ދިއްގަރު ދާއިރާގެ ރައީސް ކަމުންވެސް ނާޒިމް ވަކިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުގެ މަޤާމުންވެސް އެދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ނާޒިމް ވަކިކޮށްފިއެވެ.
ނާޒިމް އެމަޤާމުން ވަކިކޮށްފައިވާކަން ނުރަސްމީ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން ޕީއެންސީން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޕީއެންސީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން އެ ދާއިރާއެއްގައި ހުންނަ މަޖިލިސް މެމްބަރަކީ، ދާއިރާގެ ރައީސެވެ.
ނާޒިމް ޕީއެންސީގެ ދާއިރާ ރައީސް ކަމުން ވަކިކޮށްފައި މިވަނީ، ދާދިފަހުން އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ވަކިކުރުމަށް މަޖިލީހަށް ޤަރާރު ހުށައަޅާފައި ވަނިކޮށް އޭނާ އެ މަޤާމުން އިސްތިއުފާ ދީފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުންގެ ފަރާތުންނާއި ސިޔާސީ އެހެން ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ނާޒިމް އާއި ރައީސުލްޖުމްހޫރިއްޔާ އާއި ދެމެދު ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ނާޒިމް މަޤާމުތަކުން ވަކިކުރައްވަމުން ގެންދަވަނީ އެހެންވެގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް އިސްތިއުފާ ދެއްވީ، ރާއްޖެއިން ބޭރުގައި ހުންނަވައެވެ. އޭނާ ރާއްޖެ ވަޑައިގަންނަވާނެ ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނޫނެވެ. އެކަމާއި ގުޅޭ ގޮތުން މީޑިއާއިން ކުރާ ސުވާލުތަކަށް ނާޒިމް ޖަވާބެއް ނުދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް