ނިމާލުގެ ވަކިވުން، ފިލްމީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަހުމަދު ނިމާލުގެ މަހާނަ -- ފޮޓޯ: ރައްޔިތުންގެ ނޫސް
ދިވެހި ފިލްމީ ދާއިރާއަށް ނިމާލް ނުކުތީ 1985 ވަނަ އަހަރު، ނުކުތް ފިލްމު "ނުފޫޒު"އިންނެވެ. އެހެން ނަމަވެސް އޭނާގެ ފިލްމީ މަސައްކަތްތަކުގެ ތެރެއިން ނުވަދިހައިގެ އަހަރުތަކުގައި އެންމެ މަޝްހޫރުވި ސިލްސިލާއަކީ، ޓީވީމޯލްޑިވްސްއިން ގެނެސްދިން ސަޅިބައިސާގެ ސިލްސިލާތަކެވެ.
ނިމާލު 20 ވުރެ ގިނަ ފީޗަރ ފިލްމު ކުޅެފައިވާއިރު، 16 ފިލްމެއް ޑައިރެކްޓްވެސް ކޮށްފައި ވެއެވެ.
ނިމާލު ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން، 90ގެ އަހަރުތަކުގެ ތެރޭގައި އެންމެ މަޤުބޫލުވި ފިލްމަކީ، ދިވެހި ފިލްމު ސިޓީއެވެ. އޭގެ އިތުރުން ފާޠިމަތު ނަހުލާގެ ސުޕަހިޓް ދެފިލުމު ކަމުގައިވާ ޔޫސުފާއި، ނިޢުމާއަކީވެސް އާއްމުންގެ މެދުގައި ވަރަށް މަޤުބޫލުވި ދެ ފިލްމެވެ.

އަޙުމަދު ނިމާލުގެ އަނބިކަނބަލުން ފާޠިމަތު ރަމީޒާއާއެކުގައިވެސް ނިމާލު ބައެއް ފިލްމުތައް ކުޅެފައިވެއެވެ. އަދި އަނބިކަނބަލުންގެ އާއިލީ ބޭފުޅަކާއި އެކު އާޓް ވޭވްސް ގެ ނަމުގައި ފިލްމް ކުންފުންޏެއް އުފައްދަވައި އެކުންފުނިން ބައެއް ފިލްމުތައްވެސް އުފައްދައި ނެރުނެވެ.
ފިލްމީ ދާއިރާއިން މިއަދު ކްރިސްޓަލް އެވޯޑާއި ޤައުމީ ފިލްމީ އެވޯޑުވެސް ނިމާލު ޙާސިލްކުރައްވާފައި ވެއެވެ.
ނިމާލާއި ބެހޭ ގޮތުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަދި ކޮށްފައިވާ ފަންނާނުންވެސް ބުނެފައި ވަނީ، ނިމާލުގެވަކިވުމަކީ ފިލްމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމަށެވެ.
މިއަދުގެ ޢަސްރު ނަމާދަށްފަހު، އާސަހަރާގައި ނިމާލުގެ ޖަނާޒާ ބޭއްވި އިރު، ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެޖަނާޒާގައި ބައިވެރިވިއެވެ. ޚާއްޞަކޮށް މިވަގުތު މާލޭގައި ތިބި ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުން ބައިވެރިވިއެވެ.

ނިމާލު ނިޔާވީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހިގެންނެވެ. އޭނާއަށް ސްޓްރޯކް ޖެހުނީ، ސޯސަންމަގުން އޭޑީކޭ ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ނިމާލްއަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވީ، މިއަދު އެވެ.
ނިމާލްއަށް ސްޓްރޯކެއް ޖެހުމުގެ އެއްދުވަސް ކުރިން، ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު، ނިމާލުގެ އެކުވެރި ފިލްމު ޑައިރެކްޓަރު ފައްތާޙްއަށް ކެލާގައި ހުއްޓައި ސްޓްރޯކެއްޖެހި، ފަރުވާލިބުން ލަސްވިކަމުގެ ކަންބޮޑުވުންތައް ނިމާލު ފާޅުކޮށްފައިވެއެވެ. ނިމާލުގެ ފޭސްބުކް ޕޭޖުގައި ނިމާލު އެންމެ ފަހުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީވެސް ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ހާލަތާއި މެދުގައެވެ.
ނިމާލު ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ، ނިމާލުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް