންމެ ކުރިއަރާފައިވާ އަސްކަރިއްޔާއަކީ އެމެރިކާގެ އަސްކަރިއްޔާ ކަމަށާއި، އެމެރިކާ އާއި ކުރިމަތި ލެވޭނެ ބާރެއް ދުނިޔޭގައި ނެތް ކަމަށެވެ. އަދި އޭނާގެ ފުރަތަމަ ޒަޢާމަތުގައި އަސްކަރިއްޔާއަށް ކުރިއެރުންތައް ހޯއްދަވައި ދެއްވި ކަމަށާއި، މިހާރުވެސް އެމެރިކާގެ އަސްކަރިއްޔާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަން ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އީރާނަށް ކުރޫޒް މިސައިލްތަކުން ހަމަލާ ދީފައި ވަނީ، އެމެރިކާ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ޓްރަމްޕް އިޢުލާނުކުރެއްވި އިރު، އެހަމަލާތަކުގައި އިޒްރޭލުންވެސް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް