Post banner
ރާއްޖެ

މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ނިންމަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށައެޅުއްވުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު އަނބުރާގެނައުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާނުކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވަމުން ގެންދެވީ އޭރުގެ ސަރުކާރުން، މޮރިޝަސްއަށް ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށެވެ. އަދި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އާއްމު ކުރުމަށްވެސް ގޮވާލަމުން ދިޔައެވެ. ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު 19 ނޮވެމްބަރު 2023ގައި އެކަން ބެއްލެވުމަށް ބަންޑާރަ ނައިބަށް ރައީސް އެންގެވި އިރު، އެސިޓީފުޅު ރަސްމީކޮށް މި ސަރުކާރުން އާއްމު ކުރެއްވީ 19 ޑިސެމްބަރު 2023ގައެވެ. އެސިޓީފުޅުގައި ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދިވެހި ސަރުކާރުން ދޫކޮށްލާ ވާހަކައެއް ނެތެވެ،

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހުނު މައްސަލައިގައި އައްޔަނުކޮށްފައިވާ ވަކީލުންނާއި، ކަމާއިބެހޭ ފަރާތްތަކުން ދީފައިވާ މައުލޫމާތާއި ލަފާގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި ނިންމުންތަކެއް ނިންމަވާފައިވާ ކަމަށެވެ.

"ދިވެހި ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދުން ދޫކޮށްލިބައި، ހޯދުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރަން ފަށައިފިން. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓް 22 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރި ކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް، ބައިނަލް އަޤުވާމީ މާހިރުންގެ ލަފާ ލިބިފައި ވާތީ، ދިވެހިރާއްޖެއިން އެސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، މިފަޚުރުވެރި ދިވެހި ދައުލަތާއި، ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުންގެ ހައްޤުގައި ތިޔަ އިއްޒަތްތެރި މަޖިލިސް މެމްބަރުންގެ ކުރިފުޅުމަތީގައި އަޅުގަނޑު އިޢުލާނު ކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަންކަން ހިނގައި ގޮސްފައިވާ ގޮތް ބެލުމަށާއި، ކަމާއި ގުޅޭ ފަރާތްތަކާއި ސުވާލުކުރުމަށް އިންކުއަރީ ކޮމިޝަނެއްވެސް އުފެއްދެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅައި ބެލެހެއްޓުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް މިއަހަރު ޚާއްޞަ އޮފީހެއް ޤާއިމް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް