މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމަށް ބާއްވާ ޖަލްސާ އާދީއްތަ ދުވަހު ބާއްވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް --- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމުގެ ގޮތުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިހަފްތާގެ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިޖަލްސާގެ އެޖެންޑާ މިހާރު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި އާއްމުކޮށްފައެވެ.
މިމަހުގެ 31 ވަނަ ދުވަހު ބާއްވާ މިޖަލްސާއަކީ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20ވަނަ ޖަލްސާއެެވެ. މިޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ވެސް އެމައްސަލަ އެކަންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމަކީ، ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާއަށް އިންތިޚާބުވީ މެމްބަރެކެވެ. އޭނާ މަޤާމުން ވަކިކުރަން ބޭނުން ވަނީވެސް ޕީއެންސީންނެވެ. ނާޒިމް ވަކިކުރުމަށް މަޖިލީހަށް ހުށައެޅި ޤަރާރުގައި 40ވުރެ ގިނަ މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ނާޒިމް ވަކިކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޟިރުވެވަޑައިގަންނަވާ މެމްބަރުގެ ތެރެއިން އަޣުލަބިއްޔަތު ލިބިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 93 މެމްބަރުން ތިއްބަވާއިރު، 80 މެމްބަރުންގެ ވޯޓާއިއެކު ނާޒިމް މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބު ކުރީ، މީގެ 2 އަހަރު ކުރިންނެވެ.
ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ވަކިކުރާއިރު، ނާޒިމް ވަކިކުރުމަށް ހުށައެޅި ޤަރާރުގައި ތުހުމަތުކޮށްފައި ވަނީ، މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާކަމަށެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ގުޅޭ ވާހަކަތަކެއްގެ މައްޗަށް ޢަދަދު ނޫހުން އުފައްދައި ޝާއިޢު ކުރި ޑޮކިއުމެންޓްރީގައި ނާޒިމްގެ ބައިވެރިވުމަށް އޮތްކަމަށްވެސް ތުހުމަތުކޮށް، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް